އިޓަލީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހަރ އެކްސެލެންސީ މިސިޒް ޖޫލިއާނާ މަންނޭލާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފަތްކޮޅު އެރުވުމަށް ބޭއްވެވި މި ރަސްމިއްޔާތުގައި، އިޓަލީގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި މަރުޚަބާ ވިދާޅުވެ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާގުޅިގެން އެކަމަނާއަށް ތަޙުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އިޓަލީއާ ދެމެދުގައި އޮތް ގުޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ރާއްޖެއިން ދެއްވާކަން ފާހަގަކުރައްވައި، ރާއްޖެއަށް ޒިޔާރަތްކުރާ އިޓަލީގެ ފަތުރުވެރިންގެ މެދުގައި ޒަމާނުއްސުރެ ރާއްޖެއަކީ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މި ފަހަކަށް އައިސް ގިނަ އަދަދެއްގެ ދިވެހިން އިޓަލީއަށް ޒިޔާރަތްކުރަމުންދާކަމަށާއި، އެއީ އިޓަލީގައި އޮންނަ މުއްސަނދި މަރުޙަބާ ކިޔުމުގެ ސަޤާފަތުގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އިޓަލީ ސަފީރާ ދެބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން ވަރުގަދަކުރެއްވުމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން ދެބޭފުޅުން ވަނީ ފަތުރުވެރިކަން ކުރިއަރުވައި، ތިމާވެށި ރައްކާތެރިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ ރާއްޖެ ސަރުކާރާއި، ޔުނިވަރސިޓީ އޮފް މިލާނޯ ބިކޯކާ އާ ދެމެދުގައިވާ އެއްބަސްވުން އާކޮށްފައިވުމުން އުފާ ފާޅުކުރައްވައި، ކަނޑު ފަޅުގެ ހޯދުންތަކުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމާލައްވަމުން އިޓަލީ ސަފީރު ވިދާޅުވިގޮތުގައި އިޓަލީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމު ފުރުއްވުމަކީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމެއްކަމަށެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.