ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދު އަތޮޅު އުތުރުބުރީ ކޫއްޑޫއަށާއި ވިލިނގިއްޔަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން ހުވަދު އަތޮޅު އުތުރުބުރީ ކައުންސިލް މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު ވިލިނގިލީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އަތޮޅު ކައުންސިލުން ގއ. އަތޮޅުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، އަތޮޅުގެ ރަށްރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި، ރަށްރަށުގެ ކަންކަން ތަރައްޤީކޮށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ.

އެގޮތުން އަތޮޅު ކައުންސިލު މެންބަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވާ ގޮތުން ރަށްރަށުގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަމެވެ. މީގެއިތުރުން އަތޮޅުގެ ރަށްރަށުގައި ކުށް ގިނަވަމުން ދާތީ އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައިފައެވެ. މިގޮތުން ބަނދަރާއި، ފެނާއި ނަރުދަމާއާއި، ކަރަންޓާއި، ކުނި ނައްތަލުމާއި، ކުޅިވަރު ކުޅޭނެ ދަނޑުތަށް އަތޮޅުގެ ރަށްރަށުގައި ޤާއިމުކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޢުލޫމާތު ޙިއްޞާކުރައްވާފައި ވެއެވެ. މީގެ އިތުރުން ވެސް އަތޮޅުގެ ރަށްރަށުގައި އިޖްތިމާޢީ ގޮތުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައިފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ގއ. އަތޮޅު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ބަޖެޓު ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ކައުންސިލްތައް ބާރުވެރި ކުރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.