އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް އަތޮޅުތަކުގެ ތަރައްޤީއަށް ހުރަސްއަޅަން މަސައްކަތްކުރި ނަމަވެސް، މި ރާއްޖޭގެ އަތޮޅުތަކަށާއި ރަށްތަކަށް މި ސަރުކާރުން ގެންނަން ބޭނުންވާ ތަރައްޤީ ރައްޔިތުންނަށް ހޯދައިދިނުމުގައި، މި ސަރުކާރުން އެންމެ އިންޗިއެއްވެސް ފަހަކަށް ނުޖެހޭނެއެވެ. އަދި މި ތަރައްޤީ ގެނެސްދިނުމުގައި، ޤާނޫނީ ޗާޓުން އެންމެ އިންޗިއެއްވެސް ބޭރެއްނުވާނެއެވެ. ރައްޔިތުންނާއި ޤައުމަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ.

އިދިކޮޅު ފަރާތްތަކުން މިކުރާ ނޭދެވޭ ކަންކަމުގެ ސަބަބުން ދިވެހި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެނެސްދެއްވަން އުޅުއްވާ ތަރައްޤީއަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، އެފަދަ ކަންކަމަށް ބާރު ނުދެއްވުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.

ޤައުމުގެ ނަން ކިލަނބުކޮށް، ދިވެހި އިޤްތިޞާދުގެ އެންމެ މުހިންމު ސިނާޢަތް ކަމުގައިވާ ޤައުމުގެ ފަތުރުވެރިކަން ބޯއިކޮޓް ކުރުންފަދަ، ޤައުމާއި ރައްޔިތުންނަށް ގެއްލުން ދިނުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެ ކަންކަމުގެ މައްޗަށް ކުރި ހޯދައި، ވޭތުވެ ދިޔަ ތިން އަހަރު އެކި ރޮނގުތަކުން ރައީސުލްޖުމްހޫރިއްޔާ މި ޤައުމަށް ގެނެސްދެއްވި ތަރައްޤީއާއި ކުރިއެރުމަށް ތިޔަ ލޮބުވެތި ރައްޔިތުން ހެކިވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދުރު ވިސްނޭ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، އިދިކޮޅު ފަރާތްތަކުން ޤައުމާއި ރައްޔިތުންނާ ދެކޮޅަށް ކުރަމުންދިޔަ މަސައްކަތްތަކަށް އެއްވެސް ކުރިއެރުމެއް ނުލިބުމުން، އަތޮޅުތަކާއި އެ އަތޮޅުތަކުގެ ރައްޔިތުންނަށް، މި ސަރުކާރުން ގެންނަން އުޅޭ ތަރައްޤީއަށް ހުރަސްއެޅުމުގެ ގޮތުން ކަންކަން އޮޅުވާލައި، އެކި ގޮތްގޮތުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ތަރައްޤީއާ ދެކޮޅަށް ކުރާ އެއްވެސް މަސައްކަތަކަށް، މި ސަރުކާރު ދެމި އޮތްހާ ދުވަހަކު ޖާގަ ނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.