بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް، ދައުލަތުގެ ވަޒީރުން، މާފުށީ ކައުންސިލްގެ މެންބަރުން، މި އަހަރުގެ ރެހެންދި އެވޯޑް ޙާޞިލު ކުރެއްވި ބޭފުޅުން، މާފުށީގެ ލޮބުވެތި ރައްޔިތުން، އަދި މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ހީވާގި ހުރިހާ އަންހެނުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

މިއީ އަޅުގަނޑުމެންނާ ބައްދަލުކުރި ވަރަށް އުފާވެރި ދުވަހެއް. އިންސާނީ މުޖްތަމަޢު އެބަޔަކާ ނުލައި ފުރިހަމަނުވާ، އަންހެނުންގެ އަގު ވަޒަންކުރުމުގެ ގޮތުން، ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހަކީ، މާރިޗު މަހުގެ 8 ވަނަ ދުވަސް. މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ އަންހެނުންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ ދަންނަވަން.

މީގެ ކުޑައިރުކޮޅެއް ކުރިން، މި އަހަރުގެ ރެހެންދި އެވޯޑް ޙާޞިލު ކުރެއްވި، ހުރިހާ ބޭފުޅުންނަށްވެސް މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން. ހަމައެފަދައިން، އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށާއި، އަންހެނުން ބާރުވެރިކުރުމަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް ތަހުނިޔާ އާއި މުބާރިކްބާދީ ދަންނަވަން.

ބައިނަލްއަޤްވާމީ ފެންވަރުގައި އަންހެނުންގެ ދުވަހެއް ފާހަގަކުރުމުގެ ޙަރަކާތްތައް ފެށިފައިވަނީ، ނިމިދިޔަ ޤަރުނުގެ އެންމެ ކުރީކޮޅުގެ އަހަރުތަކުގައި. އެ ޙަރަކާތްތައް އެކި ޤައުމުތަކަށް ފެތުރެމުން އައިސް، އދ. މަޖިލީހުން އެ ދުވަސް ފާހަގަކުރަން ފެށީ، 1975 ވަނަ އަހަރު.

މި ދެންނެވި ތާރީޚުތަކަށް ބަލާއިރު، އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށާއި، އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމަށް، އަޑު އުފުލަމުން އަންނަތާ ޤަރުނަކަށްވުރެ ގިނަ ދުވަސްވެއްޖެ. އެހެންނަމަވެސް، އޭގެ ޙަޤީޤީ ނަތީޖާ ޙާޞިލުވާން އަދި ކައިރިވެސްނުވޭ.

މިދިޔަ ދިހަ އަހަރުގެ ދިރާސާތަކަށްފަހު، ވާރލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން، ފިރިހެނުންނާއި އަންހެނުންނަށް ހަމަހަމަ ޙައްޤުތަކެއް ލިބިދީފައިވަނީ، ދުނިޔޭގެ އެންމެ ހަ ޤައުމުގައި. ޤާނޫނީ އަދި އިޤްތިޞާދީ ގޮތުން ހަމަހަމަ ފުރުޞަތު ހޯދައިދިނުމުގެ މަސައްކަތް ކުރެވެނީވެސް އެހާމެ މަޑު ދުވެއްޔެއްގައި.

އަޅުގަނޑުމެން ޤަބޫލުކުރަން، އަންހެނުން ބާރުވެރިކުރުވައި، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ، ހަމައެކަނި ޤާނޫނު އިޞްލާޙުކޮށްގެން ކުރެވޭނެ ކަމެއް ނޫންކަމަށް. ޤާނޫނުތަކުން އެކަމަށް މަގުފަހިކުރުމަކީ ކުރަންޖެހޭ ކަމެއް. ހަމައެއާއެކު، އެކަން ކުރުމުގެ ދެމެހެއްޓެނިވި ސިޔާސަތެއް އޮންނަން އެބަޖެހޭ. އަދި އެކަން ކުރުމުގެ ވަރުގަދަ ޢަޒުމެއްވެސް، އަޅުގަނޑުމެންގެ ކިބައިގައި އޮންނަންޖެހޭ.

ރާއްޖޭގެ ސިވިލް ސަރވިސް އަށް ބަލާއިރު، ތިންބައިކުޅަ ދެބަޔާ ގާތްކުރާ ޢަދަދަކަށް ތިބީ އަންހެނުން. އެއީ 61 އިންސައްތަ. ފިރިހެނުންގެ ނިސްބަތަކީ އެންމެ 39 އިންސައްތަ. އެކަމަކު ސިވިލް ސަރވިސްގެ އެންމެ މަތީ ފަންތީގައި، ޙަޤީޤަތް އޮތީ މިއާ ދިމާ އިދިކޮޅަށް. ސިވިލް ސަރވިސްގެ އެގްޒެކެޓިވް ލެވެލްގެ 61 އިންސައްތަ ވަޒީފާގައި ތިބީ މުޅިންވެސް ފިރިހެނުން. މި ފަންތީގައި އަންހެނުންގެ ނިސްބަތަކީ އެންމެ 39 އިންސައްތަ.

މިއީ އެއްވެސް ހަމަޔަކުން ބަލާއިރު، މިކަން ވާންޖެހޭނެ ގޮތެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިއީ އަންހެނުން ބާރުވެރިކުރުމުގެ ވާހަކަ ދައްކާއިރު، ބަދަލުކުރަން ޖެހިފައިވާ ޘަޤާފަތެއް. އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ދާއިރާއެއްގައިވެސް، މަތީ މަޤާމުތަކުގައި، އަންހެނުންގެ ޙިއްޞާ، މިހާރަށްވުރެ ބޮޑަށް އިތުރުކުރަން.

އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ އެ އަމާޒަށް. މި ސަރުކާރުގެ ކެބިނެޓްގައި 20 ވަޒީރުން ހިމެނިވަޑައިގަންނަވާއިރު، ކެބިނެޓްގެ 35 އިންސައްތައަކީ އަންހެނުން. އެމްބެސެޑަރުންނާއި، ޑެޕިއުޓީ އެމްބެސެޑަރުންގެ ގޮތުގައި 19 ބޭފުޅުން ތިއްބެވިއިރު، އޭގެ ތެރެއިން 31.5 އިންސައްތައަކީ އަންހެނުން. އަޅުގަނޑު ހިތުން މިއީ، ސިޔާސަތުތައް އެކުލަވައިލާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް.

އެންމެފަހުގެ ބޯހިމެނުމަށް ބަލާއިރު، ރާއްޖޭގައި ތިބި މަސައްކަތް ލިބިފައިވާ ދިވެހީންގެ 63 އިންސައްތައަކީ ފިރިހެނުން. އަންހެނުންގެ ނިސްބަތަކީ އެންމެ 37 އިންސައްތަ. މި ނިސްބަތް އެހާ ދަށްއިރު، ވަޒީފާއެއް އަދާކުރަން ފެށުމަށްފަހު، ވަކި ހިސާބަކުން ވަޒީފާ ދޫކޮށްލާ އަންހެނުންގެ ނިސްބަތްވެސް އެހާ މަތި.

މި ދެންނެވި ޙާލަތު އަންހެނުންނަށް މެދުވެރިވަނީ، ޒަވާޖީ ޙަޔާތެއް ފެށުމުން، އެހެން ނޫނީ، ދަރިޔަކު ލިބޭ ހިސާބުން. އެހެންކަމުން، ތުއްތު ދަރިފުޅު ގޮވައިގެން އޮފީހުގައި އުޅެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، މިހާރުވެސް ކުރަން ޖެހިފައި އޮތް ކަމެއް.

މި ރާއްޖޭގެ ފަޚުރުވެރި މާޒީގެ ވާހަކަ އަޅުގަނޑުމެން އެބަ ދައްކަން. މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމަކީ ރާއްޖެ ކަމަށްވެސް އެބަ ބުނަން. ޖީ.ޑީ.ޕީ.ގެ ނިސްބަތުން ބަލާއިރު، ދެކުނު އޭޝިޔާގެ އެންމެ މުއްސަނދި ޤައުމަކީވެސް ރާއްޖެ ކަމަށް އެބަ ބުނަން.

ނަމަވެސް މި ޤައުމު، ޤައުމަކަށް ހަދައިދިން މީހުންގެ މަތިން ހަނދާންހުރީ، ކިތައް މީހުންތޯ؟ އަޅުގަނޑު މި ދަންނަވަނީ "މަސް އޮޑި މަހުން ލެފީމާ، މަސް ބައި ގެޔަށް ގެނައިމާ، މަސް، ލާރިއަށް ހަދައިދޭ" ދިވެހި އަންހެނުންގެ ވާހަކަ. އަޅުގަނޑުމެން ދައްކަން މިއުޅެނީ، "އަލި އުދަރެހުން ވިލޭއިރު، ބޮލި ހިލުމުގައި މަތީ ފަރު، ހެލިފެލިވަމުން އެދާ، ނަލަ ދިވެހި އަންހެނުންގެ ވާހަކަ.]

އެއީ އަޅުގަނޑުމެންގެ ރާއްޖެ ދުށް ފިސާރި ކަނބަލުންނަކީ. ރާއްޖޭގެ ކޮންމެ ދިމާޔަކުން މިއަދު އިވެނީ، އެފަދަ ކަނބަލުންތަކަކަށް އެދި މި ޤައުމު ގޮވާ އަޑު. އެ ގޮވައިލުމަށް އިޖާބަދީ، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ޞިނާޢަތް ހިންގައި ބެލެހެއްޓުމުގައި، އަންހެނުންގެ ދައުރު ފުޅާކުރަން އެބަޖެހޭ. ޤައުމުގެ ތަރައްޤީއަށް އިތުރު ދިރުމެއް ލިބޭނީ އޭރުން.

[ތިއީ އަންހެނުން ކުރާ ޒާތުގެ މަސައްކަތެއް ނޫނޭ] ބުނާ އަޑު، މިއަދުގެ ދިވެހި އަންހެނުން އަހާކަށް ބޭނުމެއްނުވޭ. ބައެއް ރަށްރަށުގެ އަންހެނުން، މަސްކަނޑުތަކަށް ނުކުމެ، އެކަން ސާބިތުކޮށްދީފި. ފުނަށް ފީނުމުގެ ޞިނާޢަތުގައި، މަދު ނޫން ޢަދަދެއްގެ ދިވެހި އަންހެނުން އެބަތިބި. އިންޖިނޭރުންނާއި، ޕައިލެޓުންގެ ގޮތުގައިވެސް ދިވެހި އަންހެނުން އަންނަނީ ޙަރަކާތްތެރިވަމުން.

ސިޔާސީ އެންމެ މަތީ މަޤާމުތަކުގައިވެސް އަންހެނުން އަންނަނީ، ޤައުމުގެ ކަންކަން ކުރިއެރުވުމުގައި، ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން. މިނިސްޓަރުންނާއި، ސިޔާސީ އެކި މަޤާމުތަކުގައިވެސް ވަރަށް ޤާބިލް އަންހެން ބޭފުޅުން އެބަ ތިއްބެވި. ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުންގެ ކުޅަދާނަކަމާއި ކެރުމާމެދު އިތުރު އެއްޗެއް ދެންނެވުމުގެ މާނައެއް ނެތް.

އަންހެނުން ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްޤީގައި އަންހެނުންގެ ޙިއްޞާ އިތުރުވާނޭހެން ކަންކަން ބައްޓަން ކުރުމަކީ، ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް. އެ ސިޔާސަތު ފުރިހަމައަށް ތަންފީޒު ކުރެވޭނީ، އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތައިލުމުގައި، ޢާއިލާއާއި މުޖްތަމަޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން.

ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަކީ، މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު. އެ މަސައްކަތް އަޅުގަނޑުމެން ފަށައިގަންނާނީ، ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާއެކު. އެ ދަރިފުޅަށް ހޭހަންކުރުމުގެ ގޮތުން، ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް، މިއަދުން ފެށިގެން، ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް، މުސާރައާ އެކުގައި ލިބޭނެ.

އަދި ސިވިލް ސަރވިސްގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް، އެއްމަސްދުވަހުގެ ޕެޓަރނިޓީ ލީވްވެސް، މުސާރައާއެކުގައި ލިބޭނެ. މީގެ އިތުރުން، ހަ މަސް ނުވާ ދަރިން ތިބިނަމަ، އެ ކުދިންގެ އުމުރުން ހަ މަސް ވަންދެން، ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެކުދިންގެ މައިންބަފައިންނަށްވެސް، މި ސިޔާސަތުގެ ދަށުން ޗުއްޓީ، މިއަދުން ފެށިގެން ލިބޭނެ.

ސިޔާސީ މަސްރަޙަށް ބަލާއިރު، އިންތިޚާބު ކުރެވޭ ސިޔާސީ މަޤާމުތަކުގައި މިހާރުވެސް ގިނައީ ފިރިހެނުން. ނަމަވެސް އެ އިންތިޚާބުތަކުގެ ކެމްޕެއިން މެޝިން ހިންގައިދޭ ގިނަ މީހުންނަކީ އަންހެނުން. ހުރަސްތައް ކުރިމަތިވަނީ، އަންހެން މީހާ ސިޔާސީ މަޤާމަކަށް ނުކުންނަން ބޭނުންވާ ހިސާބުން.

އަންހެނުންނަށް ހަމަހަމަ ފުރުޞަތާއި، މަތީ މަޤާމުތައް ހޯދައިދިނުމުގެ ވާހަކަ، ލައްކަ ދުވަހު އަޅުގަނޑުމެންނަށް ދެއްކިއްޖެ. ގެވެށި އަނިޔާ ހުއްޓުވައި، ތަފާތުކުރުން ނައްތައިލާނެ ވާހަކަވެސް ވަރަށް ގިނައިން ދެކެވިއްޖެ. މި ސަރުކާރުން ބޭނުންވަނީ، ބަސް މަދުކޮށް، ޢަމަލީ ގޮތުން އެކަންކަން ޙާޞިލު ކުރަން.

އެގޮތުން، މި ސަރުކާރުން ޤާއިމުކޮށްފައިވާ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، މި މަހުގެ ތެރޭގައި ބޭންކަކަށް ބަދަލުވެ، ލޯނު ދޫކުރަން ފެށުމުން، އަންހެނުންގެ ބައިވެރިވުމާއެކު އިޤްތިޞާދު ކުރިއަރައިގެންދާނެ. އެ އަމާޒު ޙާޞިލުކުރުމަށް، އެސް.އެމް.އީ ލޯނުގެ 20 އިންސައްތަ އަޅުގަނޑުމެން މި ޚާއްޞަކުރަނީ، އަންހެނުންނަށާއި ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް.

ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކޮށް، އަންހެނުން ބާރުވެރިކުރުމަކީ، އަޅުގަނޑަށް ވަރަށް މުހިންމު ކަމެއް. އެހެންކަމުން، ކައުންސިލްގެ ގޮނޑީގެ ވަކި އިންސައްތައެއް، ހަމައެކަނި އަންހެނުންނަށް ޚާއްސަކުރުމަށް، ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލް، ވަރަށް އަވަހަށް މަޖިލީހަށް ފޮނުވުމަށް އަޅުގަނޑު މިހާރު ވާނީ ނިންމާފައި.

މިއީ ސިޔާސީ ގޮތުން ކަންކަން ނިންމުމުގައި، އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި ކުރިއަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށްވާނެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، މިހާރު ޤައުމު އޮތް ޙާލަތުން އެއަށްވުރެ މަތީ މަރުޙަލާއަކަށް ގެންދެވޭނީ، އަންހެނުން ބާރުވެރިކޮށްގެން.

އިންސާނީ ނަސްލު ފުރިހަމަވެގެންދަނީ އަންހެނުންނާއެކު. އިންސާނީ ވަންހަ އެ މައްޗަށް ބިނާވެފައިވާ ތަރަހައަކީވެސް އަންހެނުން. އެހެންވީމާ، އަންހެނުން ބާރުވެރިކުރުވުމަކީ މުޅި މުޖްތަމަޢު ބާރުވެރިވެގެންދާނެ ކަމެއް. އެއީ ފިރިހެނުންވެސް ބާރުވެރިވުން.

މިފަދަ މުހިންމު ބަޔަކު ބާކީކޮށް، ހަވާސާކޮށްލައިގެން ހޯދޭނެ ކުރިއެރުމެއް ނޯންނާނެ. އަންހެނުންނާމެދު ކަމޭހިތައި، އޯގާތެރިކަން އިސްކޮށް، އަންހެނުން ބާރުވެރިކުރުވައި، މުޖްތަމަޢުގައި ޙައްޤު މަޤާމަށް އަންހެނުން ގެންގޮސްދިނުމަކީ، އަޅުގަނޑުމެން އެންމެންގެ ވާޖިބެއް.

މިއަދު މާފުށީގައި ހުރެ އަޅުގަނޑު ވާހަކަ ދައްކާއިރުގައި، މި ސަރުކާރުން ރާއްޖެ ތަރައްޤީ ކުރުމުގައި އަދި ޚާއްޞަކޮށް، މި ދާއިރާގެ ކަންތައްތައް ތަރައްޤީ ކުރުމުގައި، މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރަން ނިންމާފައިވެސް ހުރި ގިނަ ކަންތައްތަކެއް އެބަހުރި. މާފުށްޓަކީ އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ އިޤްތިޞާދުގެ ވަރަށްބޮޑު ބައެއް ޙިއްޞާކުރާ ރަށެއް. މި ރަށުގެ ބިމުގެ މައްސަލައަކީ، ވަރަށްބޮޑު މައްސަލައެއް. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ދެވަނަ ކުއަރޓަރގައި، މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން.

އަދި ހަމަ އެއާއެކުގައި، މާލެއަތޮޅު ދެކުނުބުރީގައި މި އޮތް ގުޅި، ގުރައިދުއަށް ބަލާއިރުގައި، ގުރައިދުއަކީވެސް ބިމުގެ ދަތިކަން ނިހާޔަތަށް ބޮޑުވެފައި އޮތް ރަށެއް. އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދުތެރޭގައި، ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ފަށާނެ ވާހަކަ ދަންނަވަން. އަދި ގުޅީގެ ފެނާއި ނަރުދަމާގެ ނިޒާމު، މި އަންނަ ހަފްތާގެ ތެރޭގައި އިޢުލާނުވެސް ކުރެވިގެންދާނެ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ އަންހެނުންނާމެދު އޯގާތެރިކޮށް ހިތައި، އަންހެނުންނަށް ކުރިއެރުމާއި ފާގަތިކަން ހޯދައިދޭން މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން. މި ރާއްޖޭގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ ހެޔޮ ތައުފީޤު ދެއްވައި، ސިޔާސަތު ކަނޑައެޅުމުގެ ފަންތިއަށް އައުމުގެ ހިތްވަރާއި ކެރުން، ދިވެހި އަންހެނުންނަށް މިންވަރު ކުރައްވާށި! އާމީން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.