7 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު، އަމާންކަމާއި އޮމާންކަމާއެކު، ކުރިޔަށް ގޮސް ނިމުނުކަން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަމެވެ. އެހެންނަމަވެސް، މި އިންތިޚާބާ ބެހޭގޮތުން ހުރި ބައެއް ތުހުމަތުތަކަކީ، އެކަންކަމާމެދު އަޅުގަނޑު ކަންބޮޑުވާފަދަ ސީރިއަސް ތުހުމަތުތަކެއްކަން އަޅުގަނޑު ފާހަގަކުރަމެވެ. އަދި މިކަންކަން އެކަމަށް ކަނޑައެޅިފައިވާ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޙައްލުކޮށް އިންޞާފު ޤާއިމުކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެހެން މުހިންމު ކަމެކެވެ.

ހަމައެއާއެކު، 28 ސެޕްޓެމްބަރ 2013 ގައި ބޭއްވޭ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުވެސް އަމާންކަމާއި ހަމަޖެހުމާއެކު ކުރިޔަށް ގެންގޮސްދެއްވުން އަޅުގަނޑު އެދޭވާހަކަވެސް މި ފުރުޞަތުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ އަރިހުން އެދޭ ވާހަކަ ދެންނެވީމެވެ. އަދި ކުރިޔަށް މިއޮތް ދުވަސްތަކުގައި ތިޔައިން ކޮންމެ ލޮބުވެތި ރައްޔިތެއްގެވެސް އެންމެ އިސްވާޖިބަކީ، ޤައުމުގެ ހަމަޖެހުމާއި އަމާންކަން ކަމުގައި ހައްދަވައި ދެއްވައި، ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ބައިބައިވުމަށް ފުރުޞަތު ނުދެއްވުން ކަމުގައި ހެއްދެވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި ހަމައެއާއެކު، އިންތިޚާބުގެ ދެވަނަ ބުރުގައި، ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އަޅުގަނޑު ތާއީދުކުރާނީ، އިންތިޚާބުގައި 2 ވަނަ ހޯއްދަވައިގެން ވާދަކުރައްވާ ކެންޑިޑޭޓަށްކަމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިހެން މިދެންނެވީ އަޅުގަނޑު ދެކޭ ގޮތުގައި، ޤައުމުގެ ދުސްތޫރީ އޮނިގަނޑު ބަލިކަށިކޮށް، ޤާނޫނު މުގުރައި، ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަކީ، މިއަދު ޤައުމަށް އެންމެ ރަނގަޅު ގޮތްކަމުގައި ނުވާނޭ ކަމަށް އަޅުގަނޑު ދެކޭތީއެވެ.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ލޮބުވެތި ރައްޔިތުންނަށް މާތްﷲ ހެޔޮ ރަޙްމަތް ލެއްވުމެވެ. މި ލޮބުވެތި ވަޠަނަށް ހަމަޖެހުމާއި އަމާންކަމާއެކު ކާމިޔާބީ މިންވަރު ކުރެއްވުމެވެ.