بســم اللّـه الرّحمـن الرّحيــم

 

اَلحَمْـدُلِلّـهِ رَبّ العَــالَمِـين،  وَالصّــلاة وَالسّــلام علـى ســيّدنا محـمَّدٍ، خـاتـم الأنبيــاء والمرســلين، وَعلـى آلـه وَصَحْبِـــهِ أجمـعـين.

 

މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ އިސްވެރިން، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި ޙާޒިރީން. މިޖަލްސާ ދުރާއިގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ދިވެހި ރައްޔިތުން.

    

السّلام عليــكم ورحـمــة اللّـه وبـركاتـه.

 

ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ޙައްލު ހޯދުމުގެ މަޤްޞަދުގައި ހިންގަން މިފަށާ މަޝްރޫޢުހިޔާ އެކޮމްޕްލިޝްޑް އިފްތިތާޙު ކޮށްދިނުމަކީ، މިރޭ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް. މިރޭ އިފްތިތާޙު ކުރެވިގެން މިދިޔައީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ފެށުނު ގްރޭޓަރ މާލެ ރީޑިވެލޮޕްމަންޓް ޓްރާންސްފޯމޭޝަންގެ ދަށުން ކުރިއަށް ގެންދެވޭ އެންމެ މުހިއްމު އެއް މަޝްރޫޢު. އެހެންކަމުން، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މި ކުރައްވަމުން ގެންދަވާ ބުރަ އަދި އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކޮށް، އެމަނިކުފާނަށް ތިޔަބޭފުޅުންގެ ނަންފުޅުގައާއި، އަޅުގަނޑުގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. 

    

މިރޭގެ މި ޖަލްސާގައި އަޅުގަނޑުމެންނަށް ދެންމެ ފެނިގެންދިޔަ ފަދައިން މި މަޝްރޫޢަކީ، މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، 315,000320,000 އާބާދީއަކަށް އަމާޒުކުރެވިގެން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫޢު. މި މަޝްރޫޢުގެ މާބޮޑު ތަފްސީލުތަކަކަށް ދާކަށް އަޅުގަނޑު ނެތިން. އަޅުގަނޑަށް ހީވަނީ އެބައި، މިނިސްޓަރު ވަރަށް ފުރިހަމައަށް ކޮށްދެއްވައިފިހެން. އަދި އޭގެއިތުރުން އަޅުގަނޑުމެންނަށް ފެނިގެންދިޔަ ވީޑިއޯ ޕްރެޒެންޓޭޝަނުންވެސް ވަރަށްގިނަ މަޢުލޫމާތުތައް ތިޔަބޭފުޅުންނަށް ލިބިވަޑައިގެންފައިވާނީ.

 

މި މަޝްރޫޢު ހިންގެވުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން، ރާއްޖޭގެ ވެރިރަށް މާލޭގެ އާބާދީއަށް އައި ބޮޑު ބަދަލާއި، އަދި އޭގެ ސަބަބުން ކުދިކުދި ތަންތަންކޮޅުގައި މީހުން ދިރިއުޅެން ޖެހުމުން، އިޖުތިމާޢީ އަދި ޞިއްހީ އެކި މައްސަލަތައް ކުރިމަތިވަމުންދިޔުމާއެކު، މިކަންކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި. އަދި މިއީ، މި ދެންނެވި މަންޒަރު ބަދަލުކުރެއްވުމަށް ވަރުގަދަ މިޝަނަކާއެކު ޢިއްޒަތްތެރި ރައީސް ފެށްޓެވި ވަރަށް ޚާއްޞަ މަސައްކަތްޕުޅެއް. މި މަސައްކަތްތައް ހިންގުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް އެކަންކަން ޙައްލުކުރައްވައި، މި މަޝްރޫޢުގެ މަސައްކަތް ޢަމަލީގޮތުން ފެށޭ ހިސާބަށް ގެންދެވުމުގައި، ޢިއްޒަތްތެރި ރައީސްގެ ލަފާފުޅުގެ މަތިން މަސައްކަތްކޮށްދެއްވި އެންމެހައި ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ޚާއްޞަކޮށް ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޢިއްޒާއި، އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ޢަމަލީ ގޮތުން މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ތިޔަ ހުރިހާ ބޭފުޅުންގެ ނަންފުޅުގައާއި، އަޅުގަނޑުގެ ނަން، މި ޝުކުރުގައި އަޅުގަނޑު ހިމަނަން. ޝުކުރިއްޔާ މިނިސްޓަރ މުޢިއްޒު.

 

އާދެ، މިވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތުގެ ދަށުގައި ރާއްޖެއަށް އައިސްފައިވާ ހަލުވި ތަރައްޤީއަކީ، މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ނުބައްދަލު ތަރައްޤީއެއް. ރައްޔިތުންގެ ހެވާއި ލާބައަށް އަދި ރައްޔިތުންގެ ކުރިއެރުވުމަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް މިއަދު އަޅުގަނޑުމެންނަށް އެހެރީ ފެންނަން. އަޅުގަނޑުމެންގެ ހިތްތަކަށްވެސް ތަޞައްވުރު ނުކުރެވޭވަރަށް ރައީސުލްޖުމްހޫރިއްޔާ އެވަނީ ތަރައްޤީ ދައްކަވައިދެއްވާފައި. ހަމައެކަނި މާލެއާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބުރިޖް ނުވަތަ ސިނަމާލެ ބުރިޖަށް ބެލުމުންވެސް، އެ ޙަޤީޤަތް އަޅުގަނޑުމެންނަށް ވަޒަންކުރެވިގެންދާނެ.

 

އާދެ، ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަކީ، ކޮންމެ ސަރުކާރަކަށްވެސް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް. އެއީ ދާއިމީ ޙައްލެއް ހޯދަންޖެހިފައިވާ ޤައުމީ މައްސަލައެއް. މާތްﷲގެ އިރާދަފުޅާއެކު، މި ސަރުކާރުން އެ މަސައްކަތް ފެށީ ވަރަށް ސާބިތުކަމާއެކު. ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅޭ އަދި އެތަންތަނުގެ އެކަށީގެންވާވަރަށްވުރެ ބޮޑު ކުއްޔެއް ދައްކައިގެން ދިރިއުޅުމަކީ، ރައްޔިތުންނަށް ފަސޭހަކަމެއް ނޫން. މާލޭގައިވެސް އަދި ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް ބައެއް ރައްޔިތުން ވަރަށް ހާލުގައި ދިރިއުޅެމުން އެބަދޭ. އެ މަންޒަރުތައް އަޅުގަނޑުމެންނަށް އެބަ ފެނޭ. އެ ހިތްދަތި އިޙްސާސްތައް އަޅުގަނޑުމެންނަށް އެބަ ކުރެވޭ.

 

އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި ބޭފުޅުން، ވާހަކަފުޅުގައިވެސް މިވާހަކަތަކަށް އަލިއަޅުވައިލާފައިވަނީ. ކުދިން ލިބި، އެ ކުދިން ބޮޑެތިކުރާ ހިސާބުން ފެށިގެން، އެ އާއިލާއަކަށް ކުރިމަތިވާ ގޮންޖެހުންތަކެއްވެސް އެހާމެ ބޮޑު. ކައިވެންޏެއްކޮށް ދިރިއުޅުން ފަށާއިރުވެސް އުޅެން މިޖެހެނީ ވަރަށް ކުޑަ ތަންކޮޅެއްގައި. ނުވަތަ ވަރަށް ކުޑަ ކޮޓަރިއެއްގައި. އެ ކުޑަ ތަންކޮޅުގައި ހާސްކަމާއި ހިތްނުތަނަވަސްކަމުގެ ތެރޭގައި ދިރިއުޅޭ އެތައް ޢާއިލާއެއް މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. މިކަންކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކައި، ގްރޭޓަރ މާލޭގެ ބައެއްގެ ގޮތުގައި، އެ މަޝްރޫޢު ފެށިގެން ހިނގަމުންދާކަން އެއީވެސް ރައްޔިތުންނަށް ވަރަށްބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް އަދި ރައްޔިތުންގެ ހިތްތަކަށް ތަޞައްލީއެއް ގެނެސްދިން ކަމެއް. އެހެންނަމަވެސް، މި ހިސާބުން އަޅުގަނޑުމެންނަކަށް އަދި ނިންމައިލެވޭކަށް ނެތް.

 

ޝައްކެއްނެތް، ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ބޮޑު އެއްކަމަކީ، އުފާވެރި ދިރިއުޅުމެއް ވޭތުކުރެވޭނެފަދަ ބޯހިޔާވަހިކަމެއް ހޯދައިދިނުން. އެހެންކަމުން، ސަރުކާރުން އަމާޒު ހިފާފައި މިވަނީ، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް. އަދި އެ ބޯހިޔާވަހިކަމަކީ ތަނަވަސް ދިރިއުޅުމެއްގެ ތެރެއިން ހޯދައިދެވޭ ބޯހިޔާވަހިކަމަކަށް ހަދައިދިނުމަކީ، ސަރުކާރުގެ އެންމެ މުހިއްމު އެއް މަޤްޞަދު.

 

މި ދެންނެވި މަޤްޞަދުތައް ފުރިހަމަކުރުމަށާއި އަދި ރާއްޖޭގެ ތަރައްޤީއަށް ފަށްޓަވާފައިވާ މަޝްރޫޢުތައް ކުރިއަށް ގެންދަވައި ނިންމަވައިލެއްވުމަށްޓަކައި އިތުރު ފަސް އަހަރު، ދިވެހި ރައްޔިތުން، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުވަން އެބަޖެހޭ. އާދެ، އަންނަ އާދިއްތަ ދުވަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ދިވެހި ލޮބުވެތި ރައްޔިތުން ފުރިހަމައަށް ތާއީދު ކުރައްވައި، އިތުރު ރިޔާސީ ދައުރަކަށް އެމަނިކުފާނު ހޮއްވަވައިދެއްވުމަކީ އަޅުގަނޑުގެވެސް އުއްމީދު. 

 

އާދެ އަޅުގަނޑުގެ ވާހަކަ، މާދިގުކުރާކަށް ނެތިން. މިނިސްޓަރުގެ ވާހަކައިގައި ވަރަށްގިނަ ތަފްސީލުތައް ދެއްވައިފި. އެހެންވީމާ، މިހާހިސާބުން އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނަން.

 

ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށާއި، އެކަމަށް ދާއިމީ ޙައްލު ހޯދުމަށް އަޅުގަނޑުމެން ކުރަމުންމިދާ މަސައްކަތްތަކުގައި، ކުރިއަށް ދިޔުމުގެ ހެޔޮ ތައުފީޤު، މާތްﷲ މިންވަރު ކުރައްވާށި! މިރޭ މި އިފްތިތާޙު ކުރެވުނު މަޝްރޫޢުގެ މަސައްކަތްތައް، ވީހާވެސް ހަލުވިމިނުގައި ކުރިއަށް ގެންދިޔުމުގެ މަގު، އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވާށި! ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށާއި ކުރިއެރުމަށް  ކުރަމުން މިގެންދާ އެންމެހައި މަސައްކަތްތަކުގައި، އެކަލާނގެ ބަރަކާތް ލައްވާށި! އާމީން.

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.