ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލް މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވައިފައެވެ.

މިބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގައި ބަނދަރުގެ ހާލަތު މިހާރު އޮތްގޮތުން ކުރިމަތިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނެވިއެވެ. މީގެ އިތުރުން ވެސް ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމު ޤާއިމުވެފައި ނެތުމުން ކުރިމަތިވާ އުނދަގޫތައް ޙިއްޞާކުރައްވައި ކައުންސިލް މެންބަރުން ވަނީ ރަށުގައި ގެސްޓްހައުސް ވިޔަފާރިތައް ޤާއިމުކުރުމަށް ފަހި މާހައުލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި މެންބަރުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި، ކައުންސިލް އިދާރާ ހިންގުމުގައި ދިމާވާ ބައެއް ގޮންޖެހުންތަކުގެ ވާހަކަތަށް ރައީސުލްޖުމްހޫރިއްޔާ އާ ވަނީ ޙިއްޞާކުރައްވައިފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދަރަނބޫދޫގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ވިހާވެސް އަވަހަކަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.