بســم اللّـه الرّحمـن الرّحيــم


اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.


މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު، ދައުލަތުގެ ވަޒީރުން، ބޭންކް އޮފް މޯލްޑިވްސްގެ އިންޗާރޖް ޢާއިޝަތު ނޫރައްދީން، ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީ.އީ.އޯ މުޙައްމަދު ޝަރީފް، މިފްކޯ ހިންގުމާ ހަވާލުވެ ހުންނެވި އިސްމާޢީލް ފައުޒީ، މަސް ގަންނަ ކުންފުނިތަކުގެ އިސްވެރިން، ދިވެހިރާއްޖޭގެ ހީވާގި މަސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.


މިއަދަކީ، ދިވެހި މަސްވެރީންނާއި މަސްވެރި ޢާއިލާތަކަކަށް އުފާވެރިކަން، އެތައް ގުނައަކަށް އިތުރުވެގެންދާނެ ދުވަހެއް. މަސްވެރީން އެތައް އަހަރެއް ވާންދެން ކުރަމުންދިޔަ ޝަކުވާތައް ނިމުމަކަށް އައި ދުވަހެއް. ހަމައެފަދައިން މަސްވެރީން ކުރާ ބުރަ މަސައްކަތުގެ ޙަޤީޤީ ނަފާ ލިބިގެންދާ ދުވަސްވެސްމެ.


ރިޔާސީ ކެމްޕޭންގެ ތެރޭގައި، އަޅުގަނޑުމެންނާއި ރާއްޖޭގެ ހީވާގި މަސްވެރިންނާ ދެމެދު، ވަރަށް އެކުވެރި މާޙައުލެއްގައި ވާހަކަ ދެކެވި މަޝްވަރާތައް ކުރެވުނު. މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ، މަސް ކިރުވުމުން ވަގުތުން ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުން. ދެން ހުރި އަނެއް ޝަކުވާއަކީ، ބޭންކު ނިޒާމުގެ ތެރޭގައި މަސްވެރީން ނުހިމެނޭ މައްސަލަ.


ކްރެޑިޓް ސްކީމްތަކުގަޔާއި، ލޯނު ސްކީމްތަކުގައި، ފަސޭހައިން ބައިވެރިވެވޭނެ ގޮތެއް ނެތުމަކީވެސް، މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. މީގެ އިތުރުން، މަސްވެރި ރަށްރަށުގައި ފައިސާ ރައްކާކޮށް ޖަމާކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީވެސް މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް.

 

މި ޝަކުވާތައް އަޑުއެހުމަށްފަހު، އަޅުގަނޑުމެން ވަޢުދުވީ، މަސްދޯނި އެކައުންޓް ހުޅުވައިދީ، ބޭންކިންގ ނިޒާމުގެ ތެރެއަށް ވަދެވޭނެ މަގު މަސްވެރީންނަށް ތަނަވަސްކޮށްދިނުމަށް. އަދި ރަށުގައި ފައިސާ ޖަމާކޮށް ނެގޭނެ ވަސީލަތްތައް ޤާއިމުކޮށްދިނުމަށް. ހަމައެފަދައިން، ލޯނުތަކާއި ކްރެޑިޓް ސްކީމްތައް މަސްވެރިންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީވެސް އަޅުގަނޑުމެންގެ ވަޢުދެއް.


މާތް ﷲގެ ވާގިފުޅާއެކު، މިއަދަކީ އަޅުގަނޑުމެންގެ އެ ވަޢުދު ފުދިގެންދާ ދުވަސް. ބޭންކް އޮފް މޯލްޑިވްސްއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން، ދިވެހި މަސްވެރީންނަށްޓަކައި މިއަދު މި ތަޢާރުފުކުރި، "މަސްވެރިޔާ ކާޑު އަދި ޑިޖިޓަލް ވޮލެޓް"ގެ ޚިދުމަތަކީ، މަސްވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ފިލުވައިދޭނެ ޚިދުމަތެއް.


އެކަމަށްޓަކައި، މި ރާއްޖޭގެ އޮޑިވެރީންނާއި، ކެޔޮޅުންނާއި، ހުރިހާ މަސްވެރީންނަށް، މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި މިފަދަ މުހިއްމު ޚިދުމަތެއް ފަހިކޮށްދެއްވިކަމަށްޓަކައި، ބީ.އެމް.އެލް.ގެ ހިންގުންތެރި މެނޭޖްމަންޓަށާއި، ހީވާގި މުވައްޒަފުންނަށް، އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި، މަސްވެރިންގެ ނަމުގައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.


ހަމައެފަދައިން، ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދަށާއި، އެ މިނިސްޓްރީގެ ހުރިހާ ވެރީންނަށާއި، މުވައްޒަފުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.


މި ޚިދުމަތުގެ ސަބަބުން، ނަގުދު ފައިސާއާ ނުލައި، ރައްކާތެރިކަމާއެކު ވަގުތުން ފައިސާގެ މުޢާމަލާތްތައް ކުރުމުގެ ފުރުޞަތު، އޮޑިވެރިންނާއި މަސްވެރީންނަށް ލިބިގެންދާނެ. މަސްވެރިކަމުން ލިބޭ އާމްދަނީ ދުވަހުން ދުވަހަށް، މަސްވެރިންގެ އެކައުންޓަށް ޖަމާކުރެވޭގޮތްވުމަކީ، ބޭންކިންގ ނިޒާމުގެ ތެރެއިން ލިބޭ އެހެން ޚިދުމަތްތަކަށްވެސް މަގުފަހިވާނެ ކަމެއް.


"މަސްވެރިޔާ ކާޑު"ގެ ޚިދުމަތް ފެށުމުން، މަސް ކިރުވުމާއެކު، އޮޑިވެރިޔާގެ ނުވަތަ ކެޔޮޅުގެ އެކައުންޓަށް ވަގުތުން ފައިސާ ޖަމާކޮށްދެވޭނެ. ކެޔޮޅުގެ އެކައުންޓަށް ފައިސާ ޖަމާވުމާއެކު، އެ ކާޑާ އެކުގައިވާ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން، ދޯނީގެ އެހެން ފަޅުވެރީންގެ އެކައުންޓްތަކަށްވެސް ވަގުތުން ފައިސާ ޓްރާންސްފަރ ކޮށްދެވޭނެ.


އެހެންވީމާ، މީގެކުރީގައި ކަން ހިނގިގޮތަށް، މަސް ކިރުވި ފައިސާ ނުލިބުމުގެ ހިތާމައިގައި، ދުވަސްތައް ގުނަގުނާ ތިބޭކަށް ނުޖެހޭނެ. އަދި ފައިސާ ހޯދުމަށްޓަކައި ދަތުރު ހަދާފައި އެހެން ތަނަކަށް ދާކަށްވެސް ނުޖެހޭނެ.


މި ކާޑުން ކުރެވޭ ބޭނުންތަކަށް ބަލާއިރު، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މި ޚިދުމަތަކީ، މަސްކިރާ ކުންފުނިތަކުން ވަގުތުން ނަގުދު ފައިސާ ދިނުމަށްވުރެވެސް، މާ ރައްކާތެރި މާ ފުރިހަމަ ގޮތެއް. އަތުގައި ފައިސާ ގެންގުޅޭއިރު ދިމާވާ، ފައިސާ ގެއްލުމާއި ފައިސާ ވަގަށް ނެގުންފަދަ، އެތައް ކަމަކުން ރައްކާތެރިކަން ލިބިގެންދާނެ.


އޮޑިވެރީންނަށް މި ކާޑުން ލިބޭނެ އެންމެ މުހިއްމު ފަސޭހައަކީ، ތެޔޮ ގަތުމާއި، އައިސް ގަތުންފަދަ ކަންކަމަށް، އަތުގައި ނަގުދު ފައިސާ ގެންގުޅެން ނުޖެހުން. އަދި މި ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ކުރާ އެއްވެސް މުޢާމަލާތަކަށް، އިތުރު އެއްވެސް ފީއެއް ނުނަގާނެ.


މި ކާޑުން ހޯދޭނެ ޚިދުމަތްތަކާއި، ލިބޭ ފަސޭހަތަކަށް ބަލާއިރު، މިއީ، މާސިންގާ ކަނޑެއްގެ ތެރެއަށް ފެތުރިފައި އޮތް ޖަޒީރާ ޤައުމަކަށް، ވަރަށް އެކަށޭނަ ގޮތަކަށް ފައްކާ ކުރެވިފައިވާ ކާޑެއް. އަބަދާއިއަބަދު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ޖެހިފައިވާ ބަޔަކަށް، ނަގުދު ފައިސާއާ ނުލައި، ޑިޖިޓަލްކޮށް ފައިސާގެ މުޢާމަލާތްތައް ކުރެވޭނެގޮތްވުމަކީ، ވަރަށް ބޮޑު ރައްކާތެރިކަމެއް.


ޢާންމު އުޞޫލަށް ބަލާއިރު، ބޭންކުތަކުން ލޯނު ދޫކޮށް އުޅެނީ، އެމީހެއްގެ މާލީ ފުދުންތެރިކަމާއި ޤާބިލުކަމަށް ބަލާފައި. މަސްވެރީން މި ކާޑު ބޭނުންކުރަން ފެށުމުން، މަސްވެރިންގެ އާމްދަނީގެ ޙާލަތު ބޭންކަށް އެނގެމުންދާނެ. އޭރުން، އޮޑިވެރީންނާއި މަސްވެރީންނަށް ބޭންކުން ލޯނު ލިބުންފަދަ ކަންތައް ފަސޭހަވާނެ.


ހަމައެފަދައިން، މަސްވެރީންގެ އެކައުންޓްތަކުގައި ފައިސާ ރައްކާކުރެވި ދައުރުވަމުންދާ ކަމުގެ ޔަޤީންކަން އޮތުމުން، ތަފާތު ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ކުރިމަގުގައި މަސްވެރީންނަށް ލިބެން ފަށާނެ. އެހެންވީމާ، މިއަދު މި ތަޢާރުފްކުރި މަސްވެރިޔާ ކާޑަކީ، ކިރުވާ މަހަށް ވަގުތުން ފައިސާ ލިބުމުގެ އިތުރުން، އެތައް ޚިދުމަތްތަކެއް ލިބިގެންދާނެ ކާޑެއް.


މަސްވެރިޔާ ކާޑަކީ، ޢުމުރުން ދުވަސްވެ، މަސްވެރިކަމާ ވަކިވާންޖެހޭ ޙާލަތުގައިވެސް، ވަރަށް ބޮޑު އެހީތެރިކަމެއް ވެދޭނެ އެއްޗެއް. މަސްވެރިޔާގެ އެކައުންޓަށް މަހުންމަހަށް އާމްދަނީ ޖަމާވަމުންދާނަމަ، ޕެންޝަން ސްކީމްފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް މަގުފަހިވެގެންދާނެ.


ހަމައެފަދައިން، މަސްވެރިޔާ ކާޑު ބޭނުންކުރުމަށްޓަކައި، ބޭންކުގައި ހުޅުވާ މަސްވެރިޔާގެ އެކައުންޓަކީ، ފައިސާ ފަހަށް ރައްކާކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ.


ބޭންކުގެ ނިޒާމުގެ ތެރެއަށް ވަނުމުގެ ވާހަކަ ދައްކާއިރު، ބައެއް އޮޑިވެރީންނާއި، ބައެއް މަސްވެރިން، ކޮންމެވެސްވަރަކަށް ކަންބޮޑުވުމަކީ އެކަށީގެންވާ ކަމެއް. އެއީ ކުރިން ނަގާފައި އޮތް ލޯނަކަށް އަދިވެސް ފައިސާ ދައްކާ ނުނިމޭތީ. އެހެންނަމަވެސް، މަސްވެރިޔާ އެކައުންޓަށް ޖަމާވާ ފައިސާކޮޅު، އެ ލޯނަކަށް ނުކަނޑާނެ.


މަސްވެރީންނަށްޓަކައި މިއަދު މި ތަޢާރުފްކުރި ޚިދުމަތަކީ، މަސްވެރީންނަށް ޚިދުމަތް ދޭ ކުންފުނިތަކަށްވެސް ވަރަށް ބޭނުންތެރި ޚިދުމަތެއްކަން ޔަޤީން. އެއީ، މަސް ކިރުވާ ދޯނިތަކަށް ދޭންޖެހޭ ނަގުދު ފައިސާ، އެއްތަނުން އަނެއް ތަނަށް އުފުލަން ނުޖެހުން. ނަގުދު ފައިސާ ގެންގުޅުމުން ދިމާވާ ނޭދެވޭ ކަންތައްތައް ހުއްޓުމަކަށް އަންނާނެ.


މަސްވެރިންނަށް ޚިދުމަތް ދޭ ކުންފުނިތަކަށްވެސް އަޅުގަނޑު މިއަދު ގޮވައިލަނީ، މަސްވެރި ޢާއިލާތަކުގެ ލުއިފަސޭހައަށްޓަކައި، ސަރުކާރުން މި ފަހިކޮށްދިން ފުރުޞަތުގެ ތެރެއިން، މަސްވެރީންނަށް ޚިދުމަތް ދިނުމަށް ތިޔަ ކުންފުނިތަކުންވެސް ތައްޔާރުވާން. މި ނިޒާމުގެ ތެރޭގައި ބައިވެރިވެ، މަސްވެރިން ކިރުވާ މަހަށް، ވަގުތުން ފައިސާ ދޭން ފެށުމަށް އަޅުގަނޑު އިލްތިމާސް ކުރަން.


ދިވެހީންނަކީ އެންމެ އިހުއްސުރެ، މަސްވެރިކަން ކޮށްގެން ދިރިއުޅުން ކޮޅަށް ޖަހަމުން އައި، މަސްވެރިން އުޅޭ މަސްވެރި ޤައުމެއް. ޒަމާނީ ބަދަލުތަކާއެކު، އިހުގެ ކިތަންމެ ކަމެއް ނެތިގޮސް، އައު ކިތަންމެ ކަމެއް އަޅުގަނޑުމެންގެ ތެރެއަށް މިއަދު އަތުވެއްޖެ. ނަމަވެސް ދިވެހި މަސްވެރިކަން މިއަދުވެސް އަންނަނީ ދިވެހީންގެ ފުރާނަޔާ އެކުގައި ދިރެމުން އާލާވަމުން.


އެހެންވީމާ، ދިވެހީންނަށް ވާރުތަވަމުން އައިސްފައިވާ މަސްވެރިކަން، ތަރައްޤީކޮށް ކުރިއެރުވުމަކީ، މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. ޒަމާނީ ޓެކްނޮލޮޖީއާއި، އިޤްތިޞާދާއި، ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލުތަކާއެކު، މަސްވެރިކަން، އައު ޖީލަކަށް ގެންގޮސްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް.


ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ޤައުމުގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ޙިއްސާ ބޮޑުކޮށް، މަސްވެރިކަމަކީ ފަޚުރުވެރި މަސައްކަތަކަށް ހެދުމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. އެކަމުގައި ހުރިހާ މަސްވެރީންނާއި، މަސްވެރީންނަށް ޚިދުމަތްދޭ ކުންފުނިތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ.


މަސްވެރިކަމުގެ ޞިނާޢަތަކީ އެއް ޢާއިލާއެއް. ސަރުކާރާއި މަސްވެރީންނާއި، މަސްވެރީންނަށް ޚިދުމަތްދޭ ކުންފުނިތަކަކީވެސް، މި ޞިނާޢަތް ކުރިއަރުވައި ތަރައްޤީ ކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ، މި ޞިނާޢަތުގެ ބައިވެރިން. އެހެންވީމާ، އަޅުގަނޑުމެން އެންމެންގެ އޮންނަންވާނީ އެއް އަމާޒެއް.


އެއީ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށްދީ، ރައްޔިތު މީހާގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށްދިނުން. ޙަޤީޤީ ތަރައްޤީ ފެންނަން ފަށާނީ އޭރުން. އަޅުގަނޑުމެންގެ އަމާޒަކީ، ޤައުމީ އާމްދަނީން ބޮލަކަށްޖެހޭ މިންވަރު އިތުރުކުރުން އެކަންޏެއް ނޫން. ޤައުމީ އާމްދަނީން ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރުވެސް އިތުރުކޮށްދިނުން.


އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ މަސްވެރިކަމާއި އެންވެރިކަން ތިޔާގި ކުރައްވައި، ޙަލާލު ރިޒްޤު ހޯދުމަށް މިކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލެއްވުން. ދިވެހި މަސްވެރިކަމާއި މަސްވެރީންނަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުން. މުޅި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ކާމިޔާބާއި ތައުފީޤް މިންވަރު ކުރައްވާށި! އާމީން.

 

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.