ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ގާފަރަށް މިއަދު ޒިޔާރަތް ކުރައްވައި، އެރަށު ކައުންސިލާއި، އެރަށުގެ ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާ ބައްދަލު ކުރައްވައިފިއެވެ.

ގާފަރު ކައުންސިލްގެ އިދާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި، ގާފަރު ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް އެރުވިއެވެ. މިގޮތުން، ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި، އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތުމާއި، ރަށް ގިރުންފަދަ މައްސަލަތައް ގާފަރު ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި، ގާފަރު ސްކޫލްގައި ދިމާވަމުންދާ ޖާގައިގެ ދަތިކަމާއި، ސިއްހީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވެފައިވާކަން އެ މުއައްސަސާތަކުގެ ވެރިން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ މި ފަދަ ދަތުރުފުޅުތަކަކީ ރައްޔިތުންގެ ކަންކަން އެންމެ ގާތުން ބައްލަވައި، އެކަންކަން ފުއްދައިދެއްވުމަށް މަސައްކަތްކޮށްދެއްވުމުގެ މަގުސަދުގައި ކުރައްވާ ދަތުރުފުޅުތަކެއްކަމުގައި ވިދާޅުވިއެވެ. އަދި ގާފަރު ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށު ސްކޫލާ ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށް އިޖުތިމާއީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި، ޚާއްޞަކޮށް ދުޅަހެޔޮ ހަށިހެޔޮ ޖީލެއް ބިނާ ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ގާފަރު ކައުންސިލްގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ. އަދި، ރައްޔިތުންގެ ތެރޭގައި ހަމަޖެހުން ދެމެހެއްޓުމުގައި ކައުންސިލްގެ މުހިންމު ދައުރު ފާހަގަ ކުރައްވައި، އެކިއެކި ކަންކަމާ ބެހޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކައުންސިލުން އިސްނަންގަވައިގެން މަސައްކަތްކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.