بســم اللّـه الرّحمـن الرّحيــم

 

 

         اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

 

މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް،ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު، ޖެނެރަލް އޮފިސަރުން، ސިފައިންގެ އެހެނިހެން ރޭންކްތަކުގެ އޮފިސަރުން، ދިވެހި ދައުލަތުގެ ދިފާޢީ އައްޑަނަ ކަމުގައިވާ ލޮބުވެތި ދިވެހި ސިފައިން، މި ބައްދަލުވުމުގެ އެންމެހައި ބައިވެރިން.

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

ތިޔަ ސިފައިން ދެންމެ ތިޔަ ކުރެއްވި ހުވައިގައި ވަރަށް މުހިންމު ހަތަރު ކަމަކަށް ވަޢުދުވީ އަޑު އަޅުގަނޑުމެންނަށް އިވިއްޖެ. އެއީ، ޤާނޫނުއަސާސީ ދިފާޢުކުރުން. އިސްލާމްދީން ދިފާޢުކުރުން. އަދި ދިވެހިރާއްޖެ ދިފާޢު ކުރުމާއި، ދުޝްމަނުންނާއި ބާޣީންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތް ކުރުން.

 

މި މުހިންމު ވާޖިބުތައް އަދާކުރުމުގައި ތެދުވެރިވާނެ ކަމަށާއި، އަމާނާތްތެރިކަންމަތީގައި ދެމިތިބުމަށްވެސް ވަޢުދުވެއްޖައިމު. ތިޔަ ސިފައިން ހުވާ ކުރެއްވީ، އެ ވަޢުދުތައް ފުއްދުމަށްޓަކައި ހަށިގަނޑާއި ފުރާނައިން ޤުރްބާންވާން ޖެހިއްޖެ ޙާލަތެއްގައި ޤުރުބާންވުމަށްވެސް ތައްޔާރުވެ ތިބުމަށް. 

 

މާތް ﷲ ގަންދީ ތިޔަ ކުރެއްވި ހުވަޔަކީ، ހަމައެކަނި ވަޒީފާގެ މުއްދަތަށް ދެމިއޮންނަ ހުވަޔެއް ނޫން. ތިޔަ ހުވަޔަކީ، ޤައުމީ ޖިހާދަށް ނުކުތުމުގެ ފުރަތަމަ ފިޔަވަޅު. ޙަޔާތުގެ ކިތަންމެ ކުޑަ ހިނދުކޮޅަކަށްވިޔަސް، ސިފައިންގެ މީހަކަށް ވެވިއްޖެ މީހަކީ، މުޅި ޙަޔާތުގައިވެސް ސިފައިންގެ މީހެއްކަން ހަނދާނުގައި ބަހައްޓަވަންވާނެ. ވަޒީފާ ބަދަލުވިޔަސް، ރިޓަޔަރ ކުރިޔަސް، އެ ހުވާ ނެތިގެނެއް ނުދާނެ. އެ ހުވާގެ ސަބަބުން، ތިޔަ ސިފައިންނާ މަތިކުރެވޭ ޒިންމާތަކާއި މަސްއޫލިއްޔަތު، ދުވަހަކުވެސް ތިޔަބޭފުޅުންނާ ވަތްކެއް ނުވާނެ. އެއީ، ދާއިމީ ގޮތެއްގައި އެއަށް ޙުރުމަތްތެރިކޮށްހިތައި ވަފާތެރިވާންޖެހޭނެ ވަޢުދެއް. 

 

މިއަދު ތިޔަ ސިފައިން ތިޔަ ގުޅިވަޑައިގަތީ، މި ރާއްޖޭގެ އެންމެ ޝަރަފުވެރި އަދި އެންމެ ފަޚުރުވެރި ޢާއިލާއާ. މި ބަދަހި ސަފުތަކުގެ ފަހުލަވާނުންނަކީ، ވަރަށް ތެދުވެރި ވަފާތެރި، އަދި އެހާމެ އަމާނާތްތެރި ބައެއް. ދިވެހި ސިފައިންގެ 127 އަހަރުގެ މާޒީ ކަށަވަރުކޮށްދެނީ، ދިވެހި ސިފައިންނަކީ ދުވަހަކުވެސް ޤައުމަށް ޣައްދާރުވާނޭ ބައެއް ނޫންކަން. 

 

ޤައުމެއްގެ ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ބަހާއަކީ، ކުޅަދާނަ ފަހުލަވާނުން ހިމެނޭ ލަޝްކަރެއް އޮތުން. ސިފައިންގެ އެންމެ މުހިންމު ވާޖިބަކީ ތާއަބަދު ހަނގުރާމަ ކުރުމެއް ނޫން. ހަނގުރާމައިގެ ނަޞްރުން ލިބޭ އުފަލަށްވުރެ، މިނިވަންކަމާއި ޞުލްޙަވެރިކަން ޤާއިމުވެފައި އޮތުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެ. 

 

އަޅުގަނޑުމެން ކޮންމެ މީހަކުވެސް، ކޮންމެވެސް ދުވަހަކުން މިޤައުމާއި މިފަސްގަނޑު ދޫކޮށްފައި ދާނެ. ވަޠަނުގެ ދަރީންތައްވެސް، ޖީލަކަށްފަހު ޖީލެއް ބަދަލުވަމުންދާނެ. ނަމަވެސް މިވަޠަން ތާއަބަދަށް ދެމިއޮންނާނެ. މިވަޠަނުގެ ބަނޑުން އުފަންވާ ދަރީން އަބަދުވެސް، މި ވަޠަނުގެ ޙައްޤުގައި ޤުރްބާންވަމުންދާނެ. މިއަދު އެ ޒިންމާއާ ޙަވާލުވެ ތިބީ ތިޔަ ހިތްވަރުގަދަ ޒުވާން ސިފައިން. 

 

ޝަހީދު ޢަލީ ރަސްގެފާނު، އުތީމު މަހާރަދުން، އަދި ހުރާ ދޮން ބަންޑާރައިން ފަދަ ބޭބޭފުޅުންނަކީ، ޤައުމުގެ ޙައްޤުގައި ތެދުވެވަޑައިގެންނެވިއިރު، ތިޔަބޭފުޅުން ފަދަ ނޫކަށިފުރައިގެ ޒުވާނުން. ޝަހީދު ޙުސައިން އާދަމް، މި ޤައުމުގެ ޙައްޤުގައި ޝަހީދުވެވަޑައިގަތީ، ޒުވާން ލޭގެ ހޫނާއި ޖޯޝްގައި.  އެ ފުރާނަފުޅުތަކަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވާށި!

 

ތިޔަ ހިތްވަރުގަދަ ސިފައިންނަކީ، މިނިވަންކަމާއި ޞުލްޙަވެރިކަމާއެކު ބައިނަލްއަޤްވާމީ މުޖްތަމަޢަށް، މި ރާއްޖެއަށް ނޭވާލެވޭ މައިގަނޑު ސަބަބު. ޤައުމުގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމުގައިވެސް، ސިފައިންގެ މަސައްކަތަކީ އަގުނުކުރެވޭހާ ގިނަގުނަ މުހިންމު ޚިދުމަތްތަކެއް.

 

ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، އެއީ އުދައެރުން ކަމަށްވިޔަސް، ސުނާމީ ކަމަށްވިޔަސް، ނުވަތަ އަލިފާނުގެ ހާދިސާއަކަށްވިޔަސް، އެންމެ ފުރަތަމަ ރައްޔިތުންނަށް އެހީވާން ނުކުންނަ އެއްބަޔަކީ ދިވެހި ސިފައިން. އެ ވާޖިބު ވަރަށް ފުރިހަމައަށް އަދާކޮށްދެއްވަމުން ގެންދަވާތީ، ދިވެހި ހުރިހާ ސިފައިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

 

މި ފަހުން ތަޢާރުފުކުރި ޚިދުމަތްތަކުގެ ތެރެއިން، ސީ އެމްބިއުލާންސްގެ ޚިދުމަތްވެސް، ސިފައިންނާ ހަވާލުކޮށްފައި އެވަނީ،ކޮންމެފަދަ ޙާލަތެއްގައިވެސް، ފަސްޖެހުމެއްނެތި، އެ ޚިދުމަތް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އޮންނާތީ. މޫސުން ގޯސްވެ، ޢާއްމުކޮށް ދަތުރުފަތުރު ނުކުރެވޭ ޙާލަތްތަކުގައިވެސް، ސިފައިން އަންނަނީ އެ ޚިދުމަތް ފޯރުކޮށްދެމުން.

 

ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން، ސިފައިންނަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަ. އެހެންކަމުން، ސިފްކޯ ހިޔާގެ ފްލެޓްތަކުގެ މަސައްކަތް، މިހާރަށްވުރެ އަވަސްކުރުމަށްޓަކައި، ހަރުދަނާ އުސޫލޫތަކެއްގެ ތެރެއިން އެ ފްލެޓްތައް ނިންމުމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން.

 

ޚިދުމަތަށް ނުކުމެ ހުންނަ ސިފައިންގެ މީހާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ، ގޭގައި ތިބޭ އޭނާގެ ޢާއިލާގެ މެމްބަރުން. ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކުގެ ވެލްފެއަރގެ ކަންތައްތައްވެސް، މިހާރަށްވުރެ ހަރުދަނާކޮށް، ފަސޭހަކަމާއެކު، އަވަހަށް ޚިދުމަތް ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެން މި އަންނަނީ ރާވަމުން. 

 

ސިފައިންގެ ތަރައްޤީއާއި ހަށިހެޔޮކަމަށް އަބަދުވެސް ސަރުކާރުން މަސައްކަތް ކުރާނެ. ދިވެހި ސިފައިންނަކީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލު ބަޔަކަށް ހެދުމަށްޓަކައި، ރަޙްމަތްތެރި ޤައުމުތަކާ ގުޅިގެން، ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން މި އަންނަނީ ކުރަމުން. 

 

ވެރިކަމާ ޙަވާލުވުމުން، އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ، ސިފައިންގެ އެތެރޭގެ ކަންތައްތަކަށްވެސް އިޞްލާޙީ ބަދަލުތަކެއް އަންނަންޖެހޭކަން. ހުރިހާ ގިންތިއެއްގެ ސިފައިންނަކީވެސް، ޒިންމާދާރުކަމާއެކު މަސައްކަތްކުރާ، އަދި ޒިންމާތަކަށް ޖަވާބުދާރީވާ ބަޔަކަށް ހެދުމަށްޓަކައި، ސިފައިންގެ ގަވާއިދުތަކާއި އުޞޫލުތައް، އިޞްލާޙު ކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި.

 

ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތުމުގައި، ދިވެހި ސިފައިންނަކީ ނަމޫނާ ބަޔަކަށްވާންޖެހޭނެ. އަޅުގަނޑުމެން މި މަޤާމަށް އައިސް މިތިބީ ޤާނޫނުގެ ވެރިކަން ކުރުމަށް. މި ސަރުކާރުން ދިވެހި ސިފައިންނަށް އަންގާނީ، ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުނުވާ އެންގުންތައް. ހަމަގައިމުވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ޤާނޫނާ ޚިލާފު އަމުރުތަކެއް ނުކުރާނަން. 

 

ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގެ އަސާސްތައް ބުނަނީ، ދިވެހި ސިފައިންނަކީ އެއް ފިކުރެއްގެ ވެރިބަޔަކަށް ވާންޖެހޭނެ ކަމަށް. އެއީ، އިސްލާމީ ޢަޤީދާގައި ސާބިތުވެ ތިބުމުގެ ފިކުރު. އެއީ، ނަފްސަށްވުރެ ޤައުމު އިސްކުރުމުގެ ފިކުރު. އަދި ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިވެދިނުމުގެ ފިކުރު. 

 

މިއަދު ހުވާކުރެއްވި ސިފައިންނަކީވެސް، ޢަސްކަރީ އަޚްލާޤަށާއި ޢަސްކަރީ ހުނަރަށް އަހުލުވެރިވެފައިވާ ބައެއްކަން ޔަޤީން. އެހެންކަމުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ މަތިކުރެވިފައިވާ، މަދަނީ އަދި ޢަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ހިތްވަރާއި ވަރުގަދަ ޢަޒުމެއްގެ މަތީގައި ސާބިތުވެ ތިއްބެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ދިވެހި ސިފައިންގެ ކޮންމެ މީހެއްގެ އެންމެފަހު ނޭވަޔާއެކުގައިވެސް ބުނެވެންވާނީ؛ 

 

          މެރިގެން ދެލޯ މި ފަސްގަނޑުން، އަޅުގަނޑު ނުކުންނައިރު ވަނީ

                      އުންމަތުގެ ޙައްޤުގައި ޖިހާދު، އަދި އެއްފަހަރު ކުރާ ހިތޭ. 

 

އަޅުގަނޑު އެދެނީ، ދިވެހި ސިފައިންނަށް އަބަދާއި އަބަދުގެ ތަރައްޤީއާއި ކުރިއެރުން. ދިވެހި ސިފައިންނަށް ފުރިހަމަ ޞިއްޙަތާއި، ޢަސްކަރީ ޚިދުމަތުގައި ކުރިއަށް ވަޑައިގަތުމުގެ ހެޔޮ ތައުފީޤު މާތްﷲ ދެއްވުން. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ޤައުމު ދިފާޢުކުރުމުގެ އެންމެ އިސް ސަފުގައި ޚިދްމަތް ކުރައްވާ، ރައްޔިތުންނާއި ސަރުކާރުގެ ދިފާޢުގައި ތިއްބަވާ ބަޔަކު ކަމުގައި، ދިވެހި ސިފައިން ލައްވާށި! އާމީން.

 

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.