بسـم اللَّه الرّحـمٰـن الـرّحيـم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމަތީގައި، އަޅުގަނޑު މިއަދު ހުއްޓި މިހުރީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާއިން، އަޅުގަނޑާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބެއް އަދާކުރުމަށް. އެއީ، ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށް ކުރާނެ ކަންކަމުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް، މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅުމަށް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ތިޔަ ޢިއްޒަތްތެރި މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑު މި ރާއްޖޭގެ ވެރިކަމާ ޙަވާލުވީ، ރާއްޖޭގެ ސިޔާސީ މަސްރަޙު ވަރަށް ބޮޑަށް ހަލަބޮލިވެ، ތަޣައްޔަރުވެފައި އޮތް ދުވަސްވަރެއްގައި. އިޖުތިމާޢީ ފޭރާން އޮތީ، ވީދި ހަސްފަސް ނެތިފައި. ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނާއި، އިޞްލާޙަށް މަސައްކަތްކުރި ގިނަ ބަޔަކު ތިބީ، ނުޙައްޤު ޙުކުމްތަކެއްގައި ކަސްތޮޅު އެޅުވިފައި.

ނަމަވެސް މިއަދު މިނިވަން ސިޔާސީ ޙަރަކާތްތަކަށާއި، ތަފާތު ސިޔާސީ ފިކުރުތަކަށް އަމާން މާޙައުލެއް ތަނަވަސްވެފައިވުމުން، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ދިރުން ލިބިއްޖެ. ރައްޔިތުންގެ އުފާވެރިކަން އިތުރުވެއްޖެ. އެކަމަށްޓަކައި އަޅުގަނޑު ފަށްފަށުން މާތް ﷲގެ ޙަޟްރަތަށް ޝުކުރު ދަންނަވަން.

ރައްޔިތުން އަޅުގަނޑު މި މަޤާމަށް އިސްކުރީ، ކޮރަޕްޝަނާއި ވައްކަމުގެ ކިލަނބުކަން ދޫކޮށް، ނަޒާހަތްތެރިކަމާއެކު އަބުރުވެރި ދިރިއުޅުމަކަށް ކުރި އުންމީދުގައި. އަނިޔާއާއި ބޭއިންސާފުގެ ނާމާންކަމުން، ޢަދުލު އިންޞާފުގެ މަގަށް ރުޖޫޢަވާން އެދޭތީ. ސިޔާސީ ބިރުވެރިކަން ނައްތާލައި، އިޖުތިމާޢީ އަމާންކަން ޤާއިމުވާން ބޭނުންވާތީ. މި ޖަޒީރާ ރަށްތަކުގައި ބިރުވެރިކަމެއްނެތި، ހިތްހަމަޖެހިގެން، އަމިއްލަ ޙަލާލު މަސައްކަތުން އާމްދަނީ ހޯދައި، ފަޚުރުވެރި ޢާއިލާއެއް ބިނާކުރުމަށް ބޭނުންވާތީ.

ހަމައެފަދައިން މިއަދާ ހަމައަށްވެސް ކަށަވަރުނުވެހުރި، އަސާސީ ބޭނުންތައް ކަމަށްވާ، ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުވާނެ ކަމުގެ ފޮނި އުންމީދުގައި. އެކަންކަން ފުރިހަމަކޮށްދިނުމަށް، މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި އަޅުގަނޑު ދެމިހުންނާނެ ކަމުގެ ޔަޤީންކަން، މި ޢިއްޒަތްތެރި މަޖިލީހަށް މި ފުރުޞަތުގައި އަޅުގަނޑު އަރުވަން.

އަޅުގަނޑު ވެރިކަމާ ޙަވާލުވި ހިނދުން ފެށިގެން، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ހިޔަލުގައި، އަޅުގަނޑުމެން ކުރަމުން މި އަންނަނީ ޤާނޫނުގެ ވެރިކަމެއް. ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް މިޞްރާބު ކުރެވިފައި މިވަނީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށްދިނުމަށް. ރައްޔިތުންނަށް އުފާފާގަތިކަމާއި ތަނަވަސްކަން ހޯދައިދިނުމަށް.

ޑިމޮކްރެޓިކް ނިޒާމަށް ދައުލަތް އަނބުރާ ގެނައުމަށްޓަކައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް ވަރަށް ގިނަ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލިސްވެސް އޮތީ، ޤާނޫނުއަސާސީން މި މަޖިލީހާ ޙަވާލުކޮށްފައިވާ ޒިންމާތައް އަދާކުރިޔަނުދީ، ކަސްތޮޅު އަޅުވާފައި. އެހެންކަމުން، ދުސްތޫރީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ.

ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޢަދުލު އިންޞާފު ލިބޭނެކަން ޔަޤީންކޮށްދިނުމަށްޓަކައި، ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް. ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

އަޅުގަނޑު މި މަޤާމާ ޙަވާލުވިއިރު، ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގުނުވާ އެންމެ ގުނަވަނެއް މި ދައުލަތުގައި ނެތޭ ދެންނެވިދާނެ. ފަސާދައާއި ޚިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއްވެސް މި ޤައުމުގައި ނެތް. އެ ޙާލަތަށް ޤައުމު ދިޔައިރު، ކޮރަޕްޝަން ހުއްޓުވާނެ ޤާނޫނުތަކާއި ޤަވާޢިދުތައް ނެތީއެއް ނޫން. އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް ދަޢުވާކުރާނެ އިދާރާތައްވެސް ހުރީ ޢާންމު އުސޫލުން ހިނގަހިނގާ.

ނަމަވެސް ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ، ޚިޔާނާތާއި ފަސާދައިގެ ކުރިމަތީގައި، އެ މުއައްސަސާތައް ކުޑަކަކޫ ޖެހުމުން. ދައުލަތުގެ މުދަލާއި ފައިސާ، ނާޖާއިޒު ގޮތުގައި އަމިއްލަ ބަޔަކު ބޭނުންކުރިއިރު، އެކަމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމުން.

ޚިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް އެކުލަވައިލި ކޮމިޝަންގެ މަސައްކަތް ފަށައިގަނެ، އެމް.އެމް.ޕީ.އާރު.ސީ.ގެ ކޮރަޕްޝަނާ ގުޅޭ ގިނަ ޢަދަދެއްގެ ލިޔެކިޔުންތައް މިހާރު ވަނީ ހޯދިފައި. ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަމާއެކު ތަޙުޤީޤުތައް ފަށާފައިވާއިރު، ބޭރު ޤައުމުތަކުގެ އިދާރާތަކުގެ އެހީތެރިކަން މި އަންނަނީ ހޯދަމުން.

ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރަޕްޝަނާއި، ޚިޔާނާތުގެ ހުރިހާ މައްސަލައެއްގެ ޙަޤީޤަތާ ހަމައަށް ވާޞިލުވެ، އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. އެކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތަކުގެ ޙަޤީޤަތްތައް ހޯދާ ކޮމިޝަންގެ މަސައްކަތް މިހާރު މިޞްރާބު ކުރެވިފައި ހުރީ، ފޮޓޯތަކުންނާއި ވީޑިއޯތަކުންނާއި، އެހެނިހެން ގޮތްގޮތުން މިހާތަނަށް ލިބިފައިވާ ހެކިތައް، ބޭރުގެ ފޮރެންސިކް ތަޖުރިބާކާރުންނާއި، އާރޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ދިރާސާކޮށް، މަޢުނަވީ ނަތީޖާއަކާ ހަމައަށް ދިޔުމަށް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ދިވެހީންގެ ދީނަކީ، މާތްވެގެންވާ އިސްލާމްދީންކަން، ޤާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް. ސަރުކާރުގެ ސިޔާސަތަކީވެސް އެއީ. އެހެންކަމުން، ދިވެހި ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް ތަރުތީބު ކުރެވެމުން ދާނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މައްޗަށް.

ސަރުކާރުގެ ވަޢުދާ އެއްގޮތަށް، ޕެންޝަން ފަންޑުން ފަރްޟު ޙައްޖުވުމަށް އެދޭ ފަރާތްތަކަށް، އެކަން ކުރުމުގެ ފުރުޞަތު، މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅާފައި އޮތް ބިލް ފާސްވުމާއެކު، މާތް ﷲގެ ވާގިފުޅާއެކު ވަރަށް އަވަހަށް ހުޅުވައިލެވޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ރާވައިގެން ހިންގާ ކުށްތަކާއި މާރާމާރީތަކުގެ ސަބަބުން، ޢާންމު ދިރިއުޅުންވަނީ ނުރައްކަލަށް ހުށަހެޅިފައި. ރައްޔިތުން އެދޭފަދަ ހިތްފަސޭހަ، އަމާން ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި، ރައްޔިތުންނާ ގާތުން ދިވެހި ފުލުހުންގެ ޚިދުމަތް ދެވޭނެ ގޮތަށް، ފުލުހުންގެ މުއައްސަސާއަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް މިހާރު މި އަންނަނީ ގެންނަމުން. އެގޮތުން، މުޅިން އަލަށް ނެއިބަރހުޑް ޕޮލިސް ތަޢާރުފުކޮށް، މިއަހަރުގެ ތެރޭގައި އަތޮޅުތަކަށްވެސް އެ ޚިދުމަތް ލިބެން ފަށާނެ.

ޖަލު ބަންދުގައި ހުއްޓަސް، އެއްވެސް މީހެއްގެ އަސާސީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ނަގައިލުމަކީ، އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. ޤައިދީންގެ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމުގެ ގޮތުން، އ.ދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމު ކުރުމުގެ މަސައްކަތް މިހާރު ވާނީ ފަށާފައި.

މި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމުގެ މައިބަދަ ކަމުގައިވާ ދިވެހި ސިފައިންނަކީ، ސިފަވަންތަ އަޚްލާޤާއި، ޒަމާނީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލު ބަޔަކަށް ހެދުމަށްޓަކައި، މިއަހަރުވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ. އަދި ދިވެހި ސިފައިންގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ، ތަޢުލީމާއި ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯދައިދެވޭނެ.

މިދިޔަ އަހަރަކީވެސް، ރާއްޖޭގެ މިނިވަންކަމާއި އަމަންއަމާންކަން ޤާއިމުކުރުމުގައި، ދިވެހި ސިފައިންނާއި ފުލުހުން މުހިންމު މަސައްކަތްތަކެއް ކުރި އަހަރެއް. މިނިވަން އިންޞާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމުގައި، އެ ދެ މުއައްސަސާގެ ދައުރު ވަރަށް މުހިންމު. ރައްޔިތުންގެ ނިންމުން އެގޮތުގައި ދަމަހައްޓައި، ޑިމޮކްރެސީ ނެގެހެއްޓުމުގައި ސިފައިންނާއި ފުލުހުން އަދާކުރި ޤައުމީ ވާޖިބާއި އުފުލި ޒިންމާ، މި ފުރުޞަޠުގައި އަޅުގަނޑު ފާހަގަކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ދައުލަތުގެ ގާނޫނީ އޮނިގަނޑު އިޞްލާޙު ކުރުމުގެ މަސައްކަތުގެ ދަށުން، އަޅުގަނޑު މިހާރު ވާނީ، މިވަގުތަށް އެންމެ ބޭނުންތެރި ޤާނޫނުތަކުގެ ދެލިކޮޕީ، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި. ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ޤާނޫނުލްޢުޤޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލް، މިހާރު އޮންނާނީ މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވާފައި.

ސަރުކާރުން މި ބިލް އެކުލަވައިލާފައިވާނީ، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން، އެ ކުށް ކުރާ ޙާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރެވޭ ގޮތަށް. ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް، މި ސަރުކާރުން އެއްވެސް ޖާގައެއްނުދޭނެ. މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް"ކަން މި ޢިއްޒަތްތެރި މަޖިލީހަށް އަޅުގަނޑު ޔަޤީންކޮށް އަރުވަން.

ސިޔާސީ މަޤްޞަދެއްގައި، މިދިޔަ ދައުރުގެ ތެރޭގައި، ވަކިބަޔަކަށް އަމާޒުކޮށް ބަދަލުކޮށްފައިވާ، 11 ޤާނޫނެއް ދިރާސާކުރުމުގެ މަސައްކަތް، ސަރުކާރުން މި އަންނަނީ ކުރަމުން. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް 14 ބިލެއް ހުށަހަޅައި، އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި 10 ބިލެއް އަޅުގަނޑު މިހާރު ތަޞްދީޤު ކޮށްފިން.

މި ޢިއްޒަތްތެރި މަޖިލީހުގައި މިހާރު ހުރި މުހިންމު ބިލުތަކުގެ ތެރޭގައި، [ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ މީހުން ރައްކައުތެރިކުރުމުގެ ބިލު] އާއި، [ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލު] ހިމެނޭ. އަދި [ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލު]ވެސް، ވީހާ އަވަހަކަށް ނިންމަވައިދެއްވުމަށް އަޅުގަނޑު އެދެން.

ކުޑަކުދީންގެ ޢަދުލުގެ ބިލެއް، މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް މި އަންނަނީ ތައްޔާރުވަމުން. ހަމައެފަދައިން ކައުންސިލްތައް ބާރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން، ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމަށްޓަކައި ޢާންމުންނާއި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ މިހާރުވަނީ ހޯދާފައި.

އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، ޑިމޮކްރެޓިކް ނިޒާމެއްގައި ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް. ޤާނޫނުއަސާސީއާއި ޤާނޫނުގައި، ވެރިކަމުގެ ނިޒާމު، ލާމަރުކަޒީ ކޮށްފައި އޮތަސް، އެ ނިޒާމުގެ ލަގަން އޮތީ، ސަރުކާރުގެ މުށުތެރެއަށް ލައި ފޮރުވާފައި.

ކުރީ ސަރުކާރުން ހިފަހައްޓާފައި ހުރި، ކައުންސިލްތަކުގެ ވަރަށް ގިނަ ބާރުތައް، މިހާރު ވާނީ ކައުންސިލްތަކަށް ދީފައި. ލާމަރުކަޒީ ޤާނޫނު އިޞްލާޙުކޮށް، ކައުންސިލްތަކަށް އިތުރު ބާރާއި އިޚްތިޔާރުތައް ލިބޭއިރު، މާލީ ބާރުވެރިކަމާއި، މާލީ ފުދުންތެރިކަންވެސް ލާމަރުކަޒީ ކުރެވިގެންދާނެ. ހަމައެއާއެކު، ރަށު ތަރައްޤީގައި އަންހެނުންނަށްވެސް ހަމަހަމަ ފުރުޞަތު ލިބިގެންދާނެ.

އަންހެނުންނަކީ އާބާދީގެ ދެބައިކުޅައެއްބަޔަށްވީ ހިނދު، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ، އަންހެނުންނަށް ހުރި ގޮންޖެހުންތައް ޙައްލުކުރެވޭނެ ގޮތަށް. ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެއް.

އެގޮތުން ވަޒީރުންގެ މަޖިލީހުގެ 35 އިންސައްތައަކީ އަންހެނުންކަން އަޅުގަނޑު ފާހަގަކުރަން. ސިޔާސަތުތައް އެކުލަވައިލާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ މިހާރަށްވުރެ އިތުރުކުރަންޖެހޭކަން ފާހަގަކޮށް، އެ މަގަށް ސަރުކާރުން މަސައްކަތް ކުރާނަން.

އަޅުގަނޑުމެންގެ އަންހެންކުދީން ބޮޑެތިކުރަން ބޭނުންވަނީ، ހަމަހަމަ ފުރުޞަތު ފަހިވެފައިވާ މާޙައުލެއްގައި. އިޖުތިމާޢީ އަދި އިޤްތިޞާދީ ބައިވެރިވުމާއި، މާލީގޮތުން ބާރުވެރިކުރުވުމާއި، އިންސާފު ލިބިދިނުމުގައިވެސް، އަންހެނުންނަށްވީތީ ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ސިޔާސަތުތައް ކަނޑައަޅާނަން.

ރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމުވެސް، ތަހުޒީބީ ޑިމޮކްރެޓިކް މުޖަތަމަޢުތަކުގައި އޮންނަ ފަދަ ލުއިފަސޭހަ ހަރުދަނާ އުޞޫލަކަށް ބަދަލުކުރުމަށްޓަކައި، މަދަނީ އިޖުރާޢާތުގެ ބިލެއް އެކުލަވައިލައި، މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް އަޅުގަނޑު ގަސްދުކުރަން.

މިނިވަން މުއައްސަސާތަކުގެ ޤާނޫނުތައް މުރާޖަޢާކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައި. އެ މަސައްކަތް ނިންމައި، ޤާނޫނުތައް އިޞްލާޙު ކުރުމުގެ ބިލުތައް، މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް، ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން.

ރައްޔިތުންގެ ވެރިކަމެއް ކުރާއިރު، ދައުލަތުގެ ކަންކަން ހަމަ މަގަށް އަޅުވައިދިނުމުގެ އެންމެ މުހިންމު ބައިވެރިޔަކީ، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތައް. ޤައުމުގެ އިޖުތިމާޢީ އޮނިގަނޑު ހަރުދަނާކޮށް، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ދައުލަތް ހިންގުމަށްޓަކައި، އެފަދަ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުގެ ބައިވެރިވުން އިތުރުކޮށް، މަދަނީ ޖަމުޢިއްޔާތަކުގެ ބިލު އެކުލަވާލައި، މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި، މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅުމަށް މި އަންނަނީ ތައްޔާރުވަމުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ތިޔަ ޢިއްޒަތްތެރި މެންބަރުންނަށްވެސް އެނގިވަޑައިގަންނަވާނެ، މި ވެރިކަން ފެށުނުއިރު، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރާއްޖެ އޮތީ، ވަރަށް ބޮޑަށް އެކަހެރިވެ ބާކީކުރެވިފައި. ނަމަވެސް، އަޅުގަނޑު މި މަޤާމާ ޙަވާލުވުމަށްފަހު، ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ގެނައި ބަދަލާއެކު، ރާއްޖެއަށް މިހާރުވަނީ، ބައިނަލްއަޤްވާމީ ޢާއިލާގެ ލޯތްބާއި ރަޙްމަތްތެރިކަން އަނބުރާ ލިބިފައި.

އަޅުގަނޑުމެންގެ އިޤްތިޞާދާއި ތަޢުލީމީ ކުރިއެރުމުގައި، ގިނަ އެހީތަކެއް ދެމުން އަންނަ ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި، ދިވެހި ސަރުކާރުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، މިހާރު ވާނީ އެ ޖަމާޢަތަށް ހުށަހަޅާފައި. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހެން ބައިވެރިންނާއެކުވެސް، ހީނަރުވެފައިވާ ގުޅުންތައް އަލުން އާލާކޮށް ބަދަހިކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން.

ބޭރުގައި ދިރިއުޅޭ ދިވެހީންނަށް، ވަކިން ޚާއްޞަކޮށް ކިޔަވާކުދިންނަށް، ކޮންސިއުލަރ ޚިދުމަތްތައް، މި އަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ. ދިވެހިން ޢާންމުކޮށް ގޮސްއުޅޭ ޤައުމުތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އެއްބަސްވުންތަކުގައި ސޮއިކޮށް، ވިލާތުގެ ޤައުމުތަކުން ދިވެހިންނަށްވެސް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް މި އަންނަނީ ކުރަމުން.

ލާމެހިފައިވާ ކުޑަކުޑަ މުޖުތަމަޢަކަށް މުޅި ދުނިޔެ ބަދަލުވެފައިވާއިރު، ވީހާ ގިނަ ޤައުމުތަކާ ގުޅުން ބަދަހިކުރުމަކީ، ރާއްޖެފަދަ ކުޑަ ޤައުމަކަށް ވަރަށް މުހިންމު ކަމެއް. އެގޮތުން، ދެކުނު އެފްރިކާގަޔާއި، އެމެރިކާގެ ވޮޝިންގޓަން، އަދި ރަޝިޔާގައި ދިވެހި އެމްބަސީއެއް ޤާއިމުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. އޭގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

މިހާރުގެ އިޤްތިޞާދީ މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި، މިއަހަރު ގާތްގަނޑަކަށް 7.6 އިންސައްތައިގައި ހިފެހެއްޓޭނެކަމަށް ލަފާކުރެވޭ. އަދި އެވްރެޖް އިންފްލޭޝަން ރޭޓް 1.3 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށްވެސް ލަފާކުރެވޭ.

މިދިޔަ އަހަރު ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ، 757.8 މިލިއަން އެމެރިކާ ޑޮލަރު. މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒަރވް، ގާތްގަނޑަކަށް 803.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޔޫޒަބަލް ރިޒަރވްގެ ގޮތުގައި ހުރީ 281 މިލިއަން އެމެރިކާ ޑޮލަރު. އެއީ، ގާތްގަނޑަކަށް ތިން މަސްދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒަރވެއް.

މިއަދުގެ މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒަރވް ވަނީ، 308 މިލިއަން ޑޮލަރަށް އިތުރުވެފައި. މިއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒަރވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު.

ސަރުކާރުން އަމާޒު ހިފާފައިވަނީ، އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި، މި ވެރިކަމުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒަރވް، އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް އެކަން ޙާޞިލުކުރެވޭނެ.

ދިވެހި ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު، ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 21.7 ބިލިއަން ރުފިޔާ. އަދި 25.5 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވޭ. އެހެންކަމުން، މިދިޔަ އަހަރު ނިމުނުއިރު، ބަޖެޓު އޮތީ 3.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި. ހަމަ އެހެންމެ، 2018 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރަކީ 47.9 ބިލިއަން ރުފިޔާ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 58 އިންސައްތަ.

ރާއްޖޭގެ އިޤްތިޞާދަށް މިހާރު ލިބެމުން އަންނަ ކުރިއެރުމާއެކު، މި އަހަރުގެ ތެރޭގައި، ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ. އެއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު، 7.8 އިންސައްތަ އިތުރު މިންވަރެއް. މީގެ ބޮޑު އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބޭނެ އާމްދަނީ. އަޅުގަނޑުގެ އިޤްތިޞާދީ އަމާޒަކީ، އަޅުގަނޑުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީގެ މިންވަރު 30 ބިލިއަން ރުފިޔާއަށް އިތުރުކުރުން.

ރާއްޖޭގެ މަނިޓަރީ ސިޔާސަތު ހަރުދަނާކުރުމުގެ ގޮތުން، އިސްލާމިކް މަނިޓަރީ ޕޮލިސީ އިންސްޓްރޫމެންޓްތަކެއް، މި އަހަރުގެ ތެރޭގައި ތަޢާރުފް ކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. "ނޫ އިޤްތިޞާދު"ގެ ތަޞައްވުރަކީ ޢުމްރާނީ ތަރައްޤީއަށް ކުރާ ހޭދަ ކުޑަނުކޮށް، މިހާރު ހިނގަމުންދާ މަޝްރޫޢުތައް އަވަހަށް ނިންމައި، އުފެއްދުންތެރިކަން ކުރިއަށް ޖެއްސޭނެ، އިޤްތިޞާދީ އައު މަޝްރޫޢުތަކަށްވެސް ޖާގަދިނުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ޤައުމުގެ އިޤްތިޞާދީ ސިޔާސަތަށް ބަލާއިރު، އަޅުގަނޑުމެން އިޞްލާޙުކުރަންޖެހޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައި. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުގެ ކުންފުނިތައް ވަދެ، އާންމުންގެ ވިޔަފާރިތަކަށް ވަނީ ލޮޅުންއަރާފައި.

ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ދޯދިޔާވެ، ކޯޕަރޭޓް ގަވަރނަންސްގެ އުޞޫލުތަކާ ޚިލާފުވުމުގެ ސަބަބުން، ގިނަ ކުންފުނިތައް ހުރީ ވަރަށް ބޮޑެތި އިޞްލާޙުތަކަށް ބޭނުންވެފައި. އަތްނުފޯރާވަރަށް ޚަރަދުތައް މައްޗަށް ގޮސް، އިންތިހާއަށް ދަރަނި އިތުރުވެ، މަޝްރޫޢުތައް ހުއްޓި، ކުންފުނިތަކުގެ މާލީ ޙާލަތާއި، ޚިދުމަތްތަކުގެ ފެންވަރު ވަރަށް ބޮޑަށް ވަނީ ދަށްވެފައި.

މި ސަރުކާރުގެ ވިސްނުމަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ސަރުކާރުގެ ކުންފުނިތައް ނުވަދެ، އެކުންފުނިތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ، އަދި ބޮޑެތި މަޝްރޫޢުތައް ހިންގާ ކުންފުނިތަކަކަށް ހެދުން. އަދި މިދެންނެވި ވިސްނުމުގެ ތެރެއިން ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މި އަންނަނީ ކުރަމުން.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކޮޅަށްޖަހައިދިނުމަށް، މިދިޔަ މަހު ޤާއިމުކުރި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން، އަންނަ މަހުން ފެށިގެން އެސް.އެމް.އީ ލޯނު ދޫކުރަން ފަށާނެ. އަދި އެ ކުންފުންޏަށް މި އަހަރުގެ ތެރޭގައި ލައިސަންސް ލިބި، ބޭންކަކަށް ބަދަލުވެގެންދާނެ.

ދިވެހި އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން ޖާގަ ހޯދައިދީ، ރަނގަޅު އަގު ހޯދައިދިނުމަށްޓަކައި، އެކްސްޕޯޓް ކައުންސިލެއް މިހާރު ވަނީ އުފައްދާފައި. މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް، ބޭރުގެ ބާޒާރުތަކުން ޖާގަ ހޯދުމުގެ މަސައްކަތް، މި ކައުންސިލް މެދުވެރިކޮށް ފަސޭހަކަމާއެކު ކުރެވޭނެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި، ތަރައްޤީގެ ވިސްނުން ހުންނާނީ ސަރުކާރުގައި އެކަންޏެއް ނޫން. ސިޔާސީ ވިސްނުމާ ދުރު، އަމިއްލަ ކުންފުނިތަކުގައި، ތަރައްޤީގެ ވިސްނުން މާ ފުންވެފައި، މުއްސަނދިވާނެ. ރާއްޖެ ތަރައްޤީކޮށްދޭނެ މަޝްރޫޢުތައް، އަމިއްލަ ފަރާތްތަކުން ރާވައި، ސަރުކާރަށް ހުށަހަޅައިގެން ހިންގުމުގެ ނިޒާމެއް މިހާރު ވަނީ ޤާއިމުކުރެވިފައި.

ޤައުމީ ތަރައްޤީގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކުރުމަށްޓަކައި، އެ ފަރާތްތަކުގެ ވިޔަފާރިއަށް ފަހި އަދި ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ، މި ސަރުކާރުގެ ސިޔާސަތެއް. މިގޮތުން، ޓެކްސްގެ ނިޒާމަކީ ވިޔަފާރިތައް ކުރިއަރުވަން ބާރުއަޅާ ނިޒާމެއްގެ ގޮތުގައި ބައްޓަން ކުރުމަށް، ޓެކްސް ނެގުމުގެ ނިޒާމު ރިފޯމު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި.

މީގެ އިތުރުން، އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދަން ބޭނުންވާ ޤައުމީ ތަރައްޤީއާ ގުޅޭ އެކި މަޝްރޫޢުތަކަށް ފައިސާ ހޯދައި މެނޭޖް ކުރެވޭނެ ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމަށްޓަކައި، "ގަވަރންމަންޓް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން"ގެ ނަމުގައި މި އަހަރުގެ ތެރޭގައި ކުންފުންޏެއް ޤާއިމުކުރެވިގެންދާނެ. މި ނިޒާމުގެ ތެރެއިން، އެކިއެކި ސަބަބުތަކާހުރެ ނުހެދި ހުރި ރަށްތައް ތަރައްޤީކުރާނެ ފައިސާވެސް ހަމަޖައްސައިދެވޭނެ.

ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކުގައި ރައްޔިތުންގެ މެދުގައި ހަމަހަމަ އުޞޫލު ޤާއިމުކުރުމަކީ، މި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތު. އެގޮތުން މާލެއެކޭ އެއް އަގެއްގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، އެޕްރީލް މަހުން ފެށިގެން ކާޑުގެ އަގު ހެޔޮވެގެންދާނެ. އޭރުން މާލެއާ އެއް އަގެއްގައި ހުރިހާ ރަށަކުންވެސް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ރާއްޖޭގެ މުޅި އިޤްތިޞާދުގެ 70 އިންސައްތަ ޙިއްޞާކުރަނީ ފަތުރުވެރިކަން. މިދިޔަ އަހަރު ނިމުނުއިރު، ތަފާތު މަންޒިލްތަކުން ރާއްޖެއަށް 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރި 145 ރިޒޯޓާއި، 521 ގެސްޓްހައުސްގައި، 44,860 އެނދު ހުރި.

މި އަހަރުގެ ތެރޭގައި އަލަށް ހުޅުވާ 20 ރިޒޯޓާއެކު، ޓޫރިސްޓް އެނދުގެ ޢަދަދު 47,000 އަށްވުރެ އިތުރުވެގެންދާނެ. އެ ރިޒޯޓްތަކުގެ ޚިދުމަތް ފެށިގެންދާއިރު، ސަރުކާރުގެ އަމާޒަކީ، މިއަހަރުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުން. ދުނިޔޭގެ އިތުރު މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަޅުގަނޑުމެން މިވަނީ އަމާޒު ހިފާފައި.

ރާއްޖޭގެ ކޮންމެ އަތޮޅަކީވެސް، ޚާއްޞަ ސިފަތަކެއް ލިބިގެންވާ ނާދިރު އަތޮޅެއް. އެކަންކަމަށް ފަތުރުވެރިންގެ ޝައުޤުވެރިކަން އިތުރުކޮށް، ރާއްޖޭގެ އެކި ސަރަޙައްދުތައް، ވަކިވަކި މަންޒިލްތަކެއްގެ ގޮތުގައި ތަރައްޤީކޮށް މާކެޓުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ. އޭރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަމުގެ ޞިނާޢަތަށް އިތުރު ދިރުމެއް އަންނާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ރާއްޖޭގެ އިޤްތިޞާދުގެ ރޫފަ ހެޔޮކުރުމަށާއި، ފަތުރުވެރިކަމުގެ ނަފާ އިތުރުކުރުމަށްޓަކައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ފެންވަރު މަތިކޮށް، ޖާގަ ތަނަވަސްކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. މިހާރު އެ އެއަރޕޯޓް ބޭނުންކުރާ ފަތުރުވެރިންނާއި ދަތުރުވެރިންގެ ޢަދަދުވަނީ، އެތަނުގެ ޖާގައަށްވުރެ ދެގުނަ އިތުރުވެފައި.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ކޮންމެ އަހަރަކު އެތައް ރިޒޯޓަކާއި، އެތައް ގެސްޓްހައުސްއެއް އިތުރުވަމުން އަންނައިރު، ފަތުރުވެރިކަން ކުރިއަރަމުން އަންނަ މިންވަރަށް، އެއަރޕޯޓުގެ ޚިދުމަތްތައް ތަރައްޤީ ނުވުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް.

އެއަރޕޯޓުގެ އައު ރަންވޭގެ ހުރިހާ މަސައްކަތެއް ނިމިފައިވިޔަސް، އައު ޓަރމިނަލް ހަދައިގެން ނޫނީ، އެ ރަންވޭގެ ބޭނުން އެންމެ އެކަށޭނަ ގޮތެއްގައި ހިފޭކަށް ނެތް. އެހެންކަމުން، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން.

އެއަރޕޯޓުގެ ތަރައްޤީއާ އެކުއެކީގައި، ރާއްޖޭގެ ބައިނަލްއަޤްވާމީ ކަނޑުގެ ބަނދަރުގެވެސް ކެޕޭސިޓީ އިތުރުކޮށް، ޚިދްމަތް ރަނގަޅު ކުރަން ވަނީ ޖެހިފައި. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ކަމަކަށްހެން އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، މާލޭ ކޮމާރޝަލް ހާބަރަށް ދިމާވެފައިވާ ތޮއްޖެހުންތަކުގެ ސަބަބުން، ވިޔަފާރިތަކަށްވަނީ ނުހަނު ދަތިތަކާ ކުރިމަތިލާންޖެހިފައި.

މިކަމަށް ޙައްލެއް ހޯދުމަށްޓަކައި، ގުދަން ކުރުމާއި، ލޮޖިސްޓިކް ޚިދްމަތްތައް ހިމެނޭ ގޮތަށް، ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެ. މިބަދަލުތައް އައުމުން، މާލޭގައި ހުރި ގުދަންތަކާއި، ޞިނާޢީ މަސައްކަތް ކުރާ ގިނަ ތަންތަން މާލެއިން ބޭރުވެ، މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރެއިން، މަސްވެރީންނަށާއި ދަނޑުވެރީންނަށް މާލީ އިދާރާތަކާއި ބޭންކުތަކުގެ ލޯނާއި، ކްރެޑިޓް ސްކީމްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުގެ ވުޒާރާތަކުން މިހާރު ވަނީ ފަށާފައި.

މަސްވެރި ޢާއިލާތަކުގެ އާމްދަނީ އިތުރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ޑީސަލްގެ އިމްޕޯޓް ޑިއުޓީ މިހާރު ވަނީ ކަނޑާލާފައި. ދަނޑުވެރިކަމަށް އެތެރެކުރާ 158 ބާވަތެއްގެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީވެސް މިހާރު ވާނީ ކަނޑާލާފައި.

މިފްކޯގެ ހިންގުން ހަރުދަނާކޮށް ފޯރުންތެރިކަން އިތުރުކުރުމަކީ، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް. މިގޮތުން މިފްކޯއިން އެކްސްޕޯޓްކުރާ މަހަކީ، ވެލިއު އެޑް ކުރެވިގެން އެކްސްޕޯޓް ކުރެވޭ މަހުގެ ބާވަތްތަކެއް ކަމުގައި ހަދައި، ދަޅުގައި މަސް ބަންދުކުރުމުގެ ޤާބިލުކަން އިތުރުކޮށް، ފިނިކުރި ރޯމަހުގެ އެކްސްޕޯޓް މަދުކުރުމަކީ ސަރުކާރުގެ އަމާޒެއް.

މިފްކޯގެ ފަރާތުން އައްޑޫ ސިޓީގެ ހުޅުމީދޫގައި ޤާއިމުކޮށްފައިވާ މަސް ކާރުޚާނާ ފުރިހަމަކޮށް، މި އަހަރު މަސައްކަތް ފެށޭނެ. އަދި އިތުރު ރަށްރަށުގައި، އައިސް ޕްލާންޓް ޤާއިމުކޮށް، ފެލިވަރު ކޯލްޑް ސްޓޯރޭޖްގެ ޖާގަވެސް މިހާރަށްވުރެ މި އަހަރު އިތުރުކުރެވިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ޤައުމަށް ލިބޭ ޙަޤީޤީ ތަރައްޤީއަކީ، ރައްޔިތުންގެ އަތްމަތި ތަނަވަސްވުން. ރައްޔިތުންނަށް ލިބޭ އުޖޫރައަކީ، އެ ރައްޔިތަކަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭ މިންވަރުކަން މި ސަރުކާރުން ކަށަވަރު ކުރާނެ. އެހެންކަމުން، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމަށްޓަކައި، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މި އަންނަނީ މަޝްވަރާ ކުރަމުން.

މީގެ އަހަރުތަކެއް ކުރިއާ އަޅައިބަލާއިރު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި، އެތައް ގުނައަކުން ހަލުވިވެފައި މިވަނީ، ޓެކްސް ނިޒާމު ތަޢާރުފްކުރުމުން. މުޅި ޤައުމުގެ އިޤްތިޞާދީ ނަފާއިން، ދައުލަތަށް ލިބޭ މިންވަރު، މިހާރަށްވުރެ އިތުރުކުރުމަކީ، ޖަޒީރާވަންތަ އިޤްތިޞާދެއް، ކުރިލައި ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް.

ޓެކްސްގެ ނިޒާމު މިހާރަށްވުރެ ފުރިހަމަކުރުމުގެ ގޮތުން، އަޅުގަނޑު ޤަޞްދުކުރަނީ، އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް، އިންކަމް ޓެކްސް ނެގުމާބެހޭ ބިލެއް، މި އަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން. އެ ބިލް ފާސްވުމުން، އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނަގަން ފެށޭނެ. އޭރުން، އަޅުގަނޑުމެން މި އެދޭ، ޖަޒީރާވަންތަ ތަރައްޤީގެ ހިތްފަސޭހަކަން ލިބެން ފަށާނެ.

ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޒަރީޢާއިން މުޅި ދުނިޔެ ގުޅިފައިވާއިރު، އެ ޓެކްނޮލޮޖީގެ މަންފާ، ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް، ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. މިކަމުގެ ސަބަބުން، ހައި ސްޕީޑް އިންޓަރނެޓްގެ ޚިދުމަތް، ވީހާވެސް ގިނަ ރަށްރަށަށް ފޯރުކޮށްދީ، ޑިޖިޓަލް ޚިދުމަތުގެ ފަރަޤު މިހާރަށްވުރެވެސް ކުޑަވެގެންދާނެ. އަދި ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރެވި، ރައްޔިތުން އުންމީދުކުރާ ހަލުވިމިނުގައި ޚިދުމަތް ދެވޭނެ.

ސަރުކާރުގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ހެލްތު ޕޯސްޓުތައް މިހާރުވަނީ ޑިޖިޓަލް ވިއުގައިން ގުޅާލެވިފައި. ތަޢުލީމީ ނިޒާމަށްވެސް ވަނީ އެ ބަދަލު ގެނެވިފައި.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ތަރައްޤީގެ ރަސްމަގު ހޯދުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ، ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުން. އެ އަމާޒަށް ވާޞިލުވުމަށްޓަކައި، ދިވެހި ޒުވާނުން ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެގޮތް، މި މަސް ނިމުމުގެ ކުރިން ހަމަޖެހޭނެ.

މިއަހަރުގެ ބަޖެޓުންވެސް އެންމެ ބޮޑު އިންސައްތައެއް، ތަޢުލީމީ ދާއިރާއަށް ހޭދަކުރުމަށް އަޅުގަނޑުމެން ކަނޑައެޅީވެސް، ޤައުމީ ތަރައްޤީގެ ދުވެލި ހަލުވި ކުރުމަށްޓަކައި. އެއީ 3.4 ބިލިއަން ރުފިޔާ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް، ބަޖެޓުގެ މިހާ މަތީ މިންވަރެއް، ތަޢުލީމަށް ކަނޑައެޅި ފުރަތަމަ ފަހަރު. މި ސަރުކާރުން ޒުވާނުންނަށް މަތީ ތަޢުލީމު ދޭނެ. އެންމެންނަށް ކިޔަވައިދީ ތަމްރީނު ދޭނެ. އެއާއެކު ވަޒީފާގެ ފުރުޞަތުތައްވެސް ހޯދައިދޭނެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިން އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު މިހާރުވާނީ 25 އިންސައްތަ އިތުރުކޮށްދީފައި. މި ބަދަލު އައުމުން، އެންމެ މަތިން ލޯނު ނަގާ ދަރިވަރުން، މަހަކު ދައްކަންޖެހޭ ޢަދަދުން ގާތްގަނޑަކަށް 4000.00 ރުފިޔާ އުނިވެގެންދާނެ.

މިދިޔަ އަހަރު ސަރުކާރުން އިއުލާނުކުރި ލޯން ސްކީމްގެ ތެރެއިން، ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް، މި ދެންނެވި އިންޓްރެސްޓް ކުޑަ ލޯން ސްކީމުގެ ތެރެއިން ލޯނު ހަމަޖެހިގެންދާނެ. އަދި އިތުރު ފުރުޞަތުތަކަށް ވަރަށް އަވަހަށް ހުޅުވައިލެވޭނެ. މި ލޯން ސްކީމްގައި ސާރކް ޤައުމުތަކުގެ އިތުރުން، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް އަދި ޗައިނާއިން ކިޔެވޭނެގޮތް މި އަންނަނީ ހަމަޖައްސަމުން.

ހިނގަމުންމިދާ ދިރާސީ އަހަރުގެ ފުރަތަމަ ދުވަހާއެކު، ރާއްޖޭގެ 25 ސްކޫލެއްގައި ވަނީ، ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފަށާފައި. މި އަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުން ފެށޭއިރު، ރާއްޖޭގައި މިހާރު ހުރި 213 ސްކޫލްގައި ނާސްތާ ޕްރޮގްރާމް ކުރިއަށްދާނެ.

ވަށައިޖެހޭ ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، 144 ސްކޫލެއްގައި މިހާރު އަންނަނީ އެއްދަންފަޅިއަށް ކިޔަވައިދެމުން. އަދި އިތުރު 69 ސްކޫލެއް، އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމުގެ އޮޑިޓެއް ހަދައި، އެކަން ކުރެވޭނެ ގޮތުގެ ޕްލޭނެއް، މިހާރު އަންނަނީ ތައްޔާރު ކުރަމުން.

ދިވެހީންނަށް ވަޒީފާ ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، މިއަހަރުގެ ތެރޭގައި، ދިވެހި 580 ޓީޗަރުން ވަޒީފާއަށް ނެރެވުނު. ރާއްޖޭގެ ސްކޫލްތަކުގައި މިއަދާ ހަމަޔަށް 7627 ދިވެހި ޓީޗަރުން އެބަތިބި. ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، މިއަހަރު ދަސްވެނިވާ 600 އަށްވުރެ ގިނަ މުދައްރިސުންނަކީ، ތަޢުލީމީ ދާއިރާގައި، ޒުވާނުން އިތުރުކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ލިބޭނެ، އިތުރު ބާރަކަށް ވެގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ކިތަންމެ ގިނަ ފައިސާއެއް ހޭދަކޮށް، ކިތަންމެ ގިނަ ވަސީލަތެއް ބޭނުންކުރިޔަސް، ޤައުމީ ތަރައްޤީގެ ފަތިހަކަށް އަލިވިލޭނީ، އިންސާނާގެ ނަފްސާއި، އޭނާގެ ޒާތަށް ކުރިއެރުން ލިބިގެން. އިންސާނާގެ ޙަޤީޤީ ތަރައްޤީ ބިނާވެފައިވަނީ، އޭނާގެ ހަށިހެޔޮކަމާއި، ޞިއްޙަތުގެ ދުޅަހެޔޮކަމާއި، ބުއްދީގެ ޤާބިލުކަމުގެ މައްޗަށް.

މިހާރުގެ ޙާލަތަށް ބަލާއިރު، ދިވެހީންގެ ވިސްނުމަށާއި ޞިއްޙަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ، ސިއްޙަތަށް ގެއްލުން ހުރި ތަކެތީގެ ބޭނުންކުރުމާއި، ގައިންގަޔަށް ނާރާ ބަލިތައް. ޞިއްޙަތަށް ނުރަނގަޅު ކާބޯތަކެއްޗާއި، ނުރަނގަޅު އާދަތަކުން ދިވެހީން ހަލާކުވަމުން ދަނީ ހިތާމަކުރަންޖެހޭ މިންވަރަށް.

އެފަދަ ބަލިތަކަށް މީހާ ވާޞިލުކުރާ އެކައްޗަކީ، ދުންފަތާއި ދުންފަތުގެ އުފެއްދުންތައް. ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދަށް، ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ކަމަށްވާ، މެއި މަހުގެ 31 ވަނަ ދުވަހު ޢަމަލުކުރަން ފެށުމުން، ވަކިވަކިން ބިޑި، ސިނގިރޭޓް، ސުއްޓާ ވިއްކުން މަނާވާނެ.

ތެލަސީމިޔާ ކުދީންގެ ޢަދަދު، އަހަރުން އަހަރަށް އިތުރުވަމުން ދިޔުމަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް. ތެލަސީމިއާ ކުދިންގެ ލޭގައި ހުންނަ ދަގަނޑުގެ މިންވަރު ދެނެގަތުމަށް ހަދާ "ސީރަމް ފްރިޓީން" ޓެސްޓު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހެދޭނެ އިންތިޒާމު، މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ.

އޭގެ އިތުރުން، ރާއްޖޭގައި އިތުރުވަމުން އަންނަ "ސަރވިކަލް ކެންސަރ" ބަލި ޖެހޭ އަންހެނުންގެ ޢަދަދު މަދުކުރުމަށްޓަކައި، ނުވަ އަހަރާއި ތޭރަ އަހަރާ ދެމެދުގެ އަންހެން ކުދީންނަށް، އެޗް.ޕީ.ވީ ވެކްސިން، މި އަހަރުގެ ތެރޭގައި ދޭން ފެށޭނެ. އަދި އަޅުގަނޑުމެން ވަޢުދުވެފައިވާ ފަދައިން، ރާއްޖޭގެ އުތުރާއި ދެކުނުގައި، ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމުކުރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް މި އަންނަނީ ކުރަމުން.

ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް އުފައްދާ "ނޭޝަނަލް މެންޓަލް ހެލްތު ސެންޓަރ"، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ޤާއިމުކުރެވި، އެފަދަ ބަލިތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. މިކަމަށް ބޭނުންވާ ވަސީލަތްތައް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު އަންނަނީ ޤާއިމުކުރަމުން. އަދި މިކަމަށް ބޭނުންވާ މެންޓަލް ހެލްތު ބިލްވެސް، މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭނެ.

ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ، އިންޑިޔާ، ސްރީލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނަށްވެސް، އެ ޤައުމުތަކުގެ ކަނޑައެޅޭ ވަކި ހޮސްޕިޓަލްތަކަކުން އާސަންދައިގެ ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް، ސަރުކާރުގެ އިދާރާތަކުން މިހާރު އަންނަނީ ކުރަމުން. މިއާއެކު، ލަންކާގައި ދިރިއުޅޭ ދިވެހީންނަށް، އަންނަ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާސަންދައިގެ ޚިދުމަތް ލިބެން ފަށާނެ.

ޢުމުރުން ދުވަސްވެ، އަޅައިލާނެ ފަރާތެއްނެތި އެކަނި ދިރިއުޅެމުން އަންނަ މީހުންނަށް، ދައުލަތުގެ ފަރާތުން ހިޔާވަހިކަމެއް، ނުވަތަ އެލްޑަރލީ ހޯމްއެއް ހަމަޖައްސައިދިނުމަށްވެސް، މިހާރު މި އަންނަނީ މަސައްކަތް ކުރަމުން.

ދުޅަހެޔޮ ޞިއްޙަތަކަށް ވާޞިލުވެވޭނެ އެންމެ މުހިންމު ކަމަކީ، ޙަރަކާތްތެރި ދިރިއުޅުމަކަށް އަހުލުވެރިވުން. ރައްޔިތުން ކަސްރަތަށް އަހުލުވެރިކުރުމަށްޓަކައި، ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމުގެ ސިޔާސަތުގެ ދަށުން، ސިވިލް ސަރވިސް އޮނިގަނޑަށް މިހާރުވާނީ، ސްޕޯޓްސް ކައުންސިލަރުންގެ ނަމުގައި 200 މަޤާމު އަލަށް އިތުރުކޮށްފައި.

ކުޅިވަރުތައް ތަރައްޤީކޮށް އާލާކުރުމަކީވެސް، ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް. ޤައުމީ ކުޅިވަރުތަކަށް ދިރުން ގެނައުމަށްޓަކައި ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް، އަހަރަކު މަދުވެގެން ފަސް ލައްކަ ރުފިޔާ ދިނުމަށް ނިންމައި، މިހާރު ވަނީ އެކަން ހަމަޖެހިފައި. އަންހެން އަދި ފިރިހެން ޤައުމީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިންނަށް ދޭ އެލަވަންސް ހަމަހަމަކޮށް، ހުރިހާ ކުޅިވަރެއްގެ ކުޅުންތެރިންނަށްވެސް، އެލަވަންސް ދޭގޮތަށް މިހާރު ވާނީ ހަމަޖައްސާފައި.

މާލެ ސަރަޙައްދުގައި އޮލިމްޕިކް ސައިޒްގެ ސުވިމިންގ ޕޫލެއް ހެދުމަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. ޖުމްލަ 18 މިލިއަން ރުފިޔާއިން ހަދާ އެ ސުވިމިންގ ޕޫލްގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށިގެންދާނެ. މިއީ ބައިނަލްއަޤްވާމީ ކުޅިވަރު މައިދާންތަކުން، ރަން ވަނަތަކަށް އުންމީދުކުރާ ޒުވާނުންނަށް އުފާވެރި ޚަބަރަކަށްވާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ޤައުމީ އާމްދަނީން ބޮލަކަށް ޖެހޭ ނިސްބަތް ކިތަންމެ މަތީގައި ހުއްޓަސް، އެ އާމްދަނީން ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު، އަދިވެސް އިތުރެއްނުވޭ. ގިނަ ރަށްރަށުގެ ރައްޔިތުން އަދިވެސް ތިބީ އެންމެ އަސާސީ ޚިދުމަތްތަކުންވެސް މަޙްރޫމްވެފައި.

އެފަދަ ރަށްރަށުގައި ސާފު ބޯފެނާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށިގެންދާނެ. އަދި މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، އެއް އުސޫލަކުން، ހުރިހާ ރަށެއްގައި އެ ޚިދުމަތްތައް ޤާއިމުކުރެވިގެންދާނެ.

މި ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުގެ އެންމެ މުހިންމު ބަޔަކީ، މިޤައުމުގެ ނާޒުކު ތިމާވެށި. މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަ ދެމެހެއްޓުމަށްޓަކައި، ތިމާވެށި ޙިމާޔަތްކުރުމުގެ ގޮތުން، ރަށްރަށުގެ ޤުދުރަތީ ވެށި ޙިމާޔަތްކުރުމުގެ މަސައްކަތް، ޚާއްޞަ އިސްކަމެއްދީގެން
މި ސަރުކާރުން ކުރާނެ.

ދިވެހިރާއްޖެއަކީ މާކަނޑުގެ ރާއްޖެއަކަށްވީ ހިނދު، މި ޤައުމުގެ ދިރުން ގުޅިފައިވަނީ ކަނޑުތަކާއި، ފަރުތަކާއި، ހޭޅިފަށާއި، އެ ތަންތަނުގެ ދިރުމާ. ރަށްތަކުގެ ދިރުން ރައްކާތެރިކޮށް، އަންނާން އޮތް ޖީލުތަކަށް މި ރާއްޖެ ވާޞިލު ކޮށްދިނުމަކީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް. ތަރައްޤީގެ ހުރިހާ ކަމެއްވެސް ބައްޓަންކުރާނީ، މި ޤުދުރަތީ ރީތި ރާއްޖެ ދެމެހެއްޓޭނެ ގޮތަށް. ރައްކާތެރި އަދި ދެމެހެއްޓެނިވި ވެށްޓެއް ދިވެހިރާއްޖޭގައި ކަށަވަރު ކުރެވޭނީ، ޤުދުރަތީ މި އަގުހުރި ވަސީލަތްތައް، އޭގެ އަސްލު ނުގެއްލޭނެ ގޮތަށް ބެލެހެއްޓިގެން. ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ނަން އަނެއްކާވެސް ފަވާލާނީ ތިމާވެށީގެ ލީޑަރެއްގެ ގޮތުގައި.

ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ، މި އަހަރުގެ ތެރޭގައި އެކުލަވައިލެވޭ ގްރީން ފަންޑަށް ޚާއްޞަކޮށް، އެ ފައިސާ ޚަރަދުކުރުމަށް މިހާރު ނިންމާފައިވަނީ ތިމާވެށި ޙިމާޔަތް ކުރުމަށާއި، ސާފު ބޯފެން ފޯރުކޮށްދިނުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް.

ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމުގެ ގޮތުން، މި އަހަރުގެ ތެރޭގައި އިތުރު 82 ރަށެއްގައި، އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކުރެވޭނެ. އެ ރަށްރަށުގައި މި ނިޒާމު ޤާއިމުކުރުމުން، އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު، މިހާރާ އަޅައިބަލާއިރު
ދެ ގުނަ އިތުރުވެގެންދާނެ.

ރާއްޖެއަކީ މުއްސަނދި ތަރިކައަކާއި، ޒަމާންވީ ސަގާފަތެއް އޮތް ޤައުމެއް. ރާއްޖޭގެ ސަގާފީ ތަރިކައަށް ޤާނޫނުގެ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، އެކަމާ ގުޅޭ ބިލް، މިއަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވުމަށް އަޅުގަނޑު ޤަޞްދުކުރަން.

ތަރިކައިގެ ގޮތުގައި ބެލެވޭ ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަން ބެލެހެއްޓުން، ކައުންސިލްތައް މެދުވެރިކޮށް ހަރުދަނާ ކުރެވިގެންދާނެ. ޒަމާނީ ވަސީލަތްތަކާއި ޓެކްނޯލޮޖީ ބޭނުންކޮށްގެން، ސަގާފީ ތަރިކަ ޑޮކިއުމެންޓް ކުރުމުގެ މަސައްކަތްވެސް، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށިގެންދާނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ބޯހިޔާވަހިކަމުގެ މައްސަލައަށް، ޢަދުލުވެރި އަދި އިތުބާރު ހިފޭ ޙައްލެއް ހޯދުމަށްޓަކައި، [ހައުސިންގ ނީޑް އެސެސްމަންޓް] ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. އެ މަސައްކަތް ނިމުމުން، މުޅި ރާއްޖެއަށް އަމާޒުކޮށް، ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު އެކުލަވާލައި، ތަންފީޒުކުރަން މި އަހަރު ފެށޭނެ.

އެކި ރަށްރަށުގައި މި އަހަރު އަލަށް ފަށާ 550 ހައުސިންގ ޔުނިޓްގެ މަސައްކަތް، ބީލަމަށްލުމަށް މިހާރު އަންނަނީ ތައްޔާރުވަމުން. މަސައްކަތް ފަށައި، ނުނިމި ހުރި 1500 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތްވެސް މިހާރު ވަނީ އަލުން ފަށާފައި.

މާލޭގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްވެސް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. ކުރީ ސަރުކާރުގެ [ހިޔާ] މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުންނާއި، މަތިން ޕޮއިންޓް ލިބި، ފްލެޓް ނުލިބުނު މީހުންގެ މައްސަލަތަކަކީވެސް، ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ މައްސަލަތަކެއް.

މި މައްސަލަތަކުގެ އިތުރުން، ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ކަންކަމާއި، ގުޅީފަޅު މަޝްރޫޢުގެ މައްސަލަވެސް، އިރާދަކުރެއްވިއްޔާ މި ސަރުކާރުން ޙައްލުކޮށްދޭނަން. ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ގުޅޭ ދެ ޤާނޫނެއްގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުން. އެއީ، ހިޔާވަހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ އުސޫލުތައް ބަޔާންކުރާ [ޓެނެންސީ އެކްޓް] އާއި، އެއްމެދު ޢިމާރާތްތަކާ ބެހޭ އުސޫލުތައް ކަނޑައަޅައިދޭ [ކޮންޑޮމީނިއަމް އެކްޓް].

ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި، [ނޭޝަނަލް ހައުސިންގ ކޯޕަރޭޝަން]ގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް އަޅުގަނޑު ގަސްދުކުރަން. އަޅުގަނޑުގެ އަމާޒަކީ، މީގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ އަގަށްވުރެ، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަގުހެޔޮކޮށް ވައިގެ މަގުން ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން، މޯލްޑިވިއަން އިން ކުރާ އެތެރޭގެ ދަތުރުތަކުގެ ޓިކެޓްގެ އަގު މިހާރުވާނީ، 25 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮކޮށްފައި.

މާލެއަކީ ހިނގާބިނގާވާ މީހުންނަށްވެސް، އަމާން ތަނަކަށް ހެދުމުގެ ގޮތުން، މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވަނީ ފަށާފައި. އެކަމަށް ބޭނުންކުރުމަށް ނިންމާފައިވަނީ ތިމާވެށްޓާ ރަޙްމަތްތެރި މިނީ ބަސް.

މާލޭގެ ހަލަބޮލިކަމާއި ދަތިތަކަކީ، އެކަމުގެ އަސަރު މުޅި ރާއްޖެއަށް ކުރާ ކަންކަން. މާލޭގެ ތޮއްޖެހުން ނައްތާލައި، މާލެއަކީ، މާލޭގައި ދިރިއުޅޭ މީހުންނަށާއި، މާލެއަށް ޒިޔާރަތްކުރާ މީހުންނަށްވެސް، ހިތްފަސޭހަ އަމާން މާޙައުލަކަށް ހެދުމަށް، ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި.

އެގޮތުން، މާލޭގައި ހުސް ޖާގަ އިތުރުކުރުމަށް ސަރުކާރުގެ އިތުރު އެއްވެސް ޢިމާރާތެއް ނުހެދުމަށް މި ސަރުކާރުން ވަނީ ނިންމާފައި. އަދި މާލޭގައި މިހާރު ހުރި ބައެއް ބިންތައް ހުސްކޮށް، ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް އަމާންކަމާއެކީ އުޅެވޭފަދަ ޖަޒީރާ މާޙައުލަކަށް ބަދަލުކުރެވޭނެ.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛

ސަރުކާރުގެ މޫނުބަލާ ލޯގަނޑު ކަމުގައި އަޅުގަނޑު ގަބޫލުކުރާ، ނޫސްވެރިކަމުގެ މިނިވަންކަންވެސް، މި ވެރިކަން ފެށުނުއިރު އޮތީ، އަބުރުގެ ޤާނޫނުގެ ވަކިތަކުގެ ތެރޭގައި ކަސްތޮޅުއެޅި ޒަޚަމްވެފައި. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑު ވާނީ އެ ޤާނޫނު އުވާލައި، ނޫސްވެރިކަމަށް މިނިވަން ޖައްވެއް ޤާއިމުކޮށްދީފައި.

ސަރުކާރެއް ދެމިއޮތުމުގެ ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުން. ކޮންމެ ޤައުމެއްގައިވެސް ދައުލަތެއްގެ ސިފަ ޖެހިގެންދަނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ހިންގާ ވެރިކަމެއް އޮތުމުން. އެހެންވީމާ، ޙަޤީޤީ ވެރިކަމެއް ދެމިއޮތުމުގެ އެންމެ ވަރުގަދަ ބަހާއަކީ، ކޮންމެ ބަޔަކުވެސް، އެބައެއްގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުން.

އަޅުގަނޑު މަޤާމުގެ ހުވައި ކުރި ދުވަހެކޭ އެއްފަދައިން، ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދެއްވި ގޮތުގެ ތަފާތަށް ބެލުމެއްނެތި، ރައްޔިތުންގެ އުއްމީދުތައް ޙާޞިލުކޮށްދިނުމަށްޓަކައި، ރައްޔިތުންގެ ޚިދުމަތުގައި އަޅުގަނޑު ދެމިހުންނާނަން. އަދި މިއަދުވެސް އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މެމްބަރުންނަށް އެކަން ޔަޤީންކޮށް އަރުވަން.

ޤުދުރަތުގެ މަތިވެރި ނިޔާގެ މަތީން، މި ރާއްޖޭގެ ރައްޔިތުންގެ އެންމެހައި ޙައްޤުތައް ރައްކާތެރިކުރުމުގެ މަތިވެރި އަމާނާތާ، މިވަގުތު ޙަވާލުވެހުރި މީހަކީ އަޅުގަނޑު. މި މަތިވެރި އަމާނާތް އަދާކުރުމުގައި، އަޅުގަނޑަށް މަދަދާއި ވާގިވެރިކަން ދެއްވުން އެދި، ކޮންމެ ކަމަކަށް ކުޅަދުންވަންތަ ﷲގެ ޙަޟްރަތުގައި އިބްތިހާލްވެ ދަންނަވަން. އެކަލާނގެ މަތިވެރި ރަޙްމަތްފުޅާއެކު، އެ ޒިންމާ އަދާކުރުމުގައި، މި ޢިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑަށް ދެއްވާނެ ކަމަށް ޔަޤީންކުރަން.

މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި، ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު، މާތް ﷲ އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން އެދި އަޅުގަނޑު ދުޢާކުރަން. ދިވެހި ރައްޔިތުންނަކީ، ޤައުމީ ސިޔާދަތާއި އެއްބައިވަންތަކަމާއި، ޞުލްޙަމަސަލަސްކަމާއި އަމާންކަމަށް ލޯބިކުރާ ބައެއް ކަމުގައި ދެމެހެއްޓެވުން އެދި ﷲގެ ޙަޟްރަތުގައި ދަންނަވަން.

އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު، ތަރައްޤީގެ މަގުގައި، އެއްދުވަހުން އަނެއް ދުވަހަށް ހަލުވި ފިޔަވަޅުތަކެއް އަޅަމުން ދިޔުމުގެ ހެޔޮ ވިސްނުމާއި ޤާބިލުކަން އެންމެންނަށް ދެއްވާށި! ރާއްޖޭގައި ހެޔޮ ވެރިކަމެއް ކުރުމަށާއި، ރާއްޖެއަށް އިޞްލާޙީ ބަދަލުތައް ގެނައުމަށް ކުރަމުން މިގެންދާ މަސައްކަތްތަކުގައި، މާތް ﷲ ބަރަކާތް ލައްވައި، އެކަމުގައި ވާގިވެރިކަން ދެއްވާށި! އާމީން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.