1.      ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތު ކަނޑައަޅައި އެ ސިޔާސަތުތައް ތަންފީޒުކުރުން.

2.      ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ތަންފީޒުކުރުމަށް މިނިސްޓްރީންކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެ ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، ތަންފީޒުކުރުން.

3.      ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރު ހޯދައި، އިންވެސްޓްކުރާ ފަރާތްތަކުން ޝައުގުވެރިވާ ގޮތެއްގެ މަތިން ފަތުރުވެރިކަމުގެ ދާއިރާ ބައްޓަންކުރުން.

4.      ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެގޮތުގައި "ޕޮޒިޝަން" ކުރުމާއި، "ބްރޭންޑް" ކުރުމަށް ކުރަންޖެހޭ ކަންކަމުގެ އުސޫލުތައް ކަނޑައެޅުން.

5.      ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ރާވައި ހިންގުން.

6.      ފަތުރުވެރިކަމުގެ ދާއިރާއިން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

7.      ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ގެންގުޅެންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި، މިންގަނޑުތައް ކަނޑައެޅުން.

8.      ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީވަމުންދާ ގޮތް ދިރާސާކޮށް، ކަމާބެހޭ ރިޕޯޓުތައް ތައްޔާރުކުރުން.

9.      ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީކޮށްގެން ހުއްދަ ދޫކުރަންޖެހޭ ތަންތަން ރަޖިސްޓްރީކޮށް ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުން.

10. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީކުރާ ތަންތަން ހިންގަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމާއި، އެތަންތަނުގެ ދަފްތަރެއް އެކުލަވައިލައި، ގަވާއިދުން އެ ދަފްތަރު ބަލަހައްޓަމުން ގެންދިޔުން.

11. ފަތުރުވެރިކަން ތަރައްޤީކުރުމަށް ބިންބިމާއި، ރަށްރަށާއި، ތަންތަން ކުއްޔަށް ދޫކުރާނޭ އުސޫލުތައް ކަނޑައަޅައި، އެތަންތަނުގެ ދަފްތަރެއް އެކުލަވައިލައި، ގަވާއިދުން އެ ދަފްތަރު ބަލަހައްޓަމުން ގެންދިޔުން.

12. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ދަފްތަރެއް އެކުލަވައިލައި، ގަވާއިދުން އެ ދަފްތަރު ބަލަހައްޓަމުން ގެންދިޔުން.

13. ފަތުރުވެރިކަމުގެ ސިނާއަތަށް މެދުވެރިވެދާނެ ހާދިސާތަކުން ރައްކާތެރިވުމާއި، އެފަދަ ހާދިސާއެއް މެދުވެރިވެއްޖެ ހިނދެއްގައި އިންސާނުންގެ ފުރާނަ ސަލާމަތްކުރުމާއި، އެފަދަ ހާދިސާއަކުން ލިބިދާނެ މާއްދީ ގެއްލުންތައް ކުޑަކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތަކާއި، ގައިޑްލައިންތައް ހަދައި ހިންގުން.

14. ރާއްޖޭގައި ޑޮމެސްޓިކް ޓޫރިޒަމް ތަރައްޤީކުރުމަށް ކުރަންޖެހޭ ދިރާސާތައްކޮށް، އެކުލަވައިލަންޖެހޭ ޕްލޭންތައް އެކުލަވައިލައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ ޕްލޭންތައް ތަންފީޒުކުރުން.

15. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އަދި މޯލްޑިވްސް އިންޓިގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.އައި.ޓީ.ޑީ.ސީ) ގެ މަސައްކަތްތައް ކުރެވެމުންދަނީ، ޓޫރިޒަމްގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ އަމާޒުތައް ހާސިލުވަމުންދާ ގޮތުގެމަތިންތޯ ބަލައި މޮނިޓަރކުރަމުން ގެންދިޔުން.

16. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނެވިގޮތަކަށް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައްކޮށް، ޢަމަލީގޮތުން އެކަންތައްތައް ހިންގުން. 

17. ފަތުރުވެރިކަމުގެ ސިނާއަތާގުޅޭ ރެކޯޑުތައް، އިންފޮރމޭޝަން ޓެކްނޯލޮޖީއާއި މިނޫންވެސް ޒަމާނީ ވަސީލަތްތަކުގެ ބޭނުންހިފައިގެން ރައްކާތެރިކޮށް ބެލެހެއްޓުން.

18. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާގުޅޭ ތަފާސްހިސާބު އެއްކޮށް، ބަލަހައްޓައި، ރިޕޯޓްތައް ތައްޔާރުކޮށް، ގަވާއިދުން ޝާއިޢުކުރުން.

19. މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.