ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 3 ކެންޑިޑޭޓުން ރޭ ބައްދަލުކުރައްވައި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އަންނަ ނޮވެންބަރު 2 ވަނަ ދުވަހު، އަދި ދެވަނަ ބުރު ބާއްވަން ޖެހިއްޖެނަމަ ނޮވެންބަރު 9 ވަނަ ދުވަހު ދެވަނަ ބުރު ބޭއްވުމަށް ނިންމެވި ނިންމެވުމަށް އަޅުގަނޑު ވަރަށް އުފަލާއެކީގައި މަރުޙަބާ ދަންނަވަމެވެ. މި ނިންމެވުމަކީ، ޤައުމުގެ މަޞްލަޙަތާއި ހަމަޖެހުމަށްޓަކައި އެބޭފުޅުން ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށް އަޅުގަނޑު ދެކެމެވެ. އަދި އެބޭފުޅުންނަކީ، އެބޭފުޅުންގެ އަމިއްލަ ސިޔާސީ އަމާޒުތަކަށްވުރެ، ޤައުމީ މަޞްލަޙަތު އިސްކުރައްވާ ބޭފުޅުންކަންވެސް މިކަމުން ރައްޔިތުންނަށް އިތުރަށް ޔަޤީންވެގެން ހިނގައްޖެ ކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ.

ރައްޔިތުންގެ އިތުބާރުއޮތް އިންތިޚާބެއް މިތާރީޚުތަކުގައި ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ. އަދި މިފަދަ ކާމިޔާބު އިންތިޚާބެއް ބޭއްވިއްޖެނަމަ ދިވެހި ދައުލަތަށް ޤާނޫނީ ހުސްކަމެއް ނާންނާނެކަން އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކުރަމެވެ.