އޮސްޓްރޭލިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ބްރައިސް ހަޗެސަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޮސްޓްރޭލިއާގެ ސަފީރު ދިވެހިރާއްޖެއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.  

އަދި އޮސްޓްރޭލިއާއިއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޝައުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާޅުކުރައްވި އެވެ. މީގެ އިތުރުން އޮސްޓްރޭލިއާ ސަރުކާރުން ތައުލީމީ ދާއިރާއިން ދިވެހިރާއްޖެއަށް އަބަދުވެސް ވެދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވި އެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިއަށްއޮތް ތާނގައި ވެސް އިތުރަށް ބަދަހި ކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރި އެވެ. މި ގޮތުން އެންމެ  ދެޤައުމުގެ ޝައުޤުވެރިކަން ހުރި ޞަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގައި ޔަޤީންކުރައްވާ ކަމުގައި ވެސް ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ޚިދުމަތް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމުގައި ވިދާޅުވިއެވެ. ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައިވެސް ސަފީރު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޮސްޓްރޭލިއާގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.