ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ހުރާ ކައުންސިލް މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވައިފައެވެ. 

އެގޮތުން ރަށުގެ ސުކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ބަނދަރު ކުޑަވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، ކަރަންޓުގެ މައްސަލަތަކުގެ އިތުރުން ބޭންކުގެ ޚިދުމަތް ރަށުގައި ލިބެން ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، އިޖުތިމާޢީ އަދި ތަރައްޤީގެ ރޮނގުން ކައުންސިލުން ކުރެވިދާނެ ކަންކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން، ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސްކޫލާ ގުޅިގެން މަސައްކަތް ކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ރަނގަޅު އާދަތައް އަށަގެންނެވުމަށް އާންމުން ހޭލުންތެރި ކުރުވުމަށް އިތުރު ހަރަކާތްތައް ރޭވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ. އަދި ބަޖެޓުގައި ހިމެނިފައިވާ ކަންކަން އަވަސްކުރުމަށް ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަން ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ކައުންސިލް މެންބަރުންނަށް އެރުވިއެވެ.