އާސަންދައަކީ، ދިވެހިރާއްޖޭގެ ހުރިހައި ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ އަސާސީ ޞިއްޙީ ޚިދްމަތް ލުއިފަސޭހަ ގޮތެއްގައި ލިއްބައިދިނުމުގެ ގޮތުން ޤައުމީ ފެންވަރުގައި ހިންގަމުންގެންދާ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ނިޒާމެކެވެ. މި ނިޒާމު މިހާރަށް ބައްޓަންކުރެވި ހިނގަމުންދާ ގޮތަކީ، މިފަދަ ނިޒާމެއް ހިންގުމަށް އެންމެ ދެމެހެއްޓެނިވި ގޮތްކަމަށް ނުވެފައި، އަދި މި ނިޒާމުގެ ހިންގުމުގެ ޚަރަދުތަކާއި، ޞިއްޙީ ޚިދްމަތުގެ ޚަރަދުތައް ކުޑަކޮށް، ޞިއްޙީ ވަސީލަތްތައް އެންމެ ފައިދާކުރަނިވި ގޮތެއްގައި ބޭނުންކުރެވެމުންނުދާތީ، މި ނިޒާމަށް ސަރުކާރުން ކުރާ ޚަރަދުތަކުގައި ލީކޭޖްތަކެއް އުޅޭކަމަށް ބޭރުގެ މާލީ އިދާރާތަކުން ދަނީ ފާހަގަކުރަމުންނެވެ. އަދި، ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މި ނިޒާމުގެ ކަންކަން ތަރުތީބު ކުރުމަށްވެސް އެ ފަރާތްތަކުން ލަފާ ދީފައިވެއެވެ.

މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ވާނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އަށް ހުށަހަޅާފައެވެ. މިކަމާ ގުޅިގެން 3 މޭ 2017 ގައި އެންސްޕާގެ ބޯޑުން ނިންމާފައިވަނީ، ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދެމުންދިޔަ އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭންޝަން އަދި ސްކޭންކުރުމުގެ ޚިދްމަތްތައް އާސަންދައިން އުނިކުރުމަށެވެ. މިގޮތަށް ޢަމަލުކުރުމަކީ، އެއްގޮތަކަށްވެސް ސަރުކާރުގެ ހުށަހެޅުމެއްނޫނެވެ. އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް މެދުވެރިވާ އަމިއްލަ ފަރާތްތައް އެކަހެރި ކުރުމަށް ސަރުކާރުން އެއްވެސް ލަފައެއް ދީފައެއްނުވެއެވެ.

މީގެ އިތުރުން، މިކަމާގުޅޭ ގޮތުން 6 މޭ 2017 ގައި އެންސްޕާއިން މި ޚިދްމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކަށް އެންގި އެންގުމަކީ، ވަކި ތާރީޚެއްގެ ކުރިން ނުވަތަ، ވަކި ތާރީޚެއްގައި ތަންފީޒުކުރުމަށް ސަރުކާރުން އެންސްޕާއަށް އަންގާފައިވާ އެންގުމެއް ނޫންކަންވެސް ފާހަގަކުރަމެވެ.

ސަރުކާރުން މިހާރު ވާނީ، ކުރިއެކޭ އެއްގޮތަށް އަމިއްލަ ފަރާތްތައް އާސަންދައިގައި ހިމަނައިގެން ޞިއްޙީ ދާއިރާގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައެވެ. އަދި ސަރުކާރުގެ ޚަރަދުތަކުގެ ލީކޭޖް ކުޑަ ކުރުމަށް އެހެން ގޮތްގޮތުން ހައްލު ހޯދައި، އެކަން އަލުން ހުށަހެޅުމަށްވެސް ސަރުކާރުން ވާނީ އަންގާފައެވެ.

އެހެންކަމުން، ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން ކުރިއެކޭ އެއްގޮތަށް އާސަންދަ ޚިދުމަތް މިހާރު ލިބެމުންދާނެ ކަމުގައި ދަންނަވަމެވެ.