އެގްޒެކެޓިވް ޑިރެކްޓަރ އޮފް ވަރލްޑް ބޭންކް ފޮރ މޯލްޑިވްސް، މިސްޓަރ  މިރްޒާ ޙުސައިން ޙަސަނާއި، ވަރލްޑް ބޭންކްގެ ދެކުނު އޭޝިޔާ ސަރަހައްދުގެ ނައިބު ރައީސް މިސްޓަރ ހަރޓްވިގް ޝަފަޔާއާއި، އައި.އެފް.ސީގެ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ނައިބު ރައީސް މިސް ނޭނާ ސޮއިލްޖޮވިކް ހިމެނިވަޑައިގަންނަވާ، ވަރލްޑް ބޭންކާއި އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެފް.ސީ)ގެ އިސް ބޭފުޅުންގެ ވަފްދެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖޫމްހޫރިއްޔާ ވަނީ ވަރލްޑް ބޭންކާއި އައި.އެފް.ސީގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ރާއްޖެ ވަޑައިގެންނެވުމުން އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ރާއްޖެއާއި ވަރލްޑް ބެންކާއި ދެމެދުގައި ގުޅުން ގާއިމުކުރިތާ މިއަހަރު 41 އަހަރު ފުރޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެފަރާތްތަކުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ. މިމޭރުމުން ވާހަކަފުޅުކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކުގެ ވާހަކަ ވަރލްޑް ބޭންކާއި އައި.އެފް.ސީގެ އިސް ބޭފުޅުންގެ ވަފުދުގެ ބޭފުޅުންނާ ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ މާލިއްޔަތު ބަލައްހައްޓަމުންދާގޮތާއި އެސެޓް ރިކަވަރީގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތް ހިއްސާ ކުރައްވައި ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ބަދަލުގެނައުމަށް މި ސަރުކާރުން މަސައްކަތްކުރަމުންދާކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ ހިންގުން ލާމާރުކަޒީ އުސޫލަށް ބަދަލުކޮށް މުޅި ރާއްޖެ ހިމެނޭގޮތުނޖް، ވަކި ގިންތިއެއް، ވަކިފަންތިއެއް އިސްތިސްނާކުރުމެއް ނެތި ތަރައްޤީކުރުމުގެ ފިކުރު ސަރުކާރުން ގެންގުޅުއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވަރލްޑް ބޭންކްގެ ވަފުދުގެ ބޭފުޅުން ވަނީ ސަރުކާރުން ގެންގުޅުއްވާ ޒަމާނީ ހިންގުމުގެ އުސޫލުތަކަށާއި، ތަރައްޤީގެ ޕްލޭންތަކަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ވަފުދުގެ ބޭފުޅުން ވަނީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައާއި ވަޢުދުތައް ފުއްދުމުގައި ބޭނުންވާނެ އެހީތެރިކަމާއި އެއްބާރުލުން، މާލީގޮތުންނާއި ފަންނީ ރޮނގުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ރާއްޖޭގެ ބޭންކިން ނިޒާމު އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި، ވަޒީފާ އުފެއްދުމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަށް ހިންގުމަށާއި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށާއި، ސަރުކާރުގެ ލާމަރުކަޒީ އެޖެންޑާ ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ވަފުދުގެ އިސްވެރިޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެފަރާތުންވެސް ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި މި ދާއިރާތަކުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތް ތަކުގައި ވަރަށް ގާތުން ގުޅިގެން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާކަން ހާމަކުރައްވައިފައެވެ.