ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހިންނަވަރު ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ކައުންސިލް މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ރަށުގައި ގޯތިގެދޮރުގެ ދަތިކަމާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުން ކަމުގައި ކައުންސިލް މެންބަރުން ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ކައުންސިލް މެންބަރުން ވަނީ ފުޓުބޯޅަދަނޑާއި ޒުވާނުންގެ މަރުކަޒު އިތުރަށް ތަރައްޤީކުރަން ރަށުގެ ޒުވާނުން ބޭނުންވެފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި ކައުންސިލް މެންބަރުން ވަނީ ފެރީގެ ނިޒާމު ހަރުދަނާކުރެވޭނެ މަގެއް ފަހިކޮށްދެއްވުމަށާއި ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ކައުންސިލް މެންބަރުން ހުށަހެޅުއްވިއެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުގެ ތެރެއިން އެއްބާރުލެއްވުން ދެއްވައި، ކޮށްދެއްވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.