ބީ.ކޭ.ޓީ ޢިމާރާތުގައި ހުންނަ ކޮމްޕިއުޓަރ ޕްލަސް ފިހާރައަށާއި، އެ ޢިމާރާތުގައި ހުންނަ އަމިއްލަ ފަރާތެއްގެ ޓީ.ވީ ސްޓޭޝަނަކަށް ގެއްލުންދީ އެދެތަނުގައި ރޯކޮށްލުމާ ގުޅިގެން، މި ޢަމަލު އަޅުގަނޑު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި މި ޢަމަލު ހިންގި ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނެސް، ޙައްޤު އަދަބު ދިނުމުގައި، ސަރުކާރުން ފަސްނުޖެހޭނަމެވެ.

ސިޔާސީގޮތުން ރާއްޖެ ހަލަބޮލިވެފައިވާ މިދަނޑިވަޅުގައި، ސިޔާސީ ވަކި މަޤްޞަދެއް ހާޞިލުކުރުމަށް ބައެއް ފަރާތްތަކުން ހިންގާ މިފަދަ ޢަމަލުތަކުގެ ސަބަބުން، ޢާންމު ރައްޔިތުންގެ މުދަލަށާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްވަމުންދާކަމީ، އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި މިއީ، އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަމާންކަމާއި މަޞްލަޙަތު ގެއްލި، އާންމުންގެ މެދުގައި ފިތުނަފަސާދު އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

އެހެންކަމުން، މާލެތެރެ އިތުރަށް ހަލަބޮލިކޮށް، ހަމަނުޖެހުމަށް މަގުފަހިވާނެ އެއްވެސް ޢަމަލެއް، އެއްވެސް ފަރާތަކުން ނުހިންގުމަށް މިފުރުޞަތުގައި އަޅުގަނޑު ގޮވާލަމެވެ. އަދި ހަމަނުޖެހުން އުފެއްދުމަށް ބާރުއެޅޭފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށާއި، ޤައުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ހުރިހާ ފަރާތްތަކަކުން ޚާއްޞަކޮށް، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުން މުހިންމު އަހަންމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.