1.      ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އެކަށައަޅާ ރާއްޖޭގެ ބިމާބެހޭ ޤައުމީ ސިޔާސަތު ތަންފީޒުކުރުން.

2.      ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.

3.      އެއްމެދު އިމާރާތާ ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ޤާނޫނު ނަންބަރު 2021/33 (އެއްމެދު އިމާރާތުގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި މިންގަނޑުތަކާއި އުސޫލުތައް ހަދައި، އެކަންކަން ތަންފީޒުކުރުން.

4.      ޤާނޫނު ނަންބަރު 2021/21 (ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ތަންފީޒުކުރުން.

5.      ރާއްޖޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށްޓަކައި މުޅި ރާއްޖޭގެ ފިޒިކަލް ޑިވެލޮޕްމަންޓް އޮނިގަނޑެއް ކަނޑައަޅައި، މި އޮނިގަނޑުގެ ދަށުން ތައްޔާރުކުރެވޭ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވައިލުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، މިންގަނޑުތައް ކަނޑައަޅައި، އެފަދަ ޕްލޭންތައް ކުރެވެނީ މި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުން.

6.      ރާއްޖޭގެ ބިމުގެ ދަފުތަރު ބެލެހެއްޓުމާބެހޭ މިންގަނޑުތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ބިމުގެ ދަފުތަރު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކޮށް ހިންގުން.

7.      ބިމާބެހޭ ސިޔާސަތު އެކުލަވައިލުމަށް ބޭނުންވާ އެންމެހައި މަސައްކަތްތައް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ކުރުމާއި ދިވެހިރާއްޖޭގެ ބިމާބެހޭ ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ދިރާސާތައް ކުރުން.

8.      ރާއްޖޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭންތައް ތައްޔާރުކުރުމާއި، ބިން ބޭނުންކުރާނެ ގޮތްތަކާއި ސަރަހައްދުތައް ކަނޑައެޅުން.

9.      ރާއްޖޭގެ ބިން އަގުކުރާނެ އުސޫލުތަކާއި، މިންގަނޑުތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިކަން ހިންގުން.

10. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ބިން، ގެދޮރު އެޅުމަށާއި، އާބާދީގެ އެހެނިހެން ބޭނުންތަކަށް، އެކަށޭނަ ގޮތުގައި ބޭނުންކުރުމާބެހޭ މިންގަނޑުތައް ކަނޑައެޅުން.

11. ދައުލަތުގެ އެކި އެކި ބިންތަކުން ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާ ލިބެންހުރި ގޮތްތައް ބަލައި ހޯދުން.

12. ރާއްޖޭގެ ފަރުފަރާއި ފަޅުފަޅާއި ހާހަލާއި ތިލަތިލައާއި ގިރިގިރިފަދަ ތަންތަން ކުއްޔަށްދިނުން.

13. ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ސިޔާސަތު ތަންފީޒުކުރުން.

14. ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ހިންގަން ކަނޑައަޅާ، 500 ހައުސިންގ ޔުނިޓަށްވުރެ މަދު ހައުސިންގ ޔުނިޓުތައް ޢިމާރާތްކުރުމުގެ މަޝްރޫޢުތައް، ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން އެކުލަވައިލުމާއި، އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

15. ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ހިޔާވަހިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެފަދަ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.

16. ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ދެވޭ ހިޔާވަހިކަމުގެ އަސާސީ މިންގަނޑުތައް ކަނޑައެޅުން.

17. ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމަށް ކަމުދާ ފެންވަރުގެ ހިޔާވައްސެއް ލިބިދެވޭނެ ގޮތްތައް ރާވައި، އެކަމަށް މަގުފަހިކުރެވޭނެ ގޮތަށް ކަމާބެހޭ އުސޫލުތައް އެކުލަވައިލައި، އެ އުސޫލުތައް ހިންގުން.

18. ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ލުއިފަސޭހަގޮތެއްގައި ގެދޮރު ލިބިދިނުމުގެ ނިޒާމެއް ހަމަޖައްސައި، އެ ނިޒާމުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތަށް ހިޔާވަހިކަން ލިބިދެވޭތޯ ބެލުން.

19. ހިޔާވަހިކަމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރާ ތަންތަނުގެ ތެރެއިން މިނިސްޓްރީން ބެލެހެއްޓުމަށް ކަނޑައަޅާ ތަންތަން ހިންގައި ބެލެހެއްޓުން.

20. ޤުދުރަތީ ގޮތުންނާއި، އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކާއި، ހާދިސާތަކާ ގުޅިގެން، ދިރިނޫޅެވޭވަރަށް ގެދޮރަށް ގެއްލުންލިބޭ މީހުންނަށް ދާއިމީ ހިޔާވަހި ބިނާކޮށްދިނުމުގެ ކަންތައް ހިންގައި ވިލަރެސްކުރުން.

21. ހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާ ގުޅިގެން އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ރާވައި ހިންގުން.

22. ތަރައްޤީގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން އަރބަން ސެންޓަރުތަކުގެ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭންތައް މުރާޖާކޮށް، ޤައުމީ ތަރައްޤީގެ ޕްލޭނުގެ މަޤުޞަދުތައް ހާސިލުކުރުމަށްޓަކައި މާސްޓަރ ޕްލޭންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

23. ރާއްޖޭގެ ރަށްރަށުގެ ބިނާވެށި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭން އެކުލައިލުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، ލޭންޑް ޔޫޒް ޕްލޭންތައް ފާސްކުރުމާއި، މި ޕްލޭނާ ގުޅޭ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ހަދައި، ހިންގުމުގެ އޮނިގަނޑު އެކުލަވައިލުން.

24. އަރބަން ސަރަހައްދުތައް ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭން އެކުލަވައިލައި، އަރބަން ސަރަޙައްދުތަކުގައި ޤާއިމުކުރާ އިޖުތިމާޢީ އަދި އިޤުތިޞާދީ ޚިދުމަތްތަކާއި އެ ސަރަހައްދުގައި ޤާއިމުކުރާ މައިގަނޑު އިންފްރާސްޓްރަކްޗަރތަކާ އިންޓަގްރޭޓް ކުރެވޭނެ ގޮތްތައް ކަނޑައެޅުން.

25. އަރބަން ސެންޓަރުތައް ތަރައްޤީކުރުމަށް ސަރުކާރުގެ އިދާރާތަކުން ހިންގާ މަޝްރޫޢުތަކުން އަރބަން ސަރަހައްދުތަކުގެ މާސްޓަރ ޕްލޭނުގައި ކަނޑައަޅައިފައިވާ މަޤުޞަދުތައް ހާސިލުވޭތޯ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުން ގެންދިޔުން.

26. އަރބަން ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނުގައި ކަނޑައަޅާ ސަރަހައްދުތައް ތަރައްޤީކުރުމަށް ބޭނުންވާ އަރބަން ޑިވެލޮޕްމަންޓް މަޝްރޫޢުތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެ މަޝްރޫޢުތައް ހިންގުމަށް މަގުފަހިކުރުން.

27. މިހާރު އާބާދުކުރެވިފައިވާ ރަށްރަށާއި އަލަށް އާބާދުވަމުންދާ ރަށްރަށުގެ ބިނާވެށީގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ދިރާސާތައްކުރުން.

28. އާބާދުކުރެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން އަލުން ތަރައްޤީކުރުމަށް ކަނޑައަޅާ ސަރަހައްދުތަކަށް ލޯކަލް ކައުންސިލްތަކާ ގުޅިގެން އަރބަން ރީޑިވެލޮޕްމަންޓުގެ މިންގަނޑުތައް ކަނޑައެޅުމާއި، އަރބަން ރީޑިވެލޮޕްމަންޓް ޕްލޭންތައް ތައްޔާރުކުރުމާއި، އެ ޕްލޭންތަކުން ހާސިލުކުރަން ބޭނުންވާ މަޤުޞަދުތައް ހާސިލުވޭތޯ ބަލަމުން ގެންދިޔުން.

29. އާބާދުކުރެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން ދުވަސްވުމުގެ ސަބަބުން ބިނާވެށި ބާވެފައިވާ ސަރަހައްދުތަކާއި ބައިބޯވުމާއި ތޮއްޖެހުމުގެ ސަބަބުން އަބުރުވެރި ދިރިއުޅުމަކަށް އެކަށީގެންވާގޮތެއްގައި ބިނާވެށި ތަރައްޤީކުރެވިފައިނުވާ ސަރަހައްދުތަކުގެ އިޖުތިމާއީ އަދި އިޤުތިޞާދީ ހާލަތު ރަނގަޅުކޮށް އެ ސަރަހައްދުތައް އަލުން ތަރައްޤީކުރުމަށްޓަކައި، ލޯކަލް ކައުންސިލްތަކާ ގުޅިގެން އަރބަން ރީޖެނެރޭޝަންގެ މިންގަނޑުތައް ކަނޑައެޅުމާއި، އަރބަން ރީޖެނެރޭޝަން ޕްލޭންތައް ތައްޔާރުކުރުމާއި، އެ ޕްލޭންތަކުން ހާސިލުކުރަން ބޭނުންވާ މަޤުޞަދުތައް ހާސިލުވޭތޯ ބަލަމުން ގެންދިޔުން.

30. އާބާދުކުރެވިފައިވާ ސަރަހައްދުތަކުގެ ތެރެއިން، ގަދީމީ އަރބަން ސަރަހައްދުތަކާއި ގިނަ ދުވަހަށް ދެމެހެއްޓުމަށް ކަނޑައަޅާ އަރބަން ސަރަހައްދުތަކުގައި ހުރި ގުދުރަތީ މާޙައުލުތަކާއި އިންސާނުން އުފައްދައި ތަރައްޤީކޮށްފައިވާ މާޙައުލުތައް ރައްކާތެރިކޮށް އަލުން އާލާކުރުމަށް (ރިހެބިލިޓޭޓްކުރުމަށް)، ލޯކަލް ކައުންސިލްތަކާ ގުޅިގެން އަރބަން ރިހެބިލިޓޭޝަންގެ މިންގަނޑުތައް ކަނޑައެޅުމާއި، އަރބަން ރިހެބިލިޓޭޝަން ޕްލޭންތައް ތައްޔާރުކުރުމާއި، އެ ޕްލޭންތަކުން ހާސިލުކުރަން ބޭނުންވާ މަޤުޞަދުތައް ހާސިލުވޭތޯ ބަލަމުން ގެންދިޔުން.

31. ރާއްޖޭގެ ތިމާވެއްޓާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓާފާޅިއާ އެކަށީގެންވާ ގޮތެއްގައި އަރބަން ރީޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރެވިދާނެ ކަންކަން ރާއްޖެއަށް ތަޢާރުފުކުރުން.

32.  އަރބަން ޕްލޭނިންގގެ ދާއިރާއިން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

33. ރާއްޖޭގެ ސަރަހައްދީ ސްޕޭޝަލް ޕްލޭންތައް ތައްޔާރުކުރުމާއި، އާބާދީ ސަރަހައްދުތައް ކަނޑައެޅުން.

34. ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލުމާއި، ވަޒަންކުރުމާއި، ސަރުކާރުގެ ދާއިރާތަކުން ކަނޑައަޅާ އަދި ހިންގާ ތަރައްޤީގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްދިމާއަކަށް މިސްރާބުކުރުމަށްޓަކައި އެ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުން.

35. ތަރައްޤީގެ މަޝްރޫޢުތަކަށް ޤައުމީ ފެންވަރުގައި އިސްކަންދޭ ތަރުތީބު ކަނޑައެޅުން.

36. ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ ފައިނޭންސް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދުން.

37. ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ބޭރުގެ އެހީ ބޭނުންވާ މަޝްރޫޢުތަކުގެ ޕައިޕްލައިން އެކުލަވައިލުމާއި، ބޭރުގެ އެހީގެ ފުރުޞަތުތައް ފުރިހަމައަށް ބޭނުންކުރުމަށްޓަކައި ކަމާބެހޭ ދާއިރާތަކަށް ލަފަޔާއި މަޝްވަރާ ދިނުން.

38. ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ދައުލަތުގެ އިދާރާތަކުން ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.

39. ޤައުމީ ތަރައްޤީގެ ޕްލޭނިންގއާއި، "ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް" އާއި ތަރައްޤީގެ  އެހެނިހެން މަސައްކަތްތައް ކުރިއަށްދާ މިންވަރު ވަޒަންކުރުމާއި، ނަތީޖާ ހާސިލުވި މިންވަރު ދެނެގަނެ ރިޕޯޓުކުރުމާއި، މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގައި ދައުލަތުގެ އޮފީސްތަކަށް އެހީތެރިވުން.

40. އ.ދ. އާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުން ރާއްޖޭގައި ހިންގާނެ ތަރައްޤީގެ މަސައްކަތްތައް ކަނޑައަޅައި، ކަމާބެހޭ ދާއިރާތަކާ ގުޅިގެން އެ މަސައްކަތްތައް ރާވައި ހިންގުން.

41. ޤައުމީ ތަރައްޤީގައި އަމިއްލަ ޖަމާޢަތްތަކުގެ ދައުރު ފުޅާކުރުމުގެ ސިޔާސަތު ހިންގުން.

42. އ.ދ. އިން ކަނޑައަޅައިފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް) އާބެހޭ ސަރުކާރުގެ ފޯކަލް ޕޮއިންޓުގެ ދައުރު އަދާކުރުމާއި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މި މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެލުމާއި، މި ލަނޑުދަނޑިތައް ހާސިލުވަމުންދާ މިންވަރު ބަލައި، ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.

43. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުންބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.

44. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.

45. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުންނެވެ.

(ހ) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

(ށ) މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ

(ހ) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2021/16 (ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅައިފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.

1.      ދިވެހިރާއްޖޭގައި ތަފާސްހިސާބު އެއްކުރުމާއި، ބެލެހެއްޓުމާއި ބޭނުންކުރުމުގައި އެއްހަމަ މިންގަނޑުތަކެއް ބޭނުންކުރުމަށް މަގުފަހިކުރުމުގެގޮތުން، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޢަމަލުކުރާނެ މިންގަނޑުތަކެއް އެކުލަވައިލުން.

2.      ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ތަފާސްހިސާބު ބޭނުންކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ފެންވަރު ހިފެހެއްޓުން.

3.      ރަސްމީ ތަފާސްހިސާބަކީ ދީމިޤްރާޠީ މުޖުތަމަޢެއް ތަރައްޤީކުރުމުގައި ލާޒިމު ވަސީލަތެއްކަމުގައި ބަލައި، ދިވެހިރާއްޖޭގެ އިޤުތިޞާދީ، އިޖުތިމާއީ އަދި ތިމާވެށްޓާއި، އާބާދީއާބެހޭ ތަފާސްހިސާބުގެ އަލީގައި ޤައުމުގެ ހާލަތު ވަޒަންކުރުމަށް އެހީތެރިވެދިނުމުގެގޮތުން ތަފާސްހިސާބު އެކުލަވައިލައި، ފަސޭހައިން ބޭނުންހިފޭނެފަދަ ގޮތެއްގައި، ވަކިފަރާތަކަށް ނުޖެހި، އެއްހަމައެއްގައި އެ މަޢުލޫމާތު އާންމުކޮށް ފޯރުކޮށްދިނުން.

4.      ތަފާސްހިސާބުގެ ޤައުމީ ނިޒާމުން ފޯރުކޮށްދޭ ތަފާސްހިސާބަކީ އިތުބާރުހުރި ތަފާސްހިސާބަށް ހެދުމަށްޓަކައި، ތަފާސްހިސާބު ބަލަހައްޓާ އިދާރާތަކުގައި ތަފާސްހިސާބު އެއްކޮށް، ރައްކާކޮށް، އަދި އާންމުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބައިނަލްއަގުވާމީ ފެންވަރުގައި ޤަބޫލުކުރެވޭ ހަމަތަކާ އެއްގޮތަށް އެކުލަވައިލުން.

5.      ދިވެހިރާއްޖޭގެ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމާއި، ދިވެހިރާއްޖޭގެ ތަރައްޤީ ވަޒަންކުރުމަށް ކޮންމެހެން ބޭނުންވާ ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ޤައުމީ ފެންވަރުގައި ބޭނުންވާ މުހިންމު ސަރވޭތައް ކުރުމާއި، ތަފާސްހިސާބު އެކުލަވައިލުމުގައި ބޭނުންކުރާނެ ކްލެސިފިކޭޝަން ނުވަތަ ކޯޑިންގ ސިސްޓަމްތައް އެކުލަވައިލުން.

6.      ފަޤީރުކަމާއި ދިރިއުޅުމުގެ ހާލަތުގެ ނާޒުކުކަމާބެހޭ ތަފާސްހިސާބު އެއްކޮށް، އަދި ބެލެހެއްޓުން.

7.      ދިވެހިރާއްޖޭގެ އިޤުތިޞާދީ ތަރައްޤީގެ ދުވެލި ވަޒަންކުރުމަށް ބޭނުންވާ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑާއި، ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި) ފަދަ މުހިންމު އިޤުތިޞާދީ ތަފާސްހިސާބު އެއްކޮށް، އެކުލަވައިލައި އާންމުކުރުން.

8.      ސަރުކާރާއި ދައުލަތުގެ އެކި އިދާރާތަކުން ރަސްމީ ތަފާސްހިސާބު އަދި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވައިލުމަށް ކުރެވޭ ސަރވޭތައް ރަޖިސްޓަރީކޮށް، އެ ރަޖިސްޓަރީ ބެލެހެއްޓުން.

9.      ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި، ދިވެހިރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ސިޔާސަތުތައް ކަނޑައެޅުމަށާއި އެ ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ ރަސްމީ ތަފާސްހިސާބާއި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް، ތަފާސްހިސާބުގެ ޤައުމީ ނިޒާމުގެ ތެރެއިން އެއްކޮށް، ބަލަހައްޓައި އެ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

10. ދިވެހިރާއްޖޭގެ ލޭބަރ މާކެޓާބެހޭ ސަރވޭތައްކުރުމާއި، ލޭބަރ މާކެޓާބެހޭ ތަފާސްހިސާބު އެއްކޮށް، އެކުލަވައިލައި، މަދުވެގެން ކޮންމެ 3 (ތިނެއް) އަހަރަކުން އެއްފަހަރު އާންމުކުރުން.

11. ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤައުމީ ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމުގައި ހިއްސާވެ އެހީތެރިވުމުގެގޮތުން، ދޭދޭ ޤައުމުތަކުގެ މެދުގައާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު ތަފާސްހިސާބުގެ ރޮނގުން ގުޅުން ގާއިމުކުރުން.

12. ޤައުމީ ފެންވަރުގައި ކޮންމެހެން ބޭނުންވާ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކަމަކާ ގުޅުންހުރި އިދާރާއެއް މެދުވެރިކޮށް އެއްކޮށް، އަދި ބެލެހެއްޓުމުގެ ކަންކަން ވިލަރެސްކުރުން.

13. ޤައުމީ ތަފާސްހިސާބުގެ ސްޓްރެޓަޖީތައް އެކުލަވައިލައި، އަދި ތަންފީޒުކުރުން.

14. ޤައުމީ ތަފާސްހިސާބުގެ ސްޓްރެޓަޖީތަކަށް ބިނާކޮށް ޤައުމީ ތަފާސްހިސާބުގެ އަހަރީ ޕްރޮގްރާމް ތައްޔާރުކުރުމާއި، ތަފާސްހިސާބުގެ ޤައުމީ ނިޒާމުގެ ތެރެއިން އުފައްދަންޖެހޭ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ކަނޑައަޅައި، ޑިސެމިނޭޝަން ޕޮލިސީއާއި އެޑްވާންސް ރިލީޒް ކަލަންޑަރާ އެއްގޮތަށް އާންމުކުރުން.

15. ދިވެހިރާއްޖޭގެ ތަފާސްހިސާބާބެހޭ މަޢުލޫމާތު ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުން.

16. ތަފާސްހިސާބުގެ ޤައުމީ ނިޒާމު ތަރައްޤީކުރުމަށްޓަކައި ތަފާސްހިސާބުގެ ދާއިރާއިން މީހުން ބިނާކުރުން.

17. ރަސްމީ ތަފާސްހިސާބު ބަލަހައްޓާ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާދިނުން.

18. ރަނގަޅުނޫން ގޮތުގައި، ނުވަތަ މާނަ އޮޅޭގޮތަށް ތަފާސްހިސާބު ބޭނުންކުރާނަމަ އެކަންކަން އިޞްލާޙުކުރާނެގޮތުގެ ލަފާދިނުން.

19. ތަފާސްހިސާބާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ރައްޔިތުން އަހުލުވެރިކުރުވުން.

20. ތަފާސްހިސާބު އެއްކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުމާއި އާންމުކުރުމާގުޅޭ ގަވާއިދުތައް ހަދައި ހިންގުން.

21. ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފުރިހަމައަށް ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ބަލަހައްޓާ ރަސްމީ ތަފާސްހިސާބު އެއްކޮށް، އަދި އެކުލަވައިލުމަށް އެއްވެސް އިދާރާއަކުން ނުކުޅެދޭފަދަ ހާލަތްތަކުގައި، ބިއުރޯގެ ފަރާތުން އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

22. މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދަށުން ބިއުރޯގެ މަޤުޞަދުތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

(ށ) މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ މަސައްކަތްތައް

1.      ދިވެހިރާއްޖޭގައި ކެޑެސްޓްރަލް ސަރވޭ ސިސްޓަމެއް ގާއިމުކޮށް، ބިމުގެ ސަރވޭތައް ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވައިލުން.

2.      ޤައުމީ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް ގާއިމުކޮށް، ދައުލަތުގެ ބިންތަކާބެހޭ އެންމެހައި މަޢުލޫމާތު އެއްކޮށް، އެ ނިޒާމުގެ ތެރެއިން އެ މަޢުލޫމާތު ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތްތައް ގާއިމުކުރުން.

3.      ރާއްޖޭގެ ޗާޓު އެކުލަވައިލުމާއި، ޗާޓް އިޞްލާޙުކޮށް ބެލެހެއްޓުމާއި ޝާއިޢުކުރުން.

4.      ދިވެހިރާއްޖޭގެ ބިމުގެ މަރުކަޒީ ދަފުތަރު ގާއިމުކޮށް ބެލެހެއްޓުން.

5.      ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުފަޅާއި ފަރުފަރާއި ގިރިގިރިއާއި ހާހަލުގެ ރަސްމީ ދަފުތަރު ތައްޔާރުކޮށް ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ރަށްރަށާބެހޭ މަޢުލޫމާތު އެއްކޮށް، ރެކޯޑުކޮށް، އަދާހަމަކޮށް، އާންމުކޮށް ޝާއިޢުކުރުން.

6.      ރަށްރަށާއި ފަޅުފަޅާއި ފަރުފަރާއި ގިރިގިރިއާއި ހާހަލަށް ނަންކިޔުމުގެ އުސޫލު ކަނޑައެޅުމާއި، އެ އުސޫލުގެ ދަށުން އެތަންތަނަށް ނަންދިނުން.

7.      ދައުލަތުގެ ބިންތައް ދެނެގަތުމާއި، ފާހަގަކުރުމާއި، އެ ތަންތަނާބެހޭ ފުރިހަމަ މަޢުލޫމާތު އެއްކޮށް، ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދީ، މަޢުލޫމާތު ރައްކައުތެރިކޮށް ބެލެހެއްޓުން.

8.      ބިމާބެހޭ ގޮތުން ސަރުކާރުން އެކުލަވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ފުރިހަމައަށް ބައިވެރިވުމާއި، އެ ކަންކަމަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން.

9.      ސަރުކާރުގެ ސިޔާސަތުތަކާއި ޕްލޭންތައް ތަންފީޒު ކުރުމަށާއި، ދައުލަތުގެ އެންމެހައި ބޭނުންތަކަށް ބިން (މީހުންއުޅޭ ރަށްރަށާއި ފަޅުރަށްރަށުގެ ހިކިފަސްބިމާއި ފަޅާއި ކަނޑުގެ ބިން) ކަނޑައެޅުން.

10. ދައުލަތުގެ މުއައްސަސާތަކަށާއި ކުންފުނިތަކަށް ބިން (ލޯކަލް ކައުންސިލްގެ އިޚްތިޞާޞުން ބޭރުގައިވާ ރަށްރަށާއި، ފަޅާއި ކަނޑުގެ ބިން) ހަވާލުކުރުމާއި، އެ ބިންތައް ރަޖިސްޓްރީކުރުމާއި، އެ ބިންތައް ވަކިކުރުމާއި، ބިމާބެހޭ އެއްބަސްވުންތައް އެކުލަވައިލުމާއި، އެ މަސައްކަތްތަކާ ގުޅުންހުރި އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.

11. ރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމާއި، ބިމާބެހޭ އިދާރީ އޮނިގަނޑު ހިންގައި ބެލެހެއްޓުމާއި، އެކަންކަމާ ގުޅިގެން ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރަށް ލަފަޔާއި އިރުޝާދު ދިނުން.

12. ރާއްޖެއިން ބިން ދޫކުރުމާއި، ރާއްޖޭގައި ބިން ބޭނުންކުރުމާއި، ބިމުގެ ވެރިފަރާތް ބަދަލުކުރުމާއި، ބިން ވިއްކުމާއި، ކުއްޔަށް ދިނުންފަދަ މުޢާމަލާތްތަކާ ބެހޭ އުސޫލުތައް ހަރުދަނާކޮށް ތަރައްޤީކޮށް، މިފަދަ މުޢާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދިނުން.

13. ފޮޓޮގްރަމެޓްރީއާބެހޭ މަސައްކަތްތައް ކުރުމާއި، ރާއްޖޭގެ ރަށްރަށުގެ ބިމުގެ ޗާޓް އިޞްލާޙުކޮށް ބެލެހެއްޓުމާއި ޝާއިޢުކުރުން.

14. ރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ނަގަންޖަހޭ ޓެކުހާއި ރޯޔަލްޓީއާއި އެހެނިހެން ފީތައް ކަނޑައެޅުމާއި، އެފަދަ ޓެކުހާއި ފީތައް ނެގުމަށް ދައުލަތުން ކަނޑައަޅައިފައިވާ މުއައްސަސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

15. ރާއްޖޭގައި ބިން ދޫކުރުމާއި، ބިން ގެންގުޅުމާއި، ބިމުގެ ވެރިފަރާތް ބަދަލުކުރުމާއި، ބިން ވިއްކުމާއި، ބިން ކުއްޔަށްދިނުން ފަދަ މުޢާމަލާތްތައް ހިންގުމަށް އާންމު ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބޭނެ ނިޒާމެއް ގާއިމުކޮށް، އެ ކަންކަން ހިންގައި ބެލެހެއްޓުން.

16. ފިޒިކަލް ސަރވޭކުރުމުގެ ގަވާއިދުތަކާއި، މިންގަނޑުތައް އެކުލަވައިލައި ހިންގުމާއި، ސަރުކާރުގެ ފަރާތްތަކުންނާއި، އަމިއްލަ ފަރާތްތަކުން ކުރާ ފިޒިކަލް ސަރވޭތަކަށް ހުއްދަދިނުމާއި، ރާއްޖޭގައި ހިންގޭ ފިޒިކަލް ސަރވޭތަކާއި، ސަރވޭޔަރުންގެ ރަޖިސްޓަރީ ބެލެހެއްޓުން.

17. މިނިސްޓްރީން ކަނޑައަޅާ ފިޒިކަލް ސަރވޭތައް ހެދުމާއި، މިފަދަ ފިޒިކަލް ސަރވޭތަކުން އެއްކުރެވޭ މަޢުލޫމާތު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދިނުމާއި، ޤައުމީ ފެންވަރެއްގައި ފިޒިކަލް ސަރވޭކުރުމުގެ ވަސީލަތްތައް ބިނާކޮށް ތަރައްޤީކުރުން.

18. ރާއްޖެއަށް ފައިދާހުރި، ބިމާބެހޭ ބައިނަލްއަގުވާމީ އޯގަނައިޒޭޝަންތަކާއި ޖަމުޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުން. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އޯގަނައިޒޭޝަންތަކާއި، ޖަމާޢަތްތަކާ ގުޅިގެން ބިމާބެހޭ އިދާރީ ހިންގުމާއި ކުރިއެރުމަށް ބޭނުންވާ ޓެކްނިކަލް ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، އެފަދަ ޕްރޮގްރާމްތައް ހިންގުން.

19. ލޭންޑް ސަރވޭކުރުމާއި ލޭންޑް މެނޭޖްކުރުމާބެހޭ ބައިނަލްއަގުވާމީ އޯގަނައިޒޭޝަންތަކާއި ޖަމުޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުން.

20. ބިމާބެހޭ މުޢާމަލާތްތައް ހިންގުމަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކޮށް، މިކަމާބެހޭ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުން.

 

21. ބިމުގެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، މިފަދަ މުއައްސަސާތައް މެދުވެރިކޮށް ބިމުގެ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.