1.      ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާތައް ކުރިއެރުވުމަށް ބޭނުންވާ ޤައުމީ ތަސައްވުރު އެކުލަވާލައި، އެކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ވިލަރެސްކުރުން. 

2.      ރާއްޖޭގެ މެރިޓައިމް އަދި ޝިޕިންގ އިންޑަސްޓްރީއާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތު ތަރައްޤީކޮށް ކުރިއެރުވުމާގުޅޭ ސިޔާސަތު ކަނޑައެޅުން. 

3.      ރާއްޖޭގެ ކަނޑުގެ ވިޔަފާރި ބަނދަރުތަކާއި ސަރަހައްދީ ވައިގެ ބަނދަރުތައް ތަރައްޤީކުރުމާބެހޭ ސިޔާސަތުތައް ކަނޑައެޅުމާއި، ސަރަހައްދީ ވައިގެ ބަނދަރުތަކުން ދޭ ޚިދުމަތްތައް ކުރިއެރުވުމުގެ ސިޔާސަތުތައް ކަނޑައެޅުންް. 

4.      ރާއްޖޭގެ ކަނޑުގެ ވިޔަފާރި ބަނދަރުތަކާއި ޕޯރޓް ފެސިލިޓީތައް ހިންގުމުގެ މިންގަނޑުތައް ކަނޑައެޅުން. 

5.      ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސިޔާސަތުތައް ތަންފީޒުކުރަމުންދާގޮތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މޮނިޓަރކުރުން. 

6.      ރާއްޖޭގައި އެއަރޕޯޓްތައް ހިންގުމުގެ މިންގަނޑުތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކަނޑައަޅައި، އެއަރޕޯޓްތައް ހިންގަމުންގެންދަނީ އެ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުން. 

7.      ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓްތައް އެއްބަސްވުމާ އެއްގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން. 

8.      ރާއްޖޭގެ އެއްގަމާއި، ކަނޑާއި، މަދަނީ ވައިގެ ދަތުރުފަތުރަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތައް އެކުލަވައިލައި ތަންފީޒުކުރުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން. 

9.      ކަނޑުދަތުރުކުރާ އުޅަނދުފަހަރުން ކަނޑުގެ ތިމާވެއްޓަށް ގެއްލުންވާފަދަ ކަންކަން ވިޔަނުދިނުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އެންމެހައި ކަންކަން ވިލަރެސްކުރުން. 

10. ރާއްޖޭގެ މެރިޓައިމް އަދި ޝިޕިންގ އިންޑަސްޓްރީ ތަރައްޤީކުރުމަށް އެކުލަވައިލަންޖެހޭ ޕްލޭންތައް އެކުލަވައިލައި، ތަންފީޒުކުރުން. 

11. ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއާއި، ބޭރުދަތުރުކުރާ ބޯޓުފަހަރުން ދިވެހިންނަށް ހުރި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްކުރުން. 

12. ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން. 

13. އެއްގަމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި ފަޅުވެރިން ތިބެންޖެހޭ ސަލާމަތީ މިންގަނޑުތައް ކަނޑައެޅުން. 

14. އެއްގަމާއި، ކަނޑުގެ އުޅަނދުފަހަރު ދުއްވާ ފަރާތްތައް އިމްތިޙާނުކުރުމާއި، އެފަރާތްތަކަށް ދޭންޖެހޭ ލައިސަންސް ދިނުން. 

15. އާގުބޯޓްފަހަރުގައި ވަޒީފާއަދާކުރާ ދިވެހިންނަށް ދޭންޖެހޭ "ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ" އާއި "ކޮންޓިނުއަސް ޑިސްޗާރޖް ސެޓްފިކެޓް" ދޫކުރުމާއި، މިފަދަ ސެޓްފިކެޓްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 

16. މަގުމަތީގައި މީހުން ހިނގައި އުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނު ނުލާއެއްޗެހި ދުއްވުމުގެ ކަންކަން ކަމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން. 

17. ރާއްޖޭގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާއިން އާންމު ޚިދުމަތް ދިނުމާގުޅޭގޮތުން، ކަމާބެހޭ ޤާނޫނުތަކުގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރުން. 

18. އާންމުންގެ އަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ޚިދުމަތްދިނުމުގެ މިންގަނޑުތައް ކަނޑައަޅައި ވިލަރެސްކުރުން. 

19. އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތަކާގުޅޭ ގޮތުން ދޫކުރަންޖެހޭ ލައިސަންސްތައް ދޫކުރުން. 

20. އެއްގަމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކުރުމާއި، އުޅަނދުފަހަރާބެހޭ ދަފުތަރު ބެލެހެއްޓުން. 

21. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަހުނު ރަޖިސްޓްރީކުރުމާއި، ރަހުނާބެހޭ ދަފުތަރު ބެލެހެއްޓުން. 

22. އެއްގަމުގައި ދުއްވާ އުޅަނދުތަކަށް ދޭންޖެހޭ ރޯޑްވާރދިނަސް ސެޓްފިކެޓް ދިނުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ދޭންޖެހޭ ސަލާމަތީ ސެޓްފިކެޓާއި ސްޓެޓިއުޓަރީ ސެޓްފިކެޓް ދިނުމާއި، މިކަންކަމާގުޅޭ އެންމެހައި ކަންކަން ވިލަރެސްކުރުން. 

23. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި ހުންނަންޖެހޭ އާލާތްތަކާއި ސާމާނުތައް އިންސްޕެކްޓްކޮށް ސާރވޭކުރުމާއި، އުޅަނދުފަހަރުން ޚިދުމަތްދިނުމުގެ ކެޓަގަރީތައް ކަނޑައެޅުން. 

24. އެއްގަމާއި ކަނޑުގެ ދަތުރުފަތުރަށް ބޭނުންވާ ޓްރެފިކް ލައިޓާއި، ނެވިގޭޝަން ލައިޓާއި، ބޮއި އަދި މިނޫންވެސް ނެވިގޭޝަން އެއިޑްތައް ގާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެތަކެތި ބެލެހެއްޓޭނެ ނިޒާމެއް ރާވައި، އެކަންކަން ވިލަރެސްކުރުން. 

25. ދިވެހިރާއްޖޭގެ ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ކަނޑުގެ އުޅަނދުފަހަރުގެ ޕޯރޓް ސްޓޭޓް ކޮންޓްރޯލްކުރުމުގެ މަސައްކަތް ބަލަހައްޓައި ވިލަރެސްކުރުން. 

26. ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޕައިލޮޓޭޖްގެ ޚިދުމަތާއި، ކޯސްޓަލް ނެވިގޭޝަންގެ ޚިދުމަތްދިނުމާއި، ވިޔަފާރި ބަނދަރުތަކުން ފޯރުކޮށްދޭންޖެހޭ މެރީން ސަރވިސްގެ ކަންތައްތައް ވިލަރެސްކުރުން. 

27. އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމާއި، އެފަދަ ކަންކަމާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތުދިނުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 

28. ރާއްޖޭގެ އެއްގަމާއި، ކަނޑާއި، މަދަނީ ވައިގެ ދަތުރުފަތުރުގައި ދިމާވާ ހާދިސާތަކުގެ އަލީގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ދަތުރުފަތުރުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެފަދަ ކަންކަމުގެ މަޢުލޫމާތު އާންމުކުރުން. 

29. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ކަނޑާއި ވައިގެ ދަތުރުފަތުރުގެ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހަރުދަނާކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުމާއި، އެކަންކަން ވިލަރެސްކުރުން. 

30.  ރާއްޖޭގައި ކަނޑުގެ އުޅަނދު ބަންނަ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމާއި، ރާއްޖޭގައި ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރު ބަނުމާއި މަރާމާތުކުރުމުގެ މިންގަނޑުތައް ކަނޑައެޅުން. 

31. ރާއްޖެއަށް އެތެރެކުރާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ މާވަޑިކަން ޤަބޫލުކުރާނެ މިންގަނޑުތައް ކަނޑައެޅުން. 

32. އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް.) ގެ މަސައްކަތްތައް ކުރެވެމުންދަނީ، ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ އަމާޒުތައް ހާސިލުވަމުންދާ ގޮތުގެމަތިންތޯ ބަލައި މޮނިޓަރކުރަމުން ގެންދިޔުން.

33. ޓެކްސީ ޑްރައިވަރުންގެ ދަފުތަރު އެކުލަވައިލުމުގެ އުސޫލުތައް އެކަށައަޅައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން.

34. އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުން ބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން. 

35. އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން. 

36. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުމާއި، އެފަދަ ކަންކަމަށް އެއްބާރުލުން ދިނުން. 

37. އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާގެ ހޯދުންތަކާއި، ދިރާސާތަކާއި، ތަޙުޤީޤުތަކާއި، ތަފާސްހިސާބުތައް އެއްކުރުމާއި، މިކަންކަމާގުޅިގެން އެކުލަވައިލަންޖެހޭ ރިޕޯޓްތައް އެކުލަވައިލައި ޝާއިޢުކުރުން. 

38. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

 

39. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.