بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ދައުލަތުގެ ވަޒީރުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިސް ބޭފުޅުން، ރައީސް އޮފީހުގެ އިސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑުމެން މިއަދު މި ފަށާ މަސައްކަތަކީ، ހެޔޮ ވެރިކަމަކަށް މި ރާއްޖެ އަނބުރާ ގެނައުމަށް، މީގެ އެތައް އަހަރެއް ކުރިން ފެށިގެން، އަޅުގަނޑުމެން ދައްކަން ފެށި ވާހަކަތަކުގެ ޢަމަލީ ބައި. އެއީ، ވައްކަމާއި، ކޮރަޕްޝަނާއި، ފަސާދައާއި، ޚިޔާނާތުން ދައުލަތުގެ މުއައްސަސާތައް ސަލާމަތް ކުރުމުގެ މަސައްކަތް.

މި ސަރުކާރުގެ ފުރަތަމަ ދުވަހުވެސް، ކޮރަޕްޝަން ހުއްޓުވުމުގެ ސިޔާސަތުތަކެއް، އަޅުގަނޑު އިޢުލާނު ކުރިން. އޭގެތެރެއިން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި އެއްކަމަކީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުދަލާއި މާލީ ބަޔާން، ވަކި އުޞޫލަކުން ހާމަކުރުން. އެކަން މިހާރު ވަނީ ފެށިފައި. އަދި ކުރިމަގުގައި މިކަން އިތުރަށް ހަރުދަނާ ކުރެވިގެންދާނެ.

މިއަދު މި ފަށާ "ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ކެމްޕޭނަކީ، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި، ކޮރަޕްޝަނާއި ވައްކަމާއި، ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއްވިޔަސް، ތަހަމަލުނުކުރާނެ ކަމުގެ ޔަޤީންކަން، މުޅި ރާއްޖެއަށް ހާމަކޮށްދޭ ސިޔާސަތެއް. އެކަން ސާބިތުކޮށްދިނުމުގެ ގޮތުން މިހާރުވެސް، މި ސަރުކާރުން ވާނީ، ނަޒާހަތްތެރިކަމުގެ ބައެއް ސިޔާސަތުތައް ތަންފީޒުކޮށްފައި.

ވައްކަމާއި ކޮރަޕްޝަނާ ދެކޮޅުގެ ސިޔާސަތުގެ ތެރެއިން، އެންމެ މުހިންމު އެއްކަމަކީ، ޚިޔާނާތާއި މަނީލޯންޑަރިންގެ ސަބަބުން، ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް އަނބުރާ ހޯދުމުގެ މަސައްކަތް. އެކަމަށްޓަކައި އުފެއްދި ކޮމިޝަންގެ މަސައްކަތްތައްވެސް މިހާރު ވަނީ ހިނގަން ފަށާފައި.

ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވި ފަދައިން، ކޮރަޕްޝަނާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް، ޤާނޫނުލްޢުޤޫބާތަށް އިތުރުކުރުމުގެ ބިލް، މިހާރުވާނީ މަޖިލީހަށް ފޮނުވާފައި. އެ ބިލް އެކުލަވައިލާފައިވާނީ، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން، ކުށްކުރާ ޙާލަތުގައި ލިބޭ އަދަބު ބޮޑުވާގޮތަށް.

ސަރުކާރުގެ އިދާރާތަކުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ މީހުންނަށް ޤާނޫނީ ޙިމާޔަތް ދިނުމަކީވެސް، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އެހެންކަމުން، ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރުމަށް ބާރުއަޅައި، އެފަދަ ޢަމަލުތައް ހާމަކުރާ މީހުން ޙިމާޔަތްކޮށްދިނުމަށް، އެކުލަވައިލާފައިވާ ބިލްވެސް މިހާރު އޮންނާނީ ރައްޔިތުންގެ މަޖިލީހުގައި.

ކޮރަޕްޝަން ހުއްޓުވުމުގައި، ރައްޔިތުންގެ ބައިވެރިވުމާއި ޙިއްސާ އިތުރުކުރުމަށްޓަކައި، ސަރުކާރުން މި ޤާއިމުކޮށްދިނީ، ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާނެ ވެބްޕޯޓަލްއެއް. މި ޕޯޓަލް މެދުވެރިކޮށް ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅާއިރު، މައްސަލަ ހުށަހަޅަނީ ކާކުކަން ބުނެދޭކަށް ނުޖެހޭނެ. އަދި މައްސަލަ ހުށަހެޅީ ކާކުކަން އެނގިދާނެތީ، ބިރުގަނެ ޖެހިލުންވާކަށްވެސް ނުޖެހޭނެ. އެހެންކަމުން މިއީ، ވިސްލްބްލޯވިންގ އަށް މަގުފަހިކޮށްދޭނެ، މުހިންމު ވަސީލަތަކަށް ވާނެކަމަށް، އަޅުގަނޑު އުންމީދުކުރަން.

ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުންނަށްވެސް، އަޅުގަނޑު މިއަދު ގޮވާލަނީ، އަޅުގަނޑުމެން މި ހުޅުވައިދިން ދޮރުން ވަދެވަޑައިގަންނަވާށޭ. އެބޭފުޅެއްގެ އޮފީހުގައި ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުވިޔަސް، އެކަމެއް އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވުމަށް އަޅުގަނޑު އެދެން.

ޢާންމު ރައްޔިތުންވެސް، މި ޕޯޓަލް މެދުވެރިކޮށް، ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، އަޅުގަނޑު އިލްތިމާސް ކުރަން. ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ޤައުމު އިޞްލާޙުކޮށް، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރެވޭނީ، ތިޔަބޭފުޅުންގެވެސް ވަރަށްބޮޑު އެއްބާރުލެއްވުމެއް ލިބިގެން.

ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅުކުރައްވަންވީ، ކޮރަޕްޝަން ނައްތައިލުމުގެ މަސައްކަތް ފެށޭނީ، އެބޭފުޅެއްގެ އަމިއްލަ ނަފްސާ ހަމައިންކަން. އެކަމަށް ބޭނުންވަނީ ކޮންމެ ބޭފުޅެއްގެ އިޚްލާސްތެރިކަން. ޒަމީރުގެ ތެދުވެރިކަން. މިއަދަކީ ދިވެހި ކޮންމެ ފަރުދަކު އެކަމަށް ފަށައިގަންނަ ދުވަހެއް ކަމުގައި ހައްދަވަމާ ހިންގަވާ!

ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނަޒާހަތްތެރި ތަންތަނަށް، އެ މުއައްސަސާތައް ހެދުމަކީ، މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު. ދައުލަތުގެ މުއައްސަސާތައް ހިންގުން އިންތިޒާމުކުރެވިފައި ހުންނާންވާނީ ހާމަކަން ބޮޑު، ދެފުށް ފެންނަ ގޮތަށް.

އެ ތަންތަނުން ޚިދުމަތްތައް ދޭންވާނީ ދުރާލައި ހަމަޖެހި، ޢާންމުކުރެވިފައި ހުންނަ އުސޫލުތަކުގެ ތެރެއިން. އެ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި، ކޮރަޕްޝަނާމެދު މި ސަރުކާރުން ގެންގުޅޭނެ ހަމައެކަނި ސިޔާސަތަކީ "ޒީރޯ ޓޮލަރެންސް".

މަތީ މަޤާމުތަކަށް އައިސް، ދައުލަތް ހިންގުމުގެ ޒިންމާ އުފުލާ މީހުންނަކީ، ކޮރަޕްޝަނާއި، ވައްކަމާއި، ޚިޔާނާތަށް ފާޅުގައި ނޫނެކޭ ބުނުމުގެ ހިތްވަރު ހުރި ބައެއް ކަމަށްވާނަމަ، ނާޖާއިޒު ގޮތެއްގައި ސަރުކާރުގެ ތެރެއިން ކަންކަން ކުރަން އެންމެ ރައްޔިތަކުވެސް މަސައްކަތެއް ނުކުރާނެ.

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އިންތިޚާބީ މަޤާމުތަކަށާއި، ސަރުކާރުން އައްޔަނުކުރާ މަޤާމުތަކުގެ ބޭފުޅުންނަށް، އެންޓި ކޮރަޕްޝަނާއި، ގުޑް ގަވަރނަންސާ ބެހޭ ޕްރޮގްރާމެއް، މި އޮފީހުން މިހާރުވަނީ ހިންގަން ފަށާފައި. އެ ޕްރޮގްރާމްގައި ކެބިނެޓްގެ ވަޒީރުންނަށް ޚާއްޞަކުރެވޭ ސެޝަން، މި ހަފްލާއަށްފަހު ކުރިއަށްދާނެ.

ގުޑް ގަވަރނަންސް ޕްރޮގްރާމަކީ، ތިޔަބޭފުޅުންގެ މިނިސްޓްރީތަކާއި، އޮފީސްތަކުގެ ތެރޭގައި ހިނގާ، ކޮރަޕްޝަންގެ ޢަމަލުތައް ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވުމުގައި އެހީތެރިކަން ލިބޭނެ ޕްރޮގްރާމަކަށް ވާނެކަމަށް އަޅުގަނޑު އުންމީދު ކުރަން. މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުގައި، ތިޔަ ހުރިހާ ވަޒީރުންގެ ފުރިހަމަ އެހީތެރިކަމަށް އަޅުގަނޑު އެދެން.

މިދިޔަ ދެ ދުވަހު ހިންގި ގުޑް ގަވަރނަންސް ޕްރޮގްރާމްގެ ބައިވެރިންގެ ފަރާތުންވެސް، މި ސިޔާސަތަށް ވަރަށް މުހިންމު ޚިޔާލުތަކެއް ވަނީ ލިބިފައި. އޭގެ ތެރޭގައި ޤައުމީ ފެންވަރުގައި އެކަށައަޅައި ތަންފީޒު ކުރެވިދާނެ ސިޔާސަތުތަކެއްވެސް ފާހަގަކުރެވިއްޖެ.

އެފަދަ އެއް ސިޔާސަތަކީ، މަޞްލަޙަތު ފުށުއަރާ ކަންކަމުގައި ބައިވެރިނުވުމުގެ ސިޔާސަތު. ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިކަމަށް ފަރުވާއެއް ހޯދިދާނެ. އެފަދަ ދެވަނަ ކަމަކީ، ކުރިން މީހަކު އަދާކުރި މަޤާމެއްގެ ނުފޫޒު، ފަހުން އޭނާ ޢައްޔަނު ކުރެވޭ ވަޒީފާގެ މަސައްކަތަށް ފޯރުވުން ހުއްޓުވޭނެ މިންގަނޑެއް ކަނޑައެޅުން.

އެފަދަ މިސާލެއް ދަންނަވައިލާނަން. އެއީ ކުރިންހުރި ވަޒީފާއިން ވަކިވިތާ ދެ އަހަރު ނުވަނީސް، ސަރުކާރުގެ ތެރެއިން ހިންގާ އެފަދަ މުޢާމަލާތެއްގައި ބައިވެރިނުވެވޭގޮތް ހެދުން. މިފަދަ ޤަރާރެއް، އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ދައުރުގައި ފާސްކޮށް، މިހާރު އަންނަނީ ތަންފީޒުވެސް ކުރަމުން.

ދައުލަތުގެ ސުލޫކީ މިންގަނޑެއް ކަނޑައަޅައި، ދައުލަތުގެ ހުރިހާ މުވައްޒަފުން މި މިންގަނޑާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުން ލާޒިމު ކުރުމަކީވެސް ކުރެވިދާނެ ކަމެއް. މި މިންގަނޑުގެ ތެރޭގައި، ދައުލަތުގެ މުވައްޒަފުން ހަދިޔާ ލިބިގަތުމާއި، ކުރާ ދަތުރުތަކަށް ސްޕޮންސަރ ލިބިގަތުމާއި، ކެމްޕެއިން ޙަރަކާތްތަކުގައި، މުވައްޒަފުން ޢަމަލުކުރަންވީ ގޮތުގެ ގައިޑްލައިނެއްވެސް ކަނޑައެޅިދާނެ.

ވަޒީރުން މިއަދު ބައިވެރިވެވަޑައިގަންނަވާ ސެޝަންގެ ތެރެއިން، އަދި މިއަށްވުރެވެސް ހަރުދަނާ މުހިންމު ޚިޔާލުފުޅުތައް ފާޅުކުރައްވާނެކަން އަޅުގަނޑަށް ޔަޤީން. ތިޔަބޭފުޅުންގެ މެދުގައި މިކަންކަމާމެދު މަޝްވަރާ ކުރައްވައި، ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަންގެ ސިޔާސަތު ތަންފީޒު ކުރެވޭނެ އެންމެ ބިނާކުރަނިވި ގޮތްތަކަކީ ކޮބައިތޯ ބެއްލެވުމަކީ، ވަރަށް މުހިންމު ކަމެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، މަސްއޫލިއްޔަތު އުފުލާ އިޚްލާޞްތެރި ބަޔަކު ކަމުގައި މާތް ﷲ ލެއްވުން. ހެޔޮވެރިކަމެއް ކުރުމުގެ ތައުފީޤާއި ނަޞީބު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.