އަލަށް އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއާއި، ޚާއްޞަ އިނާމާބެހޭ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނާމާ ބެހޭ ކޮމިޓީތަކުގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ހަމަހަމަކަމާއި އިންސާފާއެކު ކުރިޔަށް ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި، ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ، އެބޭފުޅަކު އެ ޚިދްމަތް ކުރައްވާ ދާއިރާއަކުން އިނާމު ޙައްޤު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ވާންޖެހޭ ކަމަށް ވިދާޅުވެ، މިކަމަށް ވަރަށްބޮޑު އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ސަރުކާރުން ދެއްވާ ޚާއްޞަ އިނާމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވަމުން، އިނާމު ދެއްވުމަށް މިހާރު ބައްލަވާ މިންގަނޑުތައް އަލުން ދިރާސާ ކުރައްވައި، ގެންނަވަންޖެހޭ އިޞްލާޙުތައް ގެންނެވުމަށާއި، ޚާއްޞަކޮށް ރާއްޖެއިން ބޭރުން ތަޢުލީމު ހާޞިލުކުރައްވާ ފަރާތްތަކަށް މުޅި ޔުނިވަރސިޓީން އެއްވަނަ ލިބުނު ނަމަވެސް 85 އިންސައްތަ ހަމަނުވުމުގެ ސަބަބުން އިނާމަށް ޝަރުތުހަމަނުވާ ބައި ކޮންމެވެސް ހަމަޖެހޭ އުޞޫލަކުން އެ ދަރިވަރުންގެ ވެސް ހިތްވަރުގެ އަގުވަޒަންކުރުމަށް ބާރު އެޅޭނެ ފަދަ ގޮތަކަށް އެކުލަވައިލެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމީ އިނާމާއި ޚާއްޞަ އިނާމު ވަކިން ދެ މުނާސަބަތެއްގައި ދެއްވަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން ދެ ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ފެނިވަޑައިގަންނަވާ ލަފައެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ޤައުމީ އިނާމާއި ޚާއްޞަ އިނާމު މީގެކުރިން ދެއްވަމުން ގެންދެވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.