ދިވެހި ބަހަށް އިސްކަން ދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަމަށާއި ވަކީން ޚާއްޞަކޮށް، ދިވެހި ބަހުން ލިޔާ ލިޔުންތައް، ބަހުގެ ޤަވާޢިދާއި ހަމަތަކާ އެއްގޮތަށް ލިޔުމަކީ، ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަމަވުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނެއްގެ ވެހި ބަސްބަހަކީ ވަރަށް އަގުބޮޑު މާނަވީ ތަރިކައެއްކަމުގައި ސިފަކުރައްވައިފައެވެ. އަދި އެ ތަރިކަ ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ އެއިރެއްގައި އެ ތަނެއްގައި ދިރިއުޅޭ ބައެއްގެ ޒިންމާއެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިބަސް ދިރުވައި އާލާކުރުމަށްޓަކައި ދިވެހިބަހުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުމަކީ ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހިބަސް އަހުލުވެރިކުރުވުމަށާއި، އެކަމުގެ ފަންނީ މަސައްކަތްތަކަށް އެހީތެރިވެދޭން މި ސަރުކާރުން  ތައްޔާރަށް އޮތްކަން ހާމަކުރައްވައިފައެެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިބަސް ދިރުވައި އާލާކުރުމަށް މިހާރު ކުރެވިދާނެ މަސައްކަތްތަކާއި މުސްތަޤްބަލުގައި ކުރެވިދާނެ ކަންތައްތައް ޙިއްޞާ ކުރައްވައިފައެވެ.

އެބައެއްގެ މާދަރީ ބަހަށް ލޯބިކުރުމާއި، އެބަހެއް ދިރުވައި އާލާކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލި އަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަކީ ބަހަވީ ސިންދަފާތުކަމުގައެވެ.

މިއަހަރުގެ މާދަރީ ބަހުގެ ޝިޢާރުގެ މައްޗަށް ބައްލަވައިލައްވަމުން އެމަނިކުފާނު ވަނީ އިންސާނުންނާއި ތަރައްޤީ ގުޅުވައިދޭ ފާލަމަކީ އެބައެއްގެ މާދަރީ ބަސްކަމުގައި ވިދާޅުވެފައެވެ. އަދި މުޖްތަމަޢުގެ ޞުލްޙަ މަސަލަސްކަން ދަމަހައްޓައިދީ އެބައެއްގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކޮށްދެނީ ވެސް މާދަރީ ބަހުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ދިވެހި ދައުލަތް އެކި ޒަމާންތަކުން ފިރުކެމުން، މިޒަމާނާ ހަމައަށް އައީ، ދިވެހި ބަސް ކޮނޑުއަޅައިގެންކަމުގައެވެ. އެހެންކަމުން ދިވެހި ދައުލަތުގެ މުސްކުޅިކަމާ މެދު އުފެދޭ ފަޚުރުވެރިކަމަކީ، ދިވެހިބަހާ މެދު ކުރެވޭ އުފާވެރިކަމުގެ އިޙްސާސެއް ކަމުގައިވާންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.