1.  ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން، ދިވެހި ދައުލަތާއި ޤާނޫނީ ވެރިކަން ދިފާޢުކޮށް ހިމާޔަތްކުރުން. އަދި އެފަދަ ކަމެއް މީހަކު ނުވަތަ ބަޔަކު ކުރާނަމަ އެކަމެއް މަނާކޮށް ވަގުތުން ހުއްޓުވައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

2. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖޭގެ އާކިޕެލެޖިކަލް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި، ކަނޑާއި، އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވު ދިފާޢުކޮށް، ޙިމާޔަތްކުރުން. އަދި މިކަންކަމާބެހޭގޮތުން ހެދިފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގައި، ސަރުކާރަށް އެހީތެރިވުން.

3.  ވެހިރާއްޖޭގެ އިޤުތިޞާދީ ސަރަހައްދާއި އެ ސަރަހައްދުގައިވާ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް ބެލެހެއްޓުން. އަދި ރާއްޖޭގެ އިޤުތިޞާދީ ސަރަހައްދުގައި އެއްވެސް ބަޔަކު ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާކަން ނުވަތަ އެނޫންވެސް، ރާއްޖޭގެ ޤާނޫނާއި ޚިލާފުކަމެއް ކުރާކަން އެނގިއްޖެނަމަ، އެކަމެއް ބަލައި އެކަމެއް މަނާކޮށް، އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

4.  ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދާއި އަދި ސިޔާސީ ސަރަހައްދުގެ އެއްގަމާއި، ކަނޑާއި ވައިގެ ތެރެއިން، ބޭރު ޤައުމުތަކުގެ އުޅަނދުތަކާއި، މަތިންދާ ބޯޓު ފަހަރު ދަތުރުކުރުމުގައި ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެކަމެއް ބަލައި، އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

5.  ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި، ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުން.

6.   އަލިފާނުގެ ނުރައްކަލުން، ރައްޔިތުންނާއި އެމީހުންގެ މުދާ ސަލާމަތްކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

7. ރާއްޖެއަށް ދިމާވާ ޤުދުރަތީ ބޮޑެތި ހާދިސާތަކާއި، އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމާއި، އަދި އެފަދަ ހާދިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމާއި، އެކަން އާންމު ޙާލަތަކަށް ގެނައުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްވެ ހަރަކާތްތެރިވުން.

8. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކޮށް ތަޞްދީޤުކޮށްފައިވާ ބައިނަލްއަގުވާމީ އަދި ސަރަހައްދީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައި، މިނިސްޓްރީން ކުރުން ލާޒިމުކުރާ އެންމެހައި ކަންކަން ހިންގައި ތަންފީޒުކުރުން.

9.   ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބެލެހެއްޓުން.

10. ރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކަށް އަންނަ އަދި ފުރާ އުޅަނދުފަހަރާއި އެ އުޅަނދުފަހަރުން އެތެރެކުރެވޭ އަދި ބޭރުކުރެވޭ ތަކެއްޗާއި، އަންނަ އަދި ފުރާ މީހުންނާއި، ބަނދަރު ހިމެނޭ ސަރަހައްދުތަކަށް ވަދެނިކުމެވާ މީހުންނާއި، ވެއްދޭ އަދި ނެރެވޭ ތަކެތި ބެލުމާއި މިފަދަ ކަންކަން ބެލެހެއްޓުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.

11. ޤާނޫނާ ޚިލާފަށް ހިންގޭ ޢަމަލަކުން މަދަނީ ވައިގެ ދަތުރުފަތުރަށް އަރައިފާނެ ބުރުލަކުން އެ ސިނާއަތު ރައްކާތެރިކުރުމަށްޓަކައި ޢަމަލު ކުރާނެ ރައްކާތެރިކަމާ ގުޅުންހުރި ޤައުމީ މިންގަނޑުތައް ކަނޑައަޅައި، މި ކަންކަމާ ގުޅުންހުރި އިދާރާތަކުން އެ މިންގަނޑުތައް ތަންފީޒު ކުރަމުންދާކަން ކަށަވަރުކުރުން.

12. "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން" ގެ ސޭފްގާރޑިންގ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އެގެއިންސްޓް އެކްޓްސް އޮފް އަންލޯފުލް އިންޓަފިއަރެންސް އާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާ ގުޅުންހުރި، ދިވެހި ދައުލަތުން ކުރަންޖެހޭ ކަންކަން ކުރުމާއި އެކަންކަމާގުޅޭ ނިޒާމުތައް ގާއިމުކޮށް ހިންގައި ބެލެހެއްޓުން.

13. އެއަރ އެންބިއުލަންސާއި އެންބިއުލާންޗުގެ ޚިދުމަތް ދިނުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުމާއި، އެއްތަނުން އަނެއްތަނަށް ވައިގެ މަގުންނާއި ކަނޑުމަގުން ބަލިމީހުން އުފުލުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

14. އެއަރ އެންބިއުލަންސާއި އެންބިއުލާންޗުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު ދުއްވުމާއި، އެ އުޅަނދުފަހަރު ބަލަހައްޓައި މަރާމާތުކުރުމާއި، އެ އުޅަނދުފަހަރުގެ ރަޖިސްޓްރީއާއި، މިނޫންވެސް އެ އުޅަނދުފަހަރާބެހޭ ލިޔެކިއުންތައް ބެލެހެއްޓުމާއި، އެ އުޅަނދުފަހަރަށް ބޭނުންވާނެ ލޮޖިސްޓިކް ސަޕޯޓް ފޯރުކޮށްދިނުމާއި، އެ އުޅަނދުފަހަރަށް ފަޅުވެރިން ހަމަޖެއްސުމާއި އެފަރާތްތަކަށް ތަމްރީނު ދިނުން. 

15. ދިވެހިރާއްޖޭގެ ދިފާޢާއި، ޤައުމީ ސަލާމަތާބެހޭ ސިޔާސަތުތައް އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ވެރިޔާއަށް ލަފާދީ، އެހީތެރިވުން.

16. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި، ރާއްޖޭގެ ސިޔާދަތާއި ޤައުމީ ސަލާމަތާއި ޤާނޫނީ ވެރިކަމަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކަންކަމާބެހޭ މަޢުލޫމާތު އެއްކޮށް ދިރާސާކޮށް، އެންކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

17. ޤައުމީ މަޞްލަޙަތާއި އަމަންޢާންމަށް ގެއްލުމެއްވެދާނެ ކޮންމެ ކަމަކުން ދިވެހި ދައުލަތް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން.

18. ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު)ގެ ދަށުން މިނިސްޓްރީން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

19. ޤާނޫނު ނަންބަރު 2022/22 (ކެމިކަލް ހަތިޔާރު މަނާކުރުމުގެ ޤާނޫނު) ތަންފީޒުކުރުން.

20. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.

21. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

ތިރީގައި މިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުންނެވެ.

(ހ) އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

(ށ) ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ

(ނ) މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް

(ހ) އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މަސައްކަތްތައް

ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި އަންނަނިވި ކަންކަން ކުރުން:

1.   މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ހާލަތްތަކާއި ކަންކަން ދެނެގަނެ، އެފަދަ ހާލަތްތަކާއި ކަންކަމުގައި ވަގުތުން ފިޔަވަޅު އަޅައި އެކަންކަން ހުއްޓުވޭނެ ނިޒާމުތައް މަދަނީ ވައިގެ ބަނދަރުތަކުގައި ޤާއިމުކުރުން.

2. މަދަނީ ވައިގެ ބަނދަރުތަކުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ރައްކާތެރި މާޙައުލެއް ގާއިމުކޮށް ދެމެހެއްޓުމަށްޓަކައި ވައިގެ ބަނދަރުތަކުގެ އެންމެހައި ސަރަހައްދުތަކާއި، ވައިގެ ބަނދަރުތަކުގައި ހެދިފައިވާ ހާބަރުތަކާއި، ވަށައިގެންވާ ސަރަޙައްދުތަކުގައި ފޯރިމަރައި ބެލެހެއްޓުމާއިި، ވައިގެ ބަނދަރުތަކުގައި ޖައްސާ އަދި ފުރާ އުޅަނދުފަހަރާއި، ވައިގެ ބަނދަރުތަކުގެ ތަކެއްޗާއި ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުން.

3.  މަދަނީ ވައިގެ ބަނދަރުތަކުން ފުރައިގެންދާ އުޅަނދުފަހަރާއި، ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫންނާއި، އެމީހުން ގެންދާ ތަކެތި ބަލައި ފާސްކުރުން.

4. މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރިމަތިވެދާނެ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ ޕްލޭންތަކާއި، އިމަރޖެންސީ ރެސްޕޯންސް އަދި ކޮންޓިންޖެންސީ ޕްލޭންތައް ހަދައި، ފަރިތަކޮށް، އަދި ތަންފީޒުކުރުން.

5.  ދިވެހިރާއްޖޭގެ ނޭޝަނަލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (NCASP) ގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ތައްޔާރުކޮށްފައިވާ އެއަރޕޯޓް ސެކިއުރިޓީ ޕްރޮގްރާމް (ASP) އާއި އެއްގޮތަށް ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގައި ކަންކަން ބެލެހެއްޓުން.

6.  މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތަކަށް އެކަށޭނަ ޒަމާނީ ވަސީލަތްތަކާއި މެޝިންތައް ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.

7.      މަދަނީ ވައިގެ ބަނދަރުތަކުގައި ބޭނުންކުރެވޭ ސެކިއުރިޓީ ފާހުގެ ނިޒާމް ޤާއިމުކޮށް، އެނިޒާމު ހިންގުން.

8.  ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތައް ޓެރަރިޒަމާއި ޣައިރު ޤާނޫނީ ޢަމަލުތަކުން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ބޭނުންވާ މީހުން ބިނާކުރުމާއި، އޭވިއޭޝަން ކޮމާންޑްގެ އިންސާނީ ވަސީލަތް، ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޓްރޭނިންގ ޕްރޮގްރާމްގައި ކަނޑައެޅިފައިވާ މިންގަނޑުތަކާއި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ތަމްރީނުކޮށް ތަރައްޤީކުރުން.

9.      މަދަނީ ވައިގެ ބަނދަރުތަކުގައި ހިންގާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ތަޙުޤީޤުކުރުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

10. ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތައް ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގައި ތަންފީޒުކުރުން.

11. މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތައް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ތަންފީޒުކުރުން.

(ށ) ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ މަސައްކަތްތައް

1.      އެންޓި ޓެރަރިޒަމާއި، ކައުންޓަރ ޓެރަރިޒަމާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއް ގޮތުގައި މަސައްކަތްކުރުން.

2. ޓެރަރިޒަމުގެ ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފަރާތްތަކުން ފިޔަވަޅު އެޅުމުގައި ގެންގުޅޭ މިންގަނޑުތައް ބަލައި ދިރާސާކޮށް، އެ މިންގަނޑުތަކާއެއްގޮތަށް ރާއްޖޭގައި ކައުންޓަރ ޓެރަރިޒަމާއި އެންޓި ޓެރަރިޒަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބައްޓަންކުރުން.

3.    ދައުލަތުގެ އިދާރާތަކަށް ލިބޭ ޓެރަރިޒަމާ ގުޅުންހުރި މަޢުލޫމާތު އެއްކޮށް، އެނަލައިޒްކުރުން.

4.  ޓެރަރިޒަމަށް ވާގިވެރިވުމުގެ ގޮތުން ހިންގާ ޢަމަލުތަކާއި، އެފަދަ ޢަމަލުތައް ހިންގުމަށް ފައިސާ ހޯދާ މަގުތަކާއި، އެފަދަ ފައިސާ ދައުރުކުރާ ފަންޑުތަކާބެހޭ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.

5.   ޓެރަރިޒަމުގެ ޢަމަލު ހިންގާ ފަރާތްތަކާއި އެފަދަ ޢަމަލު ހިންގުމަށް އެހީތެރިވާ ފަރާތްތަކާއި، ޓެރަރިޒަމަށް ފައިސާ ޚަރަދުކުރާ ފަރާތްތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާބެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން.

6. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާފައިވާ ފަރާތްތަކަށް ފައިސާދީގެންނާއި، މަޢުލޫމާތާއި ތަމްރީނުދީގެންނާއި، މިނޫންވެސް ގޮތްގޮތުން ވާގިވެރިވެ އެހީތެރިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.

7.  އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާފައިވާ ފަރާތްތަކުން ރާއްޖޭގެ ސުލްޙަމަސަލަސްކަމާއި، އަމާންކަމަށް ނުރައްކާކުރުމަށް ހިންގާ ކަންތައްތަކާބެހޭ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކުރުން.

8.  އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާދިއުމަށް މެދުވެރިވާ ސަބަބުތަކާއި، ހާލަތްތަކާއި، އިޖުތިމާއީ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާބެހޭ ދިރާސާތައް ހަދައި، މިފަދަ ވިސްނުންތައް މުޖުމަޢުގައި އަށަގެންނެވުން ކުޑަކުރުމަށްޓަކައި އިޖުތިމާއީ ދާއިރާގެ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުން.

9.  އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާފައިވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް އަމާޒުކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމާއި، ޓެރަރިޒަމުގެ ޢަމަލުތައް ހިންގާފައިވާ ފަރާތްތަކާއި، އެފަދަ ޢަމަލުތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް (ޖަލުތަކުގައި ތިބި ޤައިދީންވެސް ހިމެނޭގޮތަށް) ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުން.

10. އެކިއެކި ވިސްނުންތަކުގައި ހައްދުފަހަނަޅާފައިވާ ފަރާތްތަކުން މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުން ހުއްޓުވުމަށްޓަކައި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ފެންވަރުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުން.

11. ކަންކަމުގައި ތިމާ ދެކޭގޮތް މުޖުތަމަޢުގައި އަށަގެންނެވުމަށް ބާރުގެ ބޭނުންކޮށްގެން ނުވަތަ ހަތިޔާރުގެ ބޭނުންކޮށްގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުން.

12. ޤައުމީ ފެންވަރުގައި ކައުންޓަރ ޓެރަރިޒަމަށް ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުން ޓެރަރިޒަމްގެ ހަމަލާތަކަށް ރެސްޕޮންޑް ކުރާނެގޮތުގެ ފަރިތަކުރުންތައް ބޭއްވުން.

13. ކައުންޓަރ ޓެރަރިޒަމުގެ ސިޔާސަތުތަކާއި، ސްޓްރެޓްޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި، ޤައުމީ ސަލާމަތާބެހޭ މަޖިލީހަށް ލަފަޔާއި، އިރުޝާދުދިނުން.

14. ކައުންޓަރ ޓެރަރިޒަމްގެ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، އެ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުން.

15. ޓެރަރިޒަމާގުޅޭ މަޢުލޫމާތު އެއްކުރުމުގައި ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުން.

16. ޓެރަރިޒަމާ ދެކޮޅަށް "ކައިނެޓިކް" އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެފަދަ އޮޕަރޭޝަންތައް ހިނގަމުންދާއިރު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

17. ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުން.

18. ބައިނަލްއަގުވާމީ، ސަރަހައްދީ އަދި ޤައުމީ ފެންވަރުގައި ޓެރަރިޒަމާގުޅޭ ޢިލްމީ ދިރާސާކޮށް، ދިރާސާ ކަރުދާސް ލިޔެ ޝާއިޢުކުރުން.

19. ޓެރަރިޒަމުގެ ނުރައްކަލާ ބެހޭގޮތުންނާއި، ޓެރަރިޒަމުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތަކާއި ބެހޭގޮތުން ދައުލަތުގެ އިދާރާތަކަށާއި، ސިނާއީ މަރުކަޒުތަކަށާއި، ޓޫރިސްޓް ރިސޯޓުތަކަށާއި، އިޖުތިމާއީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށާއި، އާންމު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރުކުރުން.

20. އެންޓި ޓެރަރިޒަމާއި ކައުންޓަރ ޓެރަރިޒަމާބެހޭ ކަންކަމުގައި ބޭރުގެ ފަރާތްތަކުން އެހީތެރިކަން ހޯދުމާއި، އެފަރާތްތަކާއެކު މަސައްކަތްކުރުން.

21. ޓެރަރިޒަމާބެހޭ ޤާނޫނާއި، ޓެރަރިޒަމާ ގުޅުންހުރި ޤާނޫނުތައް ސަލާމަތީ ބާރުތަކުންނާއި އެހެނިހެން އިދާރާތަކުން ތަންފީޒުކުރަމުން ގެންދާގޮތް އޮޅުންފިލުވައި، ހަރުދަނާކުރަންޖެހޭ ކަންކަން ދެނެގަނެ، އެ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއަށާއި ޤައުމީ ސަލާމަތާބެހޭ މަޖިލީހަށް ހުށަހެޅުން.

(ނ) މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްގެ މަސައްކަތްތައް

1.      ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ހައިޑްރޯގްރަފިކް ސަރވޭތައްކޮށް، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.

2.  ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ކުރާ ހައިޑްރޯގްރަފިކް ސަރވޭތަކުގެ މަޢުލޫމާތު ހޯދައި، މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.

3. ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ މަސައްކަތްތަކަށް ބޭނުންވާ ހައިޑްރޯގްރަފިކް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން.

4. ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް އާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިޢުކޮށް އަދާހަމަކުރުން.

5. ދިވެހިރާއްޖޭގެ ސަރަހައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމަށް ބޭނުންވާ ނިޔަމިކަމުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެފަދަ މަޢުލޫމާތު އާންމުކުރުން.

6. ދިވެހިރާއްޖޭގެ ކަނޑުތަކުގެ އޮއިވަރާއި ދިޔަވަރަށް އަންނަ ބަދަލުތަކާއި، ރަށްތަކަށާއި ގިރިފަރުތަކާއި ކަނޑުފަޅުތަކަށް އަންނަ ބަދަލުތައް ދެނެގަތުން.

7.  ހައިޑްރޯގްރަފީގެ ދާއިރާގެ ބައިނަލްއަގުވާމީ އޯގަނައިޒޭޝަންތަކާއި ޖަމުޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުމާއި، ހައިޑްރޯގްރަފީގެ ދާއިރާއިން ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

8.  ރާއްޖޭގައި ހައިޑްރޯގްރަފީގެ ދާއިރާ ކުރިއެރުވުމަށް ބައިނަލްއަގުވާމީ އެހީ (ގްރާންޓް) ހޯދައި، ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތްކުރުން.

9. ހައިޑްރޯގްރަފީގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، އެ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.