1.   ދިވެހިރާއްޖޭގެ އިޤުތިޞާދީ ސިޔާސަތާއި، އިޤުތިޞާދީ ލަނޑުދަނޑިތައް ކަނޑައެޅުން.

2.   ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާއި އަމާޒުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ އިޤުތިޞާދު ބައްޓަންކޮށް ހަރުދަނާކުރުން.

3.   ރާއްޖޭގައި ސިނާއީ މަސައްކަތްތައް ކުރިއަރާނެ ގޮތްތައް ރާވައި، އެކަންކަން ހިންގައި ބެލެހެއްޓުން.

4.   ރާއްޖޭގެ އިޤުތިޞާދީ ޙަރަކާތްތައް، ޒަމާނާއެއްގޮތަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ރޭވުން.

5.   ރާއްޖޭގައި ބިދޭސީން އަމިއްލައަށް ވިޔަފާރި ހިންގުމާއި، ރާއްޖޭގައި ދިވެހިންނާ ގުޅިގެން ބިދޭސީން ވިޔަފާރި ހިންގުމާއި، އިންވެސްޓްކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި، އެ އިންވެސްޓްމަންޓުތައް ރަޖިސްޓަރީ ކުރުމާއި، މިކަންކަމާގުޅިގެން ހިންގަންޖެހޭ ކަންތައްތައް ގަވާއިދުން ހިންގައި ބެލެހެއްޓުން.

6.   ރާއްޖޭގައި ކުދި ފަންތިއާއި، މެދު ފަންތީގެ ވިޔަފާރިތައް (ސްމޯލް އެންޑް މީޑީއަމް އެންޓަރޕްރައިޒަސް) ތަރައްޤީކުރުމުގެ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ގެނެސް މިފަދަ ވިޔަފާރިތަކަށް ބޭނުންވާ މާލީ އަދި ފަންނީ ލަފާ ފޯރުކޮށްދޭނެ ނިޒާމެއް ގާއިމުކޮށް، ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިޒަސްއަށް ބޭނުންވާ ސިޔާސަތުތައް އެކަށައެޅުން.

7.   އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދާއިރާތަކަށް ބޭނުންވާ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް މިނިސްޓްރީން ދޭންޖެހޭ ފަންނީ ލަފާ ދިނުން.

8.   ރާއްޖެއަށް އެތެރެކުރާ ތަކެއްޗާއި، ރާއްޖޭގައި އުފެދޭ އަދި އުފައްދާ ތަކެތި ގަނެ ވިއްކުމުގެ ވިޔަފާރީގެ ކަންތައްތައް ބެލެހެއްޓުން.

9.   ޤާނުނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓްގެ ޤާނޫނު) ދަށުން ރާއްޖެއަށް މުދާ އެތެރެކުރުމާއި، ރާއްޖެއިން މުދާ ބޭރުކުރުމާބެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ތަންފީޒުކުރުން. އަދި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ އެކްސްޕޯޓް އިތުރުކުރުމަށް ސިޔާސަތުތައް އެކަށައަޅައި، އެ ސިޔާސަތުތައް ތަންފީޒުކުރުން.

10.     ވިޔަފާރިކުރާފަރާތްތަކުން ޢަމަލުކުރަންޖެހޭ ވިޔަފާރިއާގުޅޭ (ގަނެވިއްކުމާއި ޚިދުމަތްތައް ހިމެނޭގޮތުން) މިންގަނޑުތައް ކަނޑައެޅުމާއި ފެއަރ ޓްރޭޑާއި ގުޅޭ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކޮށް ހިންގުން.

11.     ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ތަންފީޒުކުރުން.

12.     ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގައި ބަޔާންކުރާ ވިޔަފާރި (ކުންފުނި، ޕާޓްނަރޝިޕް،  ކޯޕަރޭޓިވް ސޮސައިޓީ އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި) ރަޖިސްޓްރީކުރުމާއި، ވިޔަފާރި ރަޖިސްޓްރީކުރުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

13.     ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ދެނެގަނެ، ކަމާބެހޭ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

14.     ރާއްޖޭގައި އިންވެސްޓްކުރުމާބެހޭ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރަމުންދޭތޯ ބެލުމާއި، އިންވެސްޓްމަންޓްތަކާ ބެހޭ މަޢުލޫމާތުގެ އަލީގައި ދާއިރާގެ ސިޔާސަތު ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުން.

15.     ޤާނޫނު ނަންބަރު 2010/23 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި، އެގަވާއިދުތައް ހިންގުން.

16.     ޓްރޭޑްމާރކް، ލޯގޯ، ޑިޒައިން، ޕޭޓަންޓް ރައިޓްސް ފަދަ ފިކުރީ މުދަލުގެ ޙައްޤުތަކާ ބެހޭގޮތުން ނުކުންނަ ތަފާތު މައްސަލަތައް ބަލައި، އެކަމުގައި ހިމެނޭ ހުރިހައި ފަރާތްތަކެއްގެ މަޞްލަޙަތައް ވިސްނައިގެން، ބައިނަލްއަގުވާމީ ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތަށް އެކަންތައްތައް ނިންމުމާ ގުޅޭގޮތުން ހިންގަންޖެހޭ ގަވާއިދުތައް ހަދައި، އެ ގަވާއިދުތައް ހިންގުމަށް ކުރަންޖެހޭ ކަންތައްތައްކުރުން.

17.     އިޤުތިޞާދީ އެއްބާރުލުމާބެހޭ ބައިނަލްއަގުވާމީ ވިޔަފާރި ޖަމުޢިއްޔާތަކުގެ ތެރެއިން، ރާއްޖެ ބައިވެރިވާ ޖަމުޢިއްޔާތަކުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހަރަކާތްތެރިވުން.

18.     މަލްޓިލެޓަރަލް، ރީޖަނަލް އަދި ބައިލެޓަރަލް ފަންތީގައި ދިވެހިރާއްޖޭގެ ވިޔަފާރިއާއި، އިންވެސްޓްމަންޓުތައް ގާއިމުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމާއި، މި މަސައްކަތްތައް ފުޅާކުރުމާއި ކަމާބެހޭ މަސައްކަތްތައް ވިލަރެސްކުރުން.

19.     ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

20.     މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ ދަށުންނެވެ.

(ހ) އިންވެސްޓް މޯލްޑިވްސް

(ށ) މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ

(ހ) އިންވެސްޓް މޯލްޑިވްސްގެ މަސައްކަތްތައް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދާއެކު، މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން އަންނަނިވި ކަންކަން ކުރުން؛

1.       ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓުކުރާ މިންވަރު އިތުރުކުރުމަށް ޓަކައި ކޮންފަރަންސްތަކާއި ސެމިނާރުތައް ރާއްޖެއާއި ބޭރުގެ ޤައުމުތަކުގައި ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމާއި، އިންވެސްޓްމަންޓް ޕްރޮމޯޝަންގެ އެހެނިހެން ހަރަކާތްތައް ހިންގުމާއި، ބޭރުގެ އިންވެސްޓަރުންނާ ދިވެހި ވިޔަފާރިތަކާ އޮންނަ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ހަރަކާތްތައް ހިންގުން.

2.       ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއާ ގުޅޭ މަޢުލޫމާތާއި، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކުން ރާއްޖޭގައި ވިޔަފާރި ފެށުމަށް ނުވަތަ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

3.       ސަރުކާރުން ރާވައި ހިންގަން ކަނޑައަޅާ ބޮޑެތި މަޝްރޫޢުތަކުގެ އިންވެސްޓްމަންޓްތައް ޕްރޮމޯޓު ކުރުމުގެ  މަސައްކަތްތައް ކުރުން.

4.       ދިވެހިރާއްޖޭގެ އިޤުތިޞާދީ ތަރައްޤީއަށް މުހިންމު ދާއިރާތައްކަމަށް އިކޮނޮމިކް ކައުންސިލުން ކަނޑައަޅައި އިސްކަންދީފައިވާ ތަރުތީބުން އެ ދާއިރާތައް ރާއްޖޭގެ އިންވެސްޓަރުންނާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ޕްރޮމޯޓްކުރުން.

5.       ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓަރުން އިތުރުކުރުމަށްޓަކައި ޤައުމުތަކުގެ ސަރުކާރުތަކާއި ސަރަހައްދީ އަދި މަލްޓިލެޓަރަލް އިދާރާތަކާއި ޖަމާޢަތްތަކާއެކުގައި ހަރަކާތްތައް ހިންގުން.

6.       ރާއްޖޭގައި ބިދޭސީން އަމިއްލައަށް ވިޔަފާރި ހިންގުމަށާއި، ރާއްޖޭގައި ދިވެހިންނާ ގުޅިގެން ބިދޭސީން ވިޔަފާރި ހިންގުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތައް ދިރާސާކޮށް (އެޕްރެއިޒްކޮށް)، އެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުއްދަދިނުމާއި، މިކަންކަމާ ގުޅިގެން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

7.       ސަރުކާރުން ކުރިޔަށްގެންދަން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ އުސޫލުން ކުރިޔަށް ގެންދަން ކަނޑައަޅާ މަޝްރޫޢުތަކަށް، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު އިންވެސްޓަރުން ހޯދުމާއި، އެ މަޝްރޫޢުތަކަށް އިންވެސްޓްމަންޓް ހަމަޖެހެންދެން ޓްރާންސެކްޝަން ޕްރޮސެސް މެނޭޖްކުރުން.

8.       އަންސޮލިސިޓެޑް ޕްރޮޕޯޒަލް ޕޮލިސީގެ ދަށުން ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތަކާ ގުޅޭ އިދާރީ މަސައްކަތްތައް ހިންގުން.

9.       އިންވެސްޓްމަންޓްތަކާބެހޭ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތުގެ ބޭނުންކޮށްގެން ކަމާބެހޭ ދިރާސާތައް ކުރުން.

10.  ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެނޫން ޤާނޫނުތަކުން ބޯޑް އޮފް އިންވެސްޓްމަންޓުގެ މަސްއޫލިއްޔަތު ކަމުގައި ހަމަޖައްސާ ކަންތައްތައް އިދާރީގޮތުން ހިންގައި ބެލެހެއްޓުމާއި، އެ ބޯޑަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ފަންނީ އެހީތެރިކަމާއި އެހެނިހެން އެހީތެރިކަން ދިނުން.

11.  ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމުގައި ބޯޑް އޮފް އިންވެސްޓްމަންޓަށް އެހީތެރިވެދިނުން.

12.  ބޯޑް އޮފް އިންވެސްޓްމަންޓުން އެކުލަވައިލާ ޓެކްނިކަލް ކޮމިޓީގެ ކަންތައްތައް އިދާރީގޮތުން ހިންގައި ބެލެހެއްޓުމާއި، އެ ކޮމިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެހެނިހެން އެހީތެރިކަން ދިނުމާއި، ބޯޑް އޮފް އިންވެސްޓްމަންޓާއި ޓެކްނިކަލް ކޮމިޓީއާ ދެމެދު ވިލަރެސްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން.

13.  ބޯޑް އޮފް އިންވެސްޓްމަންޓްގެ ނިންމުންތައް ތަންފީޒުކުރުން.

(ށ) މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާ ގުޅިފައިވާ، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެކެވެ.
މި އޮތޯރިޓީގެ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

1.   ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު)ގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިންގ ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުން.

2.   ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގައި
އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ
ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

3.   ދުނިޔޭގެ މާލީ ބާޒާރުތަކަށް އަންނަމުންދާ ބަދަލުތަކަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތައް ދެނެގަތުމާއި، އެ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.

4.   ދިވެހިރާއްޖޭގެ މާލީ ބާޒާރުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ކުރިއަރުވައި، އެ ވިޔަފާރިތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމަށް، ޤާނޫނުތަކާއި އިދާރީ އަދި ރެގިއުލޭޓަރީ އޮނިގަނޑުތަކަށް ގެންނަންޖެހޭ އިޞްލާޙުތަކާ ގުޅޭގޮތުން ދިރާސާ ކުރުން.