މެލޭޝިޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސަލަންސީ ޓޭން ޔެންގް ތައި، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، މެލޭޝިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހާވާލުވެވަޑައިގަތުމާ ގުޅިގެން ތަޙުނިޔާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި މެލޭޝިޔާއާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިޔާ ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހާގަކުރައްވައި އެކަމަށްޓަކައި މެލޭޝިޔާގެ ސަރުކާރަށް ޝުކުރުއަދާކުރައްވައިފައެވެ. މިގޮތުން، އެމަނިކުފާނުގެ ވާހަފުޅުގައި މެލޭޝިޔާ ސަރުކާރުން ރާއްޖޭގެ ކިޔަވާކުދިންނަށް ދެއްވާ ތަޢުލީމުގެ ފުރުޞަތުތައް ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިޔާއަކީ ދިވެހި ރައްޔިތުން ދެވަނައަށް އެންމެ ގިނައިން އާބާދުވެފައިވާ ޤައުމުކަން ފާހަގަކުރައްވައިފައެވެ.

މެލޭޝިޔާގެ ސަފީރު މިބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ ވަޑައިގަތުމުން ރާއްޖެއިން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި މަސައްކަތްތަކެއް ކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ހެޔޮ އެދުންތައް މެލޭޝިޔާގެ ބޮޑުވަޒީރަށް ރައްދުކޮށްދެއްވުމަށް ސަފީރުގެ އަރިހުން އެދިވަޑައިގެންފައެވެ.