ކިއުބާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ހުވާނާ އެލޭނާ ރާމޯސް ރޮޑްރިގެޒް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަށް މަރުޙަބާ ވިދާޅުވެ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ކިއުބާގެ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ކިއުބާގެ ސަފީރުވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް ހޮވިވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ސަފީރުވަނީ ސަރުކާރަށް ކާމިޔާބު މުސްޠަޤްބަލަކަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކިއުބާއިން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެމަނިކުފާނުވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި މިގުޅުން ކުރިއަށް އޮތްތާނގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ހާމަކުރައްވައިފައެވެ. މީގެ އިތުރުން ދެޤައުމަށްވެސް ފައިދާކުރާނެ ކަންކަން ހިމެނޭ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަވައި، ޚާއްޞަ ގޮތެއްގައި ފަތުރުވެރިކަމާއި ސިއްޙީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުން ލިބޭނެ ގޮތްތަކާމެދު ދެ ބޭފުޅުންވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ރާއްޖެއާއެކު މަސައްކަތްކުރެއްވުމަށް ކިއުބާއިން ތައްޔާރަށްއޮތްކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ދެޤައުމުންވެސް ކަންބޮޑުވާ ކަންތައްތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން ސަފީރު ވަނީ ދިވެހިރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އަރުވައި، ރާއްޖެއާ ގުޅުން ބަދަހިކުރުމަކީ ބައިނަލްއަޤުވާމީ ގޮތުން ކިއުބާއަށް ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް ކިއުބާގެ ސަފީރު މި ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅަކަށްވާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.