މިއަދަކީ، މިއަހަރުގެ ޖީ.ސީ.އީ އޯލެވެލްގެ އިމްތިޙާނު ފެށޭ ދުވަހެވެ. މިއަހަރުގެ މި ދުވަސްތައް ދިމާވެފައިމިވަނީ ސިޔާސީ ގޮތުން ހަލަބޮލި ދުވަސްތަކެއްގެ ގޮތުގައި ކަމުގައިވީ ނަމަވެސް، މިއަހަރު އިމްތިޙާނުހަދާ 8200 އަށް ވުރެ ގިނަ ކުދިންގެ ޙައްޤުތަކަށް ރައްކާތެރިވެވަޑައިގަތުމަށް އެންމެހާ ސިޔާސީ ފަރާތްތަކަށް އަޅުގަނޑު އިލްތިމާސްކުރަމެވެ.

މިއަދު ދިވެހިރާއްޖެ ދެކެމުން މިދާ މިނިވަންކަމުގައި ތެރޭގައި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ، އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ ޑިމޮކްރެޓިކް ހަމައެކެވެ. އަދި ހަމައެއާއެކު، މިއީ ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް މެއެވެ. އެހެނަސް މި ޙައްޤަކީ އަޅުގަނޑުމެންގެ އެހެން ބައެއްގެ އަސާސީ ޙައްޤުތަކަށް ބުރޫއަރާ، ޚާއްޞަކޮށް އަޅުގަނޑުމެންގެ ކިޔަވާކުދިންނަށް ގެއްލުންވާފަދަ ކަމަކަށް ވެގެންނުވާނޭ ކަމުގައި އަޅުގަނޑު ދެކެމެވެ. ވުމާއެކު، މިވަގުތު މި ޙައްޤުގެ ބޭނުންކުރައްވާ ފަރާތްތަކުން، މިއަހަރުގެ ޖީ.ސީ.އީ އޯލެވެލް ހަދާ ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާގޮތަކަށް ކަންކަން ބައްޓަންކުރައްވަން އަޅުގަނޑު އިލްތިމާސް ކުރަމެވެ. ޚާއްޞަގޮތެއްގައި، އިމްތިޙާނުތައް ހަދަމުންގެންދާ ވަގުތުތަކުގައި، އިމްތިޙާނުގެ މަރުކަޒުތަކުގެ ކައިރީގައި ކުދިންނަށް އުނދަގޫވާ ގޮތަށް ކަންކަން ނުކުރެއްވުމަށް އިލްތިމާސް ކުރަމެވެ. އަދި އިމްތިޙާނު ހަދަމުންގެންދާ ވަގުތުގައި، ކުދިންނަށް އުނދަގޫނުވާނޭ ފަދަޔަކުން މަގުތަކުގެ ކަންކަން ހަމަޖައްސަވައިދެއްވުމަށް ސަލާމަތީ ބާރުތަކަށް އަޅުގަނޑު ދަންނަވަމެވެ.

ދިވެހި ކިޔަވާ ކުދިންވަނީ މިފަހުގެ ތާރީޚުތަކުގައި އޯލެވެލް އިމްތިޙާނުތަކުގައި ރަންވަނަތަކެއް ހޯދައިގެން ރާއްޖޭގެ ނަން، ބައިނަލްއަޤްވާމީ މައިދާނުގައި ވިދުވާލާފައިކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަމެވެ. ދިވެހި ކިޔަވާކުދިންގެ މި ތާރިޚީ ކާމިޔާބުތަކަކީ ޤައުމުގެ މުސްތަޤްބަލާ ދޭތެރޭ ކުރެވޭ އުންމީދުތައް އާކުރުވާ ކަމެއްކަމުގައިވެސް އަޅުގަނޑު ފާހަގަކުރަމެވެ. މައިންބަފައިންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭ ކަންކަން ކަމުގައިވެސް ފާހަގަކުރަމެވެ. މިއަދުގެ ބޮޑެތި މީހުންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ވާޖިބަކީ، ކުދިންނަށް އިމްތިޙާނަށް ތައްޔާރުވެ، އިމްތިޙާނު ކާމިޔާބުކަމާއެކު ފުރިހަމަކުރެވޭނޭފަދަ މާޙައުލެއް ޤާއިމުކޮށްދިނުމެވެ. މުޅި ޢުމުރުގައި އެކުދިން ކުރި މަސައްކަތާއި، މި އިމްތިޙާނަށް ތައްޔާރުވުމަށް ރެޔާއި ދުވާލު އެކުދިން ކުރަމުންގެންދާ މަސައްކަތަށް ހިތްވަރުދީ، މައިންބަފައިންގެ އުންމީދުތައް ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމެވެ.
ވީމާ، މިކަމަށް ފަރުވާތެރިވެވަޑައިގެން ކުދިންގެ ޙައްޤުތަކަށް ރައްކާތެރިވެދެއްވުމަށް އަޅުގަނޑުގެ އިލްތިމާސް ތަކުރާރު ކުރަމެވެ.

މިއަހަރުގެ އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ކުދިންނަށް އަޅުގަނޑުގެ ހެޔޮ އެދުންތައް ރައްދުކުރަމެވެ. ތިޔަކުދިންގެ މަސައްކަތަށް ކާމިޔާބު ލިބުމަށް އަޅުގަނޑު އެދެމެވެ. އަޅުގަނޑު އެދެނީ ތިޔަކުދިންނަށް ބާއްޖަވެރި މުސްތަޤްބަލެކެވެ.