ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުވަދުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށް މިރޭ ވަޑައިގެން އެ ރަށުގެ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ. 

ވިލިގިނލި ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަކުރެއްވުމުގައި ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި ރަށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ.

އެގޮތުން ކައުންސިލު މެންބަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ދަތުރުފަރުތުގެ ނިޒާމު މިހާރަށްވުރެ ތަރައްޤީ ކުރަން ބޭނުންފުޅުވާ ވާހަކައެވެ. އެގޮތުން މެންބަރުން ވަނީ ރަށުގެ ބަނދަރުގެ ހާލަތު ރަނގަޅުކޮށް، އެއާޕޯޓެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. މީގެ ކައުންސިލުން ވަނީ ކަރަންޓުގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވައިފައެވެ. 

މިބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ވަނީ އެރަށުގައި އަލަށް އާބަދު ކޮށްފައިވާ ސަރަހައްދުގައި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްފައި ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވައިފައެވެ. އަދި އިޖްތިމާޢީ ގޮތުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވައިފައެވެ. 

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިލިނގިލި ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޚާއްޞަ ސަމާލުކަމެއްދެއްވައިގެން ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.