بســم اللّـه الرّحمـن الرّحيــم

 

اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

 

السّــلام عليــكم ورحـمــة اللّـه وبـركاتـه.

 

އަޅުގަނޑު މިއަދު މިފުރަނީ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް، އެޤައުމަށް ކުރާ ރަސްމީ ދަތުރެއްގައި. މިއީ އަޅުގަނޑު މިމަޤާމާ ޙަވާލުވުމަށްފަހު، ރާއްޖޭން ބޭރަށް ކުރާ ފުރަތަމަ ރަސްމީ ދަތުރުވެސްމެ. އެނގިވަޑައިގަންނަވާނެ، އިންޑިޔާއަކީ ރާއްޖެއާއެކު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރި އެއް ޤައުމު.

ރާއްޖޭގެ ތަރައްޤީއަށް އިންޑިޔާއިން ވެދޭ އެހީތެރިކަން، އަޅުގަނޑުމެން އަބަދުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރަން. އަދި ކުރިމަގުގައިވެސް ރާއްޖެއަށް ބޭނުންވާ ހުރިހާ ދާއިރާތަކަކުން، އިންޑިޔާގެ އެހީތެރިކަން ލިބިގެންދާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން.

މި ދަތުރުގައި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެޤައުމުގެ ރައީސް ރާމް ނާތު ކޯވިންދާ ބައްދަލުކޮށް، ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ. އަދި އިންޑިޔާ ސަރުކާރުގެ އިސް ވެރިންނާވެސް ބައްދަލުކުރުން އޮންނާނެ.

އިންޑިޔާގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ގުޅޭގޮތުން މަޢުލޫމާތުދީ، އެ ބޭފުޅުންގެ ޝައުޤުވެރިކަން ހޯދުމަށްވެސް، މިދަތުރުގައި ބައިވެރިވާ ދިވެހި ވަފުދުން މަސައްކަތް ކުރާނެ.

މި ދަތުރުގައި އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އިންޑިޔާގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާ ބައްދަލުކޮށް، އެބޭފުޅުންގެ ޙާލު އޮޅުންފިލުވުމުގެ ފުރުޞަތު ލިބޭކަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ދިވެހި ޢާއިލާތަކާ ބައްދަލުކޮށް، އެބޭފުޅުންނަށް ދަތިވާ ކަންތައްތައް އޮޅުންފިލުވާނަން.

ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަންކަމާ ގުޅޭ ގޮތުން، ދެޤައުމުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައި. އޭގެތެރެއިންވެސް އެންމެ މުހިންމު އެއްބަސްވުމަކީ، ވިސާގެ ލުއިފަސޭހަތަކާ ބެހޭގޮތުން ސޮއިކުރާ އެއްބަސްވުން.

އެ އެއްބަސްވުމުގައި ސޮއިކުރުމުން، ޑިޕެންޑެންޓް ވިސާ ހޯދުމާއި، ބޭސްފަރުވާ ކުރުމަށް ބޭނުންވާ ވިސާ ހޯދުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ. މީގެއިތުރުންވެސް ވިސާގެ އެތައް ލުއިތަކެއް، މި ދަތުރުގައި ސޮއިކުރާ އެއްބަސްވުމުން ލިބިގެންދާނެ.

އިންޑިޔާ އާއި ރާއްޖެއާ ދެމެދު އަބަދުވެސް އެއްބާރުލުން ދަމަހައްޓަމުން އަންނަ ދާއިރާތައް ކަމަށްވާ، ޞިއްޙީ ދާއިރާއާއި، ސަގާފީ ކަންކަމާއި، ދިފާއީ ކަންކަމުގައި، މިދަތުރުގެ ސަބަބުން މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހިވެގެންދާނެ.

މިދަތުރުގައި ކުރުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އަނެއް ކަމަކީ، ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އިންޑިޔާ ސަރުކާރާއެކު ވާހަކަދެއްކުން. އަދި އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ހޯދުމާ ގުޅޭގޮތުންވެސް އިންޑިޔާގެ ވެރިންނާއެކު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައި.

އަޅުގަނޑު އުންމީދުކުރަނީ، މިއީ ވަރަށް ކާމިޔާބު ދަތުރަކަށްވާނެ ކަމުގައި. އަދި މިއީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުޞަތަކަށް ވެގެންދާނެ ކަމަށް. ޤައުމުގެ ހެވާއި ލާބަޔަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ހެޔޮ ތައުފީޤް ދެއްވާށި! އާމީން

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.