بســم اللّـه الرّحمـن الرّحيــم

 

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

 

މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، ދައުލަތުގެ ވަޒީރުން، ދުވާފަރު ކައުންސިލްގެ ރައީސް، ދުވާފަރު ކައުންސިލްގެ މެންބަރުން، މި ރަށުގެ ލޮބުވެތި ރައްޔިތުން، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން، މި ބައްދަލުވުމަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

 

السّلام عليــكم ورحـمــة اللّـه وبـركاتـه.

 

ރ. ދުވާފަރުގެ ރައްޔިތުންނާ ބައްދަލުކޮށްލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ވަކިން ޚާއްޞަކޮށް، އަޅުގަނޑާއި އަޅުގަނޑުގެ ވަފުދުގެ މެންބަރުންނަށް މި ރަށުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއާއި، ބެހެއްޓެވި ފުރިހަމަ މެހުމާންދާރީގެ ސަބަބުން، އަޅުގަނޑުމެންގެ އުފާވެރިކަން އެތައް ގުނައަކަށް މިއަދު އިތުރުވި.

 

ދުވާފަރު ރައްޔިތުންނާ ބައްދަލުކޮށްލުމުގެ ނަސީބު އަޅުގަނޑަށް މި ލިބުނީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ ވަރަށް ޚާއްޞަ މުނާސަބަތެއްގައި. މިއަދަކީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް. ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން.

 

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހަކީ، 26 ޑިސެންބަރ 2004 ގައި، މުޅި ރާއްޖެ ތަޖުރިބާކުރި ސުނާމީގެ ބިރުވެރި ކާރިސާއާ ގުޅިފައިވާ ދުވަހެއް. އެދުވަހު ދިވެހީން ދައްކުވައިދިން އިންސާނިއްޔަތުކަމާއި، އެއްބަނޑުއެއްބަފާކަމާއި، އެކުވެރިކަމުގެ މަތިވެރި ރޫޙު ދިރުވައި އާލާކުރުމަށް ފާހަގަކުރާ ދުވަހެއް.

 

އަޅުގަނޑު ހިތުން، މިއީ އެ މުނާސަބާ ފާހަގަކުރުމަށް ވަރަށް އެކަށޭނަ ރަށެއް. ތިޔަބޭފުޅުންނަކީ، އެ ދުވަހުގެ ބިރުވެރި ހާދިސާ، ތިޔަބޭފުޅުންގެ އަމިއްލަ ރަށް ކަމަށްވާ، މި އަތޮޅު ކަނދޮޅުދޫ ސުންނާފަތިވުމުން، މި ރަށުގައި އަލުން ވަޒަންވެރި ކުރެވިފައިވާ ބޭފުޅުން. އެ ހިތްދަތި ހަނދާންތައް މިއަދުވެސް ތިޔަބޭފުޅުންގެ ހިތްޕުޅުގައި އާވެއާވެ ހުންނާނެ.

 

ސުނާމީގައި އަޅުގަނޑުމެންގެ ތެރެއިން 82 މީހުން މަރުވެ، 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި. އެ ކާރިސާގައި ދުނިޔެ ދޫކުރި އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި، މާތް ﷲގެ ޙަޟްރަތަށް ދުޢާކުރަން. އެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވައި، ޘަވާބާއި ނިޢުމަތްތައް އިތުރުކޮށްދެއްވާށި!

 

ސުނާމީ އެރިއިރު، ރާއްޖޭގައި މީހުން ދިރިއުޅެމުން އައީ 199 ރަށުގައި. އޭގެ ތެރެއިން 190 ރަށަށް އެކިވަރުގެ ގެއްލުންތައް އެދުވަހު ލިބުނު. އަމިއްލަ ފުރާނަ ސަލާމަތްވުން ފިޔަވައި، ބައެއް މީހުންގެ މުޅި ދިރިއުޅުން ބަރުބާދުވެގެންދިޔަ. ޢުމުރު ދުވަހުގެ މަސައްކަތުން އާރާސްތުކުރި ދިރިއުޅުން އޮޔާދިޔައީ، ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި.

 

މި ދެންނެވި 190 ރަށުގެ ތެރެއިން، އަލުން އާރާސްތުކުރުން ދަތިވާ މިންވަރަށް ހަލާކުވި ފަސް ރަށެއްގެ މީހުން ވަނީ، އެހެން ރަށްރަށުގައި ވަޒަންވެރިކުރުވާފައި. ގެދޮރު ސުންނާފަތިވި ފަނަރަހާހަށްވުރެ ގިނަ މީހުން، އެތައް އަހަރެއް ވަންދެން ދިރިއުޅެންޖެހުނީ، އެކި ރަށްރަށުގައި ބިނާކުރި ވަގުތީ ހިޔާތަކުގައި.

 

ސުނާމީއަކީ، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން، ރާއްޖެ ފުން ވަޅުގަނޑަކަށް ގަންބައިލި ހާދިސާއެއް. އެއީ ޢާއިލާތައް ވިއްސިވިހާލިކޮށް، އެކުވެރީން ދެތަންކުރުވި، ހިތި ތަޖުރިބާއެއް. މައިންބަފައިންނާއި ދަރީން، އަބަދަށްޓަކައި ވަކިކުރުވި ވޭނީ ހިތާމައެއް. މުދަލާއި ގެދޮރު ސުންނާފަތިކުރި، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ކުރުވި ހާދިސާއެއް.

 

އެދުވަހުގެ އެ ހާދިސާ އަޅުގަނޑުވެސް އަމިއްލައަށް ތަޖުރިބާ ކުރީމު. ކަންދިމާކުރިގޮތުން، އެދުވަހު އަޅުގަނޑަށްވެސް ހުރެވުނީ އަޅުގަނޑުގެ އުފަން ރަށް، ހިންނަވަރުގައި. ރަށަށް އަރައިގެން އައި ރާޅު ގޭތެރެއަށް ވަދެގެންގޮސް، މުޅި ރަށުގައި ފެން ބޮޑުވެގެންދިޔަ މަންޒަރު، މިއަދުވެސް އަޅުގަނޑުގެ ކުރިމަތިން އެބަ ހާމަވޭ. އަޅުގަނޑުގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު، ގޭ ކުރިމަތީގައި ހުރި ގަހެއްގެ ކުރިއަށް އަރައި އިން މަންޒަރާއި، އަނެއް ދަރިފުޅު ފާރުބުރިއެއްގެ މައްޗަށް އަރައި އިން މަންޒަރު މިއަދުވެސް އިޙްސާސްވޭ. ކުރިމަތިން އެބަ ފެނޭ.    

 

އެ ކާރިސާއަކީ އަޅުގަނޑުމެންނާ ކުރިމަތިވި ވަރުގަދަ އިމްތިޙާނެއް. އެ އިމްތިޙާނުގައި ލިބުނު ކާމިޔާބީގެ ސިއްރަކީ، އަޅުގަނޑުމެންގެ ޢަޤީދާގެ ވަރުގަދަކަމާއި، ސާފު އީމާންތެރިކަން. އެ ކާރިސާގެ ބިރުވެރިކަމުން ހިތްތަކަށް ހަމަޖެހުން ހޯދައިދިނީ، މާތް ﷲގެ އޯގާވަންތަކަމާމެދު، އަޅުގަނޑުމެންގެ ހިތުގައި އޮތް ޔަޤީންކަން.

 

އެ ދުވަހު ކުރިމަތިވި ހައިހޫނުކަމުން ސަލާމަތްކޮށްދިން ވަސީލަތަކީ، ކެތްތެރިކަމާއެކު ﷲގެ ޙަޟްރަތަށް އަޅުގަނޑުމެން ކުރި ދުޢާ. ގެއްލުނު މުދަލާމެދު ޝަކުވާކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން އެދި ދެންނެވީ، ﷲގެ ދާއިމީ ނިޢުމަތަށް. ވަކިވެދިޔަ ފުރާނަތަކާމެދު ކަރުނައަޅާ ހާލުގައިވެސް، އަޅުގަނޑުމެން ﷲގެ ޙަޟްރަތުގައި އެދި ދެންނެވީ، ދާއިމީ ސުވަރުގޭގެ ދަރުމައާއި ޘަވާބަށް.

 

މިއަދުގެ ލޮލުން އެ ދުވަހުގެ ހާލަތު ބަލައިލައިފިނަމަ، ފެންނާނީ މި ދެންނެވި ޙަޤީޤަތްތައް. އެ ޙަޤީޤަތްތައް އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުމެންގެ ހިތްތަކުން ފޮހެވިގެންނެއް ނުވާނެ. އެ ހަނދާންތައް އާކުރާއިރު، އެ ބިރުވެރި ކާރިސާއިން ސަލާމަތްކޮށްދެއްވި ކަމަށްޓަކައި، މާތް ﷲ އަށް ޙަމްދާއި ޝުކުރު ދަންނަވަން.

 

ސުނާމީގެ ދުވަހުގައި ދިވެހީން ދައްކުވައިދިން އެއްބައިވަންތަކަން، ބައިނަލްއަޤްވާމީ މުޖްތަމަޢު ބަލައިގެންފައިވަނީ ނަމޫނާއެއްގެ ގޮތުގައި. ރަށްރަށް ވީރާނާވެ، ގެދޮރު ސުންނާފަތިވެގެން ދިޔައިރުވެސް، އެހެން ޤައުމުތަކުން ފެނުނުފަދަ ހަމަނުޖެހުންތަކާއި، ތަޅާފޮޅުމާއި، ބައިބައިވުމެއް ދިވެހީންގެ ތެރެއަކުންނެއް އެދުވަހަކު ނުފެނޭ.

 

އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދިޔަ ހިނދުގައިވެސް، އަޅުގަނޑުމެން އިސްކަންދިނީ، އަނެކާގެ ފުރާނަ ސަލާމަތްކުރުމަށް. އަމިއްލަ ހައިހޫނުކަމަށް ކެތްތެރިވެ، އަވަސްވެގަތީ އަނެކާގެ ހައިހޫނުކަން ފިލުވައިދިނުމަށް. އަތުގައި ހުރި އަންނައުނާއި، މުދަލާއި ފައިސާ، އެ ދުވަހު ހޭދަކުރީ ހާލުގައި ޖެހުނު އަޚުންނާއި އުޚްތުންނަށް.

 

ހާލުގައި ޖެހުނު މީހުންގެ ފުރާނަ ސަލާމަތްކޮށްދީ، ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގައި، ދިވެހި ސިފައިންނާއި ފުލުހުން ކުރި ބުރަ މަސައްކަތް، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަން. އެ ކާރިސާގެ ދަތިތަކުން އަރައިގަތުމުގައި، އެ ދެ މުއައްސަސާގެ ފަހުލަވާނުން އެކުރި މިންނެތް މަސައްކަތުގެ އަގު، ދުލަކުން ވަޒަނެއް ނުކުރެވޭނެ.

 

ހަމައެފަދައިން، ސުނާމީގައި ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުންނާއި، އެކުވެރި ޤައުމުތަކުން ވެދިން ދީލަތި އެހީތައް ޝުކުރުވެރިކަމާއެކު އަޅުގަނޑުމެން ބަލައިގަންނަން. އެ ފަރާތްތަކުގެ ދީލަތި އެހީތެރިކަން ނުލިބުނުނަމަ، އަދިވެސް އަޅުގަނޑުމެން ތިބެންޖެހުނީހީ އެ ހިތްދަތިކަމުގައި.

 

ސުނާމީ ކާރިސާގައި، ދިވެހީން ސާބިތުކޮށްދިން އެއްބައިވަންތަކަން، އެންމެ ގާތުން ތަޖުރިބާކުރި ބަޔަކަށް، ހަމަގައިމުވެސް މި ރަށުގެ ރައްޔިތުންވާނެ. ކަނދޮޅުދޫ ސުންނާފަތިވެ ތިޔަބޭފުޅުން ހާލުގައި ޖެހުނުހިނދު، ތިޔަބޭފުޅުންނަށް ހިޔާވަހިކަމާއި އެހީތެރިކަން އެންމެބޮޑަށް ފޯރުކޮށްދިނީ، މި އަތޮޅު އުނގޫފާރު، އަލިފުށި، ހުޅުދުއްފާރު، މީދޫ އަދި މަޑުއްވަރީގެ ރައްޔިތުން.

 

ބައިނަލްއަޤްވާމީ ރެޑް ކްރޮސް ޖަމާޢަތާއި، ދިވެހި ދައުލަތުގެ ޚަރަދުގައި މި ރަށް ތަރައްޤީކޮށް، މި ރަށަށް ތިޔަބޭފުޅުން ބަދަލުވުމާ ހަމަޔަށް، ދިރިއުޅުއްވަމުން ގެންދެވީ، މި ދެންނެވި ފަސް ރަށުގެ މެހުމާންދާރީގައި. އެ ފަސް ރަށުގެ ރައްޔިތުން ދެއްވި އެހީތެރިކަމަށްޓަކައި، ތިޔަބޭފުޅުންގެ ނަންފުޅުގައި އަޅުގަނޑު އެ ފަސް ރަށުގެ ރައްޔިތުންނަށް މިއަދު ޝުކުރު ދަންނަވަން.

 

ސުނާމީއަށްފަހު، މި ރަށުގެ އާބާދީ ވަރަށް މަތީ ނިސްބަތަކުން އިތުރުވަމުން އަންނައިރު، މި ރަށުގެ ވަޒަންވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަން އަޅުގަނޑުމެންނަށް އެނގޭ. ބިން ފުރި، ގޯތިދެވޭނެ ގޮތެއް ނެތުމަކީ އެންމެ ބޮޑު އެއް މައްސަލަ. އަނެއް ކަމަކީ، ޢާއިލާތަކާ ހަވާލުކޮށްފައިވާ ގޯތިތައް އަދިވެސް ރަޖިސްޓްރީ ނުކުރެވި ހުރުން.

 

މިއަދުގެ ހެނދުނުގެ ވަގުތެއްގައި، އަޅުގަނޑުމެން މިރަށުގެ ކައުންސިލާ އެކީގައި، ބައްދަލުކުރި ބައްދަލުކުރުމުގައިވެސް، އެ ވާހަކަތައް ކައުންސިލްގެ ރައީސްވެސް، މެންބަރުންވެސް ހިއްސާކުރި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ މަސައްކަތަކީ، އެނބުރި މާލެ ދިޔުމަށްފަހުގައި، މިރަށުގެ ރައްޔިތުންނަށް މިއަދު ދިމާވެފައިވާ އެންމެބޮޑު އެއް އުނދަގޫ ކަމުގައިވާ އަދި ބޭނުންވެފައިވާ ކަންތައްތައް ކަމުގައިވާ ރަށުގެ ރަށްވެހިކަމާއި، ރަށުގައި ދީފައިހުރި ގޯތިތަކުގެ ރަޖިސްޓްރީ، މިރަށުގެ ރައްޔިތުންނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިގަތުން. މިއީ އެނގިވަޑައިގަންނަވާނެ، ރިޔާސީ ކެމްޕޭނުގައި، އިންތިޚާބުވި ކެމްޕޭނުގައި، މި ރަށަށް އަޅުގަނޑު ކުރި ދަތުރުގައި، ރައްޔިތުންނާ ބައްދަލުކުރި ބައްދަލުކުރުމުގައި، އަޅުގަނޑުމެންވި ވަޢުދެއްވެސްމެ. އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ހަމަޖަހިގެންދާނެ.    

 

އާދެ، ދުވާފަރަކީ ދުރާލައި ޕްލޭންކޮށްގެން އާބާދުކުރި ރަށަކަށްވިޔަސް، މިހާރު މިއީ ބިން ފުރިފައި އޮތް ރަށެއް. އިތުރަށް ގޯތި ދެވޭނެ ބިމެއް އަދި ފްލެޓް އަޅާނެ ބިމެއްވެސް މިރަށަކު ނެތް. އެކަން ޙައްލު ކުރުމަށް މި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ، ބިން ހިއްކައިގެން، ބޯހިޔާވަހިކަން މިރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ، އެކަން ލަސްތަކެއްނުވެ ކުރެވިގެންދާނެ.

 

މި ރަށަށް އެންމެ ދަތިވާ އަނެއް ކަމަކީ، އެކަށީގެންވާ ޞިއްޙީ ޚިދުމަތް ލިބެން ނެތުން. އަޅުގަނޑުމެންގެ އަމާޒަކީ، މި ރަށުގެ ޞިއްޙީ މަރުކަޒުގައި ލެބޯރެޓަރީއެއް ޤާއިމުކޮށް އަދި އިތުރު ވަސީލަތްތައް ލިބޭނެގޮތް ހަދައި، މި ރަށުގެ ޞިއްޙީ މަރުކަޒުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކޮށް، ޚިދުމަތްތައް އިތުރުކުރުން.

  

އެނގިވަޑައިގަންނަވާނެ، މިއީ މަސްވެރިކަންކުރާ މަސްވެރިން ދިރިއުޅޭ ރަށެއް. ސަރުކާރުގެ ސިޔާސަތުގެ ތެރެއިން "މަސްދޯނި އެކައުންޓް" ހުޅުވުމުން، މަސްވެރިންވެސް ބޭންކިންގ ނިޒާމުގެ ތެރެއަށް ވަދެގެންދާނެ. އެއީ، މަސްވެރިންނަށް ލިބޭ ފައިސާ، ރަށުގައި ޖަމާކޮށް ނެގުމަށް ލިބޭ ފަހި ފުރުޞަތެއް. އެހެން މުވައްޒަފުންނެކޭ އެއްފަދައިން، ލޯނާއި ކްރެޑިޓް ސްކީމްތަކުން މަސްވެރިންނަށްވެސް އޭރުން ފުރުޞަތުތައް ލިބިގެންދާނެ.

 

ސުނާމީއަށްފަހު، އަޅުގަނޑުމެން ކުރަންޖެހުނު އެންމެ މުހިންމު ކަމަކީ، ޤުދުރަތީ ކާރިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުއެޅުން. އެ ގޮތުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ވަނީ ސިސްމޮލޮޖީ ޔުނިޓެއް އުފައްދާފައި. ދުނިޔޭގެ އެއްވެސް ތަނަކަށް ބިންހެލުމެއް އައިސް، ސުނާމީއެއް އުފެދޭތޯ ބެލުމަށް، 24 ގަޑިއިރު އެ ޔުނިޓްގައި އެދަނީ މިހާރު މަސައްކަތް ކުރަމުން.

 

ހަމައެފަދައިން، ދިޔަވަރަށް އަންނަ ބަދަލުތައް ދެނެގަތުމަށް، ރާއްޖޭގެ ތިން ސަރަޙައްދެއްގައިވެސް ވަނީ ޓައިޑްގޭޖްގެ ނިޒާމު ޤާއިމުކުރެވިފައި. އަދި ރާއްޖޭގެ ދެ ސަރަޙައްދެއްގައި ވަނީ ބިންހެލުން މޮނިޓަރ ކުރާ ވަސީލަތްތައް ޤާއިމުކޮށް، ބައިނަލްއަޤްވާމީ ވިޔުގައާ މިހާރު ގުޅައިލެވިފައި. ދުނިޔޭގެ ކޮންމެ ތަނަކަށް ބިންހެލުމެއް އަޔަސް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި ނިޒާމުން ދެނެގަނެވޭނެ.

 

މިފަދަ ނިޒާމުތަކެއް ޤާއިމުކުރިޔަސް، އޭގެ ނަތީޖާ ހާސިލުކުރެވޭނީ، އެފަދަ ކަންކަމަށް އަޅުގަނޑުމެން ހޭލުންތެރިވި މިންވަރަކުން. ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ދުރާލައި ތައްޔާރުވިވަރަކުން. އެކަމަށްޓަކައި "ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު"ގެ ނަމުގައި ދެންމެ ޑިފެންސް މިނިސްޓަރު ވިދާޅުވިފަދައިން، 2015 ވަނަ އަހަރު ޤާނޫނެއް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި.

 

ނަމަވެސް، އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުވެސް، އެ ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ އެއްވެސްކަމެއް މިހާތަނަށް ކޮށްފައެއް ނެތް. އެ ޤާނޫނުން ލާޒިމުކުރާ އެންމެ މުހިއްމު ކަމަކީ، ކާރިސާގެ ކަންކަން ބެލެހެއްޓުމަށްޓަކައި، ކާރިސާތަކުން ލިބޭ ގެއްލުންތަކާއި ނުރައްކާތައް ކުޑަކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއެއް އުފެއްދުން.

 

އެ އޮތޯރިޓީ އުފެއްދުމުގެ މަސައްކަތް މިހާރު މި ސަރުކާރުން ވަނީ ފަށާފައި. މި ޤާނޫނުގެ ދަށުން، ނޭޝަނަލް ޑީޒާސްޓަރ މެނޭޖްމަންޓް ކައުންސިލެއް އެކުލަވައިލައި، އެ ކައުންސިލްގެ ލަފާގެ މަތިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީއެއް އުފެއްދުންވެސް ލާޒިމުކުރޭ. އެކަންވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފުރިހަމަވެގެންދާނެ.

 

ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، އެ ކަންކަން ތަންފީޒުކުރުމަށްޓަކައި އެކުލަވައިލަންޖެހޭ، "ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން"ގެ ފުރަތަމަ ދެލިކޮޕީވެސް މިހާރުވަނީ ނިމިފައި.

 

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، ގެއްލުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ޚަރަދުތަކަށް ލިބޭ ފައިސާ ޖަމާކުރުމަށް، "ޑިޒާސްޓަރ މެނޭޖްމަންޓް ޓްރަސްޓް ފަންޑް"ގެ ނަމުގައި މިމަހުގެ 16 ވަނަ ދުވަހު ވަނީ ފަންޑެއް ޤާއިމުކޮށްފައި. އެނޫން ކަމަކަށް އެ ފައިސާ ހޭދަނުކުރެވޭނެކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް މިއަދު ކަށަވަރުވެސްކޮށްދެން.

 

މޫސުމީ ބަދަލުތަކާއި ކޮޅިގަނޑުތަކުން ރަށްރަށަށް ލިބޭ ގެއްލުންތަކަށް، އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިންތިޒާމުތަކެއް ހަމަޖައްސަމުންދާނެ. އެފަދަ ހާލަތްތަކުގައި ރަށްރަށަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި، ކައްކާގޭހާއި ބޭސްފަދަ ތަކެތީގެ އެކަށީގެންވާ ސްޓޮކެއް ރައްކާކުރެވިފައި ހުންނާނެ އިންތިޒާމު ހަމަޖެހިގެންދާނެ.

 

މީގެއިތުރުން، އަލިފާނުގެ ހާދިސާއެއްފަދަ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، ހާލުގައިޖެހޭ ޢާއިލާތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް، ކޮންމެ އަތޮޅެއްގައި ޤާއިމުކޮށްދިނުމަކީވެސް އަޅުގަނޑުމެން ކުރަން ނިންމާފައިވާ ކަމެއް. މިކަންކަން ތަންފީޒުކުރުމުގައި މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް ކާމިޔާބު ލިބިގެންދާނެ.

 

އަޅުގަނޑުގެ ދުޢާއަކީ، ޤުދުރަތީ އެންމެހައި ކާރިސާތަކާއި ހާދިސާތަކުން އަޅުގަނޑުމެންގެ މި ޖަޒީރާތައް ރައްކާތެރިކުރައްވައި، ދިވެހީން ސަލާމަތް ކުރެއްވުން. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި ހެޔޮ ތައުފީޤު ދެއްވާށި! އެންމެހައި ދިވެހީންނަށް ތާއަބަދުމެ އުފާފާގަތިކަމާއި ބާއްޖަވެރިކަން މިންވަރު ކުރައްވާށި! އާމީން.

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.