އަމިއްލަ ފަރުދުންނަށާއި، ވިޔަފާރިވެރިންނަށް މާލީއެހީތެރިކަން ފޯރުކޮށް ދިނުމުގައި ސްޓޭޓް ބެންކް އޮފް އިންޑިއާއިން އަބަދުވެސް މުހިންމު ދައުރެއް އަދާކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ  އެބޭންކަށް 45 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.   

މިރޭގެ ހަލުފާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 45 އަހަރު ވަންދެން އެސް.ބީ.އައި އިން ދިވެހިރާއްޖޭގައި ޚިދުމަތް ދެމުން ގެންގޮސްފައިވާތީ އެކަމަށްޓަކައި އެސް.ބީ.އައި ގެ ވެރިންނަށާއި، މުވައްޒަފުންނަށާއި، ޙިއްޞާދާރުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ  ވިދާޅުވީ އެސް.ބީ.އައި ރާއްޖޭގައި ޚިދުމަތް ދޭންފެށިއިރު ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ފަށާފައި ނުވާކަމަށެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށުނުއިރު ބޭންކިން ހިދުމަތްދޭ ހަމައެކަނި ބޭންކަކީ އެސް.ބީ.އައި ކަން ފާހަގަކުރައްވާފައެވެ. 

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެސް.ބީ.އައި އިން ދިވެހިރާއްޖޭގެ ބޭންކިން ދާއިރާއަށާއި ތަރައްޤީއަށް އަދި ޖުމްލަގޮތެއްގައި މުޅިޤައުމަށް ދެމުންގެންދާ ޚިދުމަތަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ދިވެހި ވިޔަފާރިތަކަށް ކާމިޔާބާ ހަމައަށް ވާސިލުވުމަށް އެސް.ބީ.އައި އިން ވެދެއްވާ އެއްބާރުލުންވެސް ފާހަގަކުރައްވާފައެވެ.  

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އެސް.ބީ.އައި އިން މިހާ ދިގު މުއްދަތެއްގައި ޚިދުމަތް ދިނުމުގައިދެމިއޮތުމަކީ ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ ރަމްޒެއް ކަމުގައެވެ.    

މި ހަފުލާގައި އެސް.ބީ.އައިގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.