ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސް ކެއިކޯ ޔަނާއީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ޖަޕާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހާވާލުވެވަޑައިގަތުމާ ގުޅިގެން ތަޙުނިޔާ ވިދާޅުވިއެވެ. އަދި، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޖަޕާނާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހާގަކުރައްވައި އެކަމަށްޓަކައި ޖަޕާނު ސަރުކާރަށް ޝުކުރުއަދާކުރައްވައިފައެވެ. މިގޮތުން، އެމަނިކުފާނުގެ ވާހަފުޅުގައި ޖަޕާނު ސަރުކާރުން ރާއްޖޭގައި ސްކޫލް އިމާރާތްކުރުމަށް ދެއްވާފައިވާ އެހީތެރިކަމަށާއި މާލެ ވަށައި ލާފައިވާ ބޭރު ތޮށި ލުމުގައި ޖަޕާނު ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަން ޚާއްޞަގޮތެއްގައި ފާހަގަކުރެއްވިއެވެ. 

މިމޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުން ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް  މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރައްވައިފައެވެ. މިގޮތުން، ދެބޭފުޅުން ވަނީ އުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި، ސާފު ހަކަތަ އުފެއްދުމުގެ އިތުރުން ކާރިސާތައް ކުރިމަތިވާ މިންވަރު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން  މަޝްވަރާކުރައްވައިފައެވެ.

މި ބައްދަކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2019 ވަނަ އަހަރު އޮސާކާގައި ބާއްވާ ޖީ20 ސަމިޓްގައި ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކުރުމަށް ނިންމާފައިވާތީ އެކަމަށް މަރުޚަބާ ވިދާޅުވެފައެވެ. އަދި ހަކަތައިގެ މައްސަލަޔަށް ހައްލު ހޯދުމުގައި ޖަޕާނުން ގެންގުޅުއްވާ އިއާދަކުރަނިވި ހަކަތައިގެ ސިޔާސަތަށް ރައީސުލްޖުމްހޫރިއއްޔާ ތަޢުރީފުކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. 

ޖަޕާނުގެ ސަފީރު މިބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި، އެކަމަނާ ރާއްޖެ ވަޑައިގަތުމުން ރާއްޖެއިން އެކަމަނާއަށް ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، އެކަމަނާ ވަނީ ޖަޕާނުގެ އެމްޕެރާ އާއި އެމްޕްރެސްގެ ފަރާތްޕުޅުން ރައީސުލްޖުމްހުރިއްޔާއަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި، ސަފީރު ވަނީ ދެޤައުމުންވެސް ޝައުގުވެރިވާކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި  ދެޤައުމުންވެސް ބައިނަލްއަޤްވާމީ މައިދާނުގައި އެއްގޮތް ވިސްނުންފުޅެއް ގެންގުޅުއްވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޖަޕާނުގެ ސަފީރުވަނީ ރާއްޖެއާއި ޖަޕާނާދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ މިދިޔަ އަހަރު 50 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި، މި ގުޅުން އިތުރަށް ވަރުގަދަ ކުރައްވައި ބަދަހިކުރެއްވުމަކީ އެކަމަނާގެ އަޒުމެއް ކަމުގައި ހާމަކުރެއްވިއެވެ.