ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވަދު އަތޮޅު އުތުރުބުރީ ކޫއްޑޫއަށާއި ވިލިނގިއްޔަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގެ ކައުންސިލް މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު ވިލިގިނލި ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަކުރެއްވުމުގައި، ވިލިނގިލީ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާއި، ރަށުގެ ތަރައްޤީއަށްޓަކައި ކައުންސިލުން ގެންގުޅޭ ވިސްނުން ކައުންސިލް މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. މިގޮތުން، ވިލިނގިލީގައި ފުރިހަމަ ނުވާ އުމްރާނީ ވަސީލަތްތަކާއި، އަސާސީ ޚިދުމަތްތައް ހުރިކަން ފާހަގަކުރައްވައި އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މީގެ އިތުރުން ރަށުގެ އިޖުތިމާއީ ތަރައްޤީ އަށާއި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކައުންސިލުން ރާވާފައިވާ ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވިލިނގިލީ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ސަރުކާރުގެ ތެރެއިންހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ރަށްރަށުގެ ކައުންސިލްތަކާއެކު ބާއްވަވާ މިފަދަ ބައްދަލުވުންތަކުގެ ބޭނުންފުޅަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް ދެނެގަތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.