ސްރީލަންކާއިން ދިވެހިރާއްޖެއަށް ލިބެމުންދިޔަ އެހީތެރިކަމާއި އެއްބާރުލުން ކުރިމަގުގައިވެސް ލިބެމުންދާނެ ކަމުގައި ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ސްރީލަންކާއަށް ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞޯލިހުގެ ދަތުރުފުޅުގައި ހިމެނިގެން ދެޤައުމުގެ އިސްވެރިން ހިމެނޭ ވަފުދުން މިއަދު ބޭއްވެވި ދެޤައުމުގެ ރަސްމީ މަޝްވަރާތަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

 

މިއަދު ބޭއްވެވި ދެޤައުމުގެ ރަސްމީ މަޝްވަރާ ތަކުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. ސްރީލަންކާގެ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވީ އެޤައުމުގެ ރައީސް މައިތުރިޕާލަ ސިރިސޭނައެވެ. 

 

މިބައްދަލުވުމުގައި ދިވެހިރާއްޖެއަކީ ގާތް ރަހުމަތްތެރި އަވަށްޓެރި ޤައުމެއްކަން ހާމަކުރައްވަމުން ސްރީލަންކާގެ ރައީސް ވަނީ އެޤައުމުގެ ސަރުކާރުން ކުރިމަގުގައި ވެސް ދިވެހިރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ސްރީލަންކާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ކުރިމަގުގައިވެސް ދެޤައުމަށް ފައިދާހުރި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞޯލިޙް ވިދާޅުވިއެވެ. 

 

 މިބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ވިޔަފާރިއާއި މަސްވެރިކަމާއި ޞިއްޙީދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ތިމާވެށީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ރާއްޖެއާއި ސްރީލަންކާއަކީވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭގެއްލުންތަކުގެ އަސަރުފޯރުމުގައި ދާދި އެއްގޮތް ކަންތައްތަކެއް ހުރި ދެޤައުމު ކަމަށްވާތީ ޚާއްޞަގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި އެއްބާރުލުންދީ ގުޅިގެން މަސައްކަތް ކުރެއްވުމާއިމެދު ދެވޭފުޅުންވެސް މަޝްވަރާކުރައްވާފައި ވެއެވެ.  އަދި އިޖުތިމާޢީ ގޮތުން ދެޤައުމުން ތަޖުރިބާކުރަން ޖެހިފައިވަނީވެސް ދާދި އެއްކަހަލަ ކަންތައްތަކެއްކަން ފާހަގަކުރައްވަމުން މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ދެޤައުމު ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް ދެބޭފުޅުންވެސް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. 

 

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވަނީ ސަރަހައްދީ ގުޅުންތައް ދެމެހެއްޓުމަކީ މިހާރުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާކަމެއްކަމުގައި ވިދާޅުވެފައެވެ. ސްރީލަންކާގެ ރައީސްގެ ވާހަކަފުޅުގައިވެސް ސަރަހައްދީ ގުޅުންތައް ވަރުގަދަކުރުމަކީ ސްރީލަންކާއިންވެސް އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަ ކުރައްވައި ދެކުނުއޭޝިއާ ބައްރުގެ ޤައުމުތަކުގެ ސަލާމަތާއިރައްކާތެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދެކުނުއޭޝިއާ ބައްރުގެ ޤައުމުތައް ގުޅިގެން ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމުގެ މުހިންމުކަން ސްރީލަންކާގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.