ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނަގެ ދައުވަތަކަށް މިމަހުގެ ތިން ވަނަ ދުވަހު ސްރީލަންކާއަށް ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް ސްރީލަންކާ ސަރުކާރުން ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި، ސްރީލަންކާ ގަޑިން މިއަދު ހެނދުނު 10 ޖެހިއިރުއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިދަތުރުފުޅުގައި ކޮލަމްބޯގައި ތިއްބަވާ ހިލްޓަން ހޮޓެލުން ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓަށް ވަޑައިގަތީ ރަސްމީ ޢިއްޒަތުގައެވެ. ރަސްމީ ޢިއްޒަތުގައި ވަޑައިގެންނެވިއިރު، ސްރީލަންކާގެ ޘަޤާފީ ކުޅިވަރުތައް ކުޅެމުންދިޔައެވެ. 

ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީކޮށް މަރްޙަބާ ވިދާޅުވީ، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ޖަޔަންތީ ޕުޝްޕާ ކުމާރީއެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ރައީސް ޑަޔަސްއަށް އަރައިވަޑައިގަތުމުން، ޕްރެޒިޑެންޝަލް ސެލިއުޓް އަރުވައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު 21 ބަޑީގެ ސަލާމެއްވެސް އެރުވުނެވެ. އޭގެފަހުން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ސްރީލަންކާގެ ޓްރައި ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ. 

މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް، ސްރީލަންކާ ސަރުކާރުގެ ޢިއްޒަތްތެރިން ތަޢާރުފްކޮށް އެރުވުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން، ސްރީލަންކާގެ ރައީސްގެ ދެކަނބަލުންނަށް ތަޢާރުފުކޮށް އެރުވުނެވެ.