ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވި ކަމަށްޓަކައި މާތް اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު އަދާކުރަމެވެ.
 
          މިބަރަކާތްތެރި މައްސަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ނުހަނުބޮޑު އުފަލެކެވެ. އަދި މި މުނާސަބަތުގެ ތަހުނިޔާ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ފޮނުވަމެވެ.
 
          ރަމަޟާންމަހަކީ، މާތްﷲ އިސްލާމީ އުންމަތަށް ދެއްވާ ވަރަށް މުހިންމު ރޫޫޙާނީ މަހެކެވެ. ފުއްސެވުމާއި ރުއްސެވުމުގެ މައްސަރެކެވެ. މިއީ އަޅުކަމާއި ތަޤްވާގެ އަގުހުރި ފުރުޞަތެކެވެ. މި މައްސަރަކީ، ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރުކަމަށްވީހިނދު، މިމައްސަރުގެ މާތްކަމާއި އިތުރުކަން ބޮޑުވެގެން ވެއެވެ.
 
          އެހެންކަމުން، މި މައްސަރުގައި ރޯދައިގެ މަތިވެރި އަޅުކަން އަދާކުރުމާއެކު، ކީރިތި ޤުރްއާން ކިޔެވުން ގިނަކުރުމާއި، ފަރުޟު ފަސްނަމާދަށް ފަރުވާތެރިވުމަށް ދިވެހި އެންމެހައި މުސްލިމް ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. މި މަތިވެރި މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ދެމިތިއްބެވުމަށްވެސް އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ނަސޭހަަތްތެރިވަމެވެ.
          
          އަޅުގަނޑުގެ ދުޢާއަކީ މިމަަތިވެރި މައްސަރުގެ ރަޙްމަތާއި ފުއްސެވުމާއި ރުއްސެވުން އަޅުގަނޑުމެންނަށް މާތްﷲ މިންވަރު ކުރެއްވުމެވެ. އަދި އަޅަމެން ހިފާ ރޯދައިގެ މަތިވެރި ދަރުމައާއި ސަވާބު އެކަލާނގެ އިތުރު ކުރެއްވުމެވެ.